އެއިރު އަޅުގަނޑުމެން ދެމަފިރިންގެ ކައިވެންޏަށް 6 އަހަރެވެ. 2 ދަރިން ވަނީ ލިބިފައެވެ. އެއްދުވަހަކު ތަޅުމުގައި މޮޕްލާން އުޅެނިކޮށް ވެއްޓި ފައަށް ލިބުނު އަނިޔާއަކަށް ފަރުވާކުރަމުން ގޮސް ރަނގަޅުވީއިރު ހިނގެނީ ކުޑަ ކޮރެއްލަމުންނެވެ. އެކަން ފިރިމީހާއަށްވީ ވަރަށް ބޮޑު ކަމަކަށެވެ. އެކަމުގެ އަދަބެއްގެ ގޮތުން އެކުގައި ބޭރަށްދިއުން މުޅިން ހުއްޓާލިއެވެ. އެކުގައި ހިނގަން ނުގެންދާތަނުގައި ސައިކަލް ދުއްވަންވެސް ނުގެންދެއެވެ. އެހެންވެ އަޅުގަނޑަށް ޖެހުނީ ގޭގައި ބަންދުވެގެން އިންނާށެވެ.
އަޅުގަނޑަކީ ފިރިމީހާ އާއިއެކު ބޭރަށް ނުކުމެލަން ބޭނުންވާ މީހެކެވެ. އަދި ފައަށް އަނިޔާލިބުމުގެކުރިން އެކަމަކީ ކުރަމުން އައިކަމެކެވެ. ވީމާ ފިރިމީހާ ދިން އަދަބު އަޅުގަނޑަށް ބަލައެއް ނުގަނެވުނެވެ. އެވާހަކަ ފިރިމީހާ ގާތު ދެއްކުމުން ބުނަނީ ހިނގާއިރު އަޅުގަނޑަށް ކޮރުލެވޭތީ އެކުގައި ގެންދަން ލަދުގަންނަ ކަމަށެވެ.
ދެން ދުވަސްކޮޅެއްފަހުން އެނގުނީ ރޭގަނޑު އެހެން އަންހެނަކު ގޮވައިގެން ބުރުޖަހަން ފަށައިފިކަމެވެ. އެހެނަސް ޝަކުވާއެއް ނުކުރަމެވެ. އަޅުގަނޑަކީ އެހީތެރިވާނެ އެއްވެސް މީހަކު ނެތް އެކަނިވެރިއަކަށްވާތީ ކެތްތެރިވެގެން އިނީއެވެ. ކެތްތެރިވެގެން އިނީ ކަމަށްބުނިނަމަވެސް އެއީ ކިހައިވަރެއްގެ ބުރަ އަދި ވޭންހުރި ކަމެއްކަން އެނގޭނީ އެފަދަ ހިތާމައެއް ކުރަންޖެހުނު އަންހެނަކަށެވެ.
އަޅުގަނޑަށް ކޮރުޖެހުން ކުށްވެރިވީވަރުން ކޮރު ނުޖެހޭ އަންތބަކު ހޯދަން ބޭނުންވެގެން ދެވަނަ ކައިވެނި ކުރުމުންވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. މަސައްކަތްކުރީ ދެދަރިންނަށް ކިޔަވައިދީ ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯއެވެ.
ލިބުނު ހިތްދަތިކަމުގައި ކެތްތެރިވެގެން އިނުން ނޫން ގޮތެއް ނެތުމުން އެހެން އިންނަތާ 4 ވަނަ އަހަރެވެ. އެއިރު ދަރިން ދެކެލަންވެސް ނާންނަތާ މަހެއްހައި ދުވަސްވެސް ވެދާނެއެވެ. ފެނުނީ ފުރޮޅުލީ ގޮނޑިއެއްގައި އައިސް ވަންތަނެވެ. ވީދެރައިން އަވަސްއަވަހަސް ގާތަށް ގޮސް ގޮނޑީގެ އަތްގަނޑުގައި ހިފައިގެން ގޭތެރެއަށް ވެއްދީމެވެ. އެގޮނޑިން ތެދުވެ ސޯފާގައި އިށީނދެވުނީވެސް އެތައް ވަރަކުންނެވެ. ބުނީ ސައިކަލް އެކްސިޑެންޓެއްވީ ކަމަށެވެ. އެހިސާބުން އިތުރު އެއްވެސް ސުވާލެއް ނުކުރަމެވެ. އަޅުގަނޑުގެ ވާޖިބު އަދާކުރަމުން ގެންދިއައީމެވެ. ކޮރުޖަހަމުންވެސް ގޮވައިގެން ބޭސްއަޅައިކަންތައްކުރަން ހޮސްޕިޓަލަށްވެސް ދަމެވެ.
ކޮންމެއަކަސް ފައިރަނގަޅުވީއިރު ހިނގެނީ އަސައެއްގެ އެހީގައެވެ. ގޮވައިގެން ރަށަށް ގޮސް ދިވެހިބޭސްކޮށްގެން އަސައާއި ނުލާ ރީތިކޮށް ހިނގޭވަރުވީ 3 މަސްދުވަހުންނެވެ. އެއިގެ ފަހުން މިހާރު 12 އަހަރުވެއްޖެއެވެ. އެކްސިޑެންޓްވެގެން ގެއަށް އައިފަހުން ހަގު އަނބީގެ ވާހަކައެއް ނުދައްކައެވެ. އޭނާ ގާތަށް ގޮސްއުޅޭކަމެއް ވީގޮތެއް ނޭނގެއެވެ. ރަށުން އައިފަހުން އަޅުގަނޑު ގޮވައިގެން ބޭރަށްވެސް ދެއެވެ.
އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް ހީކުރަމެވެ. ފާހަގަކޮށްލަން ބޭނުން ދެކަމެއް އެބައޮތެވެ. އެއްކަމަކީ ކުށެއް ނެތި އަނބިން ހިތުގައި ނުޖައްސަން ބުނުމެވެ. އެކަން އެމީހަކާއި ބައްދަލުކުރާނެ ގޮތެއް ނުވެސް އެނގޭތީއެވެ. ދެވަނަ ކަމަކީ ދިރިއުޅުމުގައި ހިތާމަވެރި ގޮތެއް މެދުވެރިވިނަމަވެސް ކެތްތެރިވެ ދުޢާކުރުމުގައި ސާބިތުވުމުގެ މުހިންމުކަމެވެ. ކިރިޔާވެސް ކެތްކުރެވޭނަމަ ވަރިއަށް ނުއެދި މަޑުކޮށްލައިފިނަމަ ރަނގަޅު ގޮތެއް މެދުވެރިވެދާނެކަން އަޅުގަނޑަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ.
- ރުކްސާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް