މިހާރަކަށް އައިސް ދެއަންތބަށް ކައިވެނިކުރާ ގިނަ މީހުން އެކަންކުރަނީ ކޮންމެވެސް އެކުވެރިއަކު އެކަންކޮށްގެން އުޅޭތީއެވެ. އެކަންކޮށްގެން އޭނާއަށް އުޅެންޖެހޭ ޙާލާއިމެދު ވިސްނައިލެވެނީ މަދުމީހަކަށެވެ. އެކަމުގެ ޙަޤީޤަތް ބަލަނީވެސް މަދުމީހެކެވެ. މީގެ އިތުރުން ތިމާގެ ހައިބަތު ދެއްކުމަށާއި ތިމާގެ ހުރި މޮޅުކަން ދައްކަންވެސް އެބަ ދެއަންތބަށް ކައިވެނިކުރެއެވެ.
ދެއަންތބަށް ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. އެކަން މައްސަލައަކަށްވަނީ ހުރި އެންމެ އެނބިމީހާ އާއި ދަރިންގެ ބޭނުންތައްވެސް ފުއްދައިނުދެވޭ ޙާލު އެކަންކުރާތީއެވެ. ހުރި އަނބީގެ ގާތުގައިވެސް ބިޒީކަމުން ރޭނުކުރެވޭ، އޭނާއަށް ވަގުތު ނުދެވޭ ޙާލުގައިވެސް ދެވަނަ އަންތބަކު ހޯދާތީއެވެ.
ކިތަންމެ ރީތި އަންތބަކު ލިބުނު ނަމަވެސް، ކިތަންމެ ތެދުވެރި އޯގާތެރި، ހިތްހެޔޮ އަންތބަކު ލިބުނު ނަމަވެސް ހިތް ނުފުރޭ މީހުން ވަރަށް ގިނައެވެ. އިތުރުކުރަމުން ގޮސް 4 އަނބިން ހަމަވި ނަމަވެސް އެފަދަ މީހުންގެ ހިތެއް ނުފުރޭނެއެވެ. 5 ވަނަ ޢަންބަކަށްވެސް އެދޭނެއެވެ. 4 އަނބިން ތިބެމެ ވަގު އަނބިން ގެންގުޅޭ މީހުން ވެސް އުޅޭކަން އެއީ މިކަމުގެ ހެއްކެކެވެ.
މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! މިހެން މިކަން މިވަނީ ބަލައިގެން ނުވާނެ ތަންތަނަށް ބެލޭތީއެވެ. އިސް ތިރި ނުކުރެވޭތީއެވެ. އެއީ ވަރަށް ދެރަކަމެކެވެ. ޝައިޠާނާ ހިތުގެ ތެރެއަށް ވަދެގަންނަނީއެވެ. ބަލަން ނުވާ ތަންތަނަށް ބެލުމަކީ ޝައިޠާނާއަށް ދެވޭ ދަޢުވަތެކެވެ. އެކަމުގެ ސަބަބުން މީހާ އެދަނީ މަގުފުރެދި ހަލާކުގެ ތެރެއަށެވެ. އަމިއްލަ ޢާއިލީ ދިރިއުޅުންވެސް އެދަނީ ރޫޅިގެންނެވެ. ދަރިންކޮޅު އެދަނީ ނިކަމެތިވެގެންނެވެ. ދިރި ތިބެ ޔަތީމްވަމުންނެވެ.
ތިމާގެ ކިބައިގައި މާލީ ތަނަވަސްކަން ހުރި ނަމަވެސް ޙާޞިލް ނުކުރެވޭނެ ކަންތައްތަކެއް ހުންނާނެކަން ޤަބޫލުކުރާށެވެ! ތިމާ އެދޭ ހުރިހާ ކަންކަން ހަމަ ހިތަށް އަރުވައިލާއިރަށް ޙާޞިލްވާނީ ހަމައެކަނި ސުވަރުގޭގައެވެ. އެއީ މިދުނިޔޭގައި ލިބެން އޮތް ނިޢްމަތެއް ނޫނެވެ. ވީމާ އެ ނިޢްމަތް ބޭނުން ނަމަ ސުވަރުގެ ހޯދަން ގަދައަޅައި ަމސައްކަތްކުރާސެވެ!
ފައިސާ ހުރީތީ އަނބިން ގިނަކުރެވިދާނެއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! އަނބިން ގިނަކުރާ މީހުންގެ ތެރެއިން އެކަމުގެ ހިތްހަމަ ޖެހުން ލިބެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ސިކުނޑިއަށް އަރާމެއް ލިބެނީ ކިތައް މީހުންނަށް ހެއްޔެވެ؟
"ރަޙްމަތްތެރިޔާއެވެ! މި ނަޞޭޙަތް ދޫނުކުރާށެވެ! ސިކުނޑިއަށް އަރާމެއް ބޭނުން ނަމަ އަނބިން ގިނަ ނުކުރާށެވެ. މަދު މީހަކަށް ނޫނީ އެކަން ވާނީ ބޮލުގައި އުކުނު އެޅުން ފަދަ ކަމަކަށެވެ. އަބަދުވެސް ހުންނަން ޖެހޭނީ ބޯ ކަހަކަހައެވެ!" މިއީ އަހަރެން ބުނި ބަހެއް ނޫނެވެ. މިއީ އެންމެ ދެ އަނބިން ގެންގުޅޭ ސައުދީ މަހުޖަނަކު އޭނާގެ ވަރަށް ގާތް ރަޙްމަތްތެރިއަކަށް ދިން ނަޞޭޙަތެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން