މުސްލިމުންގެ ވެރިންގެ ގޮތުގައި މިއަދު ތިބި މީހުން ކުރާ ގިނަ އަމުރުތައް ނެރެނީ އދ އަކީ އެންމެ މަތީ ފަރާތް ކަމަށް ބަލައިގެންނެވެ. ޤާނޫނުތައްވެސް ފާސްކުރަނީ ހަމަ އެވިސްނުމުގައެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ޙަދީޘްފުޅުތައް ބޮލާލާ ޖަހައިފައެވެ.
ސިޔާސަތުތައް ހަދަނީ ބާރުގަދަ ތަނަވަސް ޤައުމުތަކަށް ބޯލަނބައިގެންނެވެ. މުސްލިމުންގެ ޙައްގުތައް ނިގުޅައިގަންނައިރުވެސް ބަހެއް ބުނާކަށް ނުކެރެއެވެ. ތިބެނީ އަޅުވެތިވެގެންނެވެ. ނަމަވެސް މުސްލިމުން އަވަށްޓެރި ނަމަވެސް ކާފިރުންނާއި ގުޅިގެން އުޅުން އޮތީ އެމީހުން މުސްލިމުންގެ ޙައްޤުތަކަށް އަރައި ނުގަންނަ ނަމައެވެ. އަރައިގަންނަ ނަމަ އޮތީ އެބައަކާއި ދުރުހެލިވުމެވެ.
މުސްލިމުން ބަލައި ކިޔަމަންވާން އޮތީ ޤުރްއާނަށާއި ރަސޫލް ﷺ ގެ ސުންނަތަށެވެ. ދެބަސްވުން އުފެދިއްޖެނަމަ ވެރިންގެ އަމުރުގެ ކުރިއަށް ނެރެން އޮތީވެސް ޤުރްއާނާއި ރަސޫލް ﷺ ގެ ސުންނަތެވެ.
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (އައްނިސާ: 59)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން