އަޅުގަނޑުވެސް ފަށާނީ އަޅުގަނޑުގެ ކުށަށް އިޢްތިރާފްވަމުންނެވެ. އަޅުގަނޑުގެ އެންމެ ޒުވާން އުމުރު ހޭދަކުރެވުނީ ރަނގަޅަކަށް ނޫނެވެ. އޮފީސް ނިމޭއިރަށް ޚާއްޞަކޮށް އިރުއޮއްސުމާއިއެކު އިންތިޒާރުކުރެވެނީ ކޮންމެވެސް މީހަކު ކޮފީއަކަށް ގުޅާނެ ވަގުތަކަށެވެ. އެކަމުން ލިބިދާނެ ގެއްލުމަކާއިމެދު ވިސްނައިވެސް ނުލެވެއެވެ. އެހެންވެ މިކުރެވެނީ ކުށެއްކަން ހިތަކަށް ނުވެސްއަރައެވެ.
އެގޮތަށް ކޮފީއަށް ގޮސް އުޅުނު އުޅުމުގައި ބައްދަލުވި ޒުވާނަކު ވަރަށް ކަމުދާން ފެށިއެވެ. ނަމަވެސް އެފަދަ ބަހެއްވެސް ނުބުނަމެވެ. އަދި ޢަމަލަކުންވެސް އެކަމެއް ނުދައްކަމެވެ. އެހެން ހުއްޓާ ދުވަސްކޮޅަކުން އެކަން އޭނާއަށްވެސް އެނގިއްޖެއެވެ. ތައްރީފްގެ ބަސްތައް ބުނަން ފަށައިފިއެވެ. އިންތިހާއަށް ލޯބިވާކަން ހާމަކުރަން ފަށައިފިއެވެ. ނަތީޖާއަކަށްވީ އޭނާގެ ބަސްތައް ޤަބޫލުކުރެވި އޭނާ އާއި ގުޅެވުމެވެ.
ދެން ބުނަން އޮތީ ވަރަށް ލަދުވެތި ވާހަކައެކެވެ. ނަމަވެސް ކަންކަން ހިނގައިދިއަ ގޮތްކަމަށްވުމުން ފޮރުވާކަށް ނެތީމެވެ. ކައިވެނިކުރާނެ ދުވަސް ކަނޑައަޅައި އެ ތަރީޚް ކަނޑައެޅިފަހުން އަޅުގަނޑުމެންނަށް އުޅެވުނީ ދެމަފިރިން އުޅޭނެ ގޮތަށެވެ. އެއީ އަޅުގަނޑުކޮށްގެންނުވާނެ ކަމެއްކަން އެއިރަކު އަޅުގަނޑަކަށް ނުވިސްނުނެވެ.
ދެންވީގޮތަކީ ކައިވެނިކުރާ ތާރީޚް ފަސްކުރަން ފެށީއެވެ. އަބަދުވެސް އަންނަ މަހުއެވެ. އަންނަ މަސްކަމަށްބުނާ މަސް ނައިސް 6 މަސް ދުވަސް ފާއިތުވެގެންދިއައިރު އަޅުގަނޑު ބަލިވެ އިނދެއްޖެއެވެ. އެވާހަކަބުނުމުން ބުނީ "އަވަހަށް ދަރިފުޅު ވައްޓާލާށެވެ! ތިއަ ކައިވެނި ކުރެވޭކަށް ނެތެވެ."
ވަރަށް ދެރަވިއެވެ. ބުނެވުނެވެ. "އަހަރެން ވަރަށް ރީތިވެ ކައިވެނިކުރަން ދުވަސްކަނޑައަޅައި ރަންކިޔުއްވަންވެސް އުޅެ އެކަންކަންކުރީ މިހައި ބޮޑު ދެރައެއް ދޭންހެއްޔެވެ؟ ކިތަންމެ ބޮޑު ފަޟީހަތެއްވާންޖެހުނަސް، ވަޒީފާ ގެއްލުނަސް ދަރިފުޅު ވައްޓައެއް ނުލާނެވެ. އެއީ ނުފުއްސަވާނެ ފާފައެއްކަމަށް ބުނާއަޑު އަހަމެވެ. ކުރެވުނު ފާފައެއް ކުރެވުނީއެވެ. އަހަރެން ތައުބާވެ ރަނގަޅަށް އުޅޭނީއެވެ."
އޭނާގެ ޖަވާބު އެނގޭހެއްޔެވެ؟ "ހިލޭ ފިރިހެނަކު ގުޅާލާއިރަށް ކޮފީއަށް ގޮސް ލޯބިވަމޭ ބުނާއިރަށް ހަށިގަނޑު ޙަވާލުކުރާ އަންހެނުންގެ އޮންނާނީ ކޮން އަގެއް ހެއްޔެވެ؟ ސިފަ ރީތިނަމަވެސް ދިރިއުޅުމުގައި އޮންނާނީ ކޮން ރީތިކަމެއް ހެއްޔެވެ؟ ކަލޭ ބޭނުން ގަނޑެއް ގަންނާށެވެ! އަހަރެން ޢުމުރަށް ސަލާމެވެ.!"
އެހިސާބުން އަޅުގަނޑުގެ ކުށް ޤަބޫލުކުރީމެވެ. އޭނާ އެބުނީ އަޅުގަނޑަށް އެހައިތަނަށް ނުވިސްނި ހުރި ކަންކަމެވެ. އަޅުގަނޑަށް މިދެރަ މިލިބުނީ ހަމަ އަޅުގަނޑުގެ ކުށުންކަމަށް ޤަބޫލުކުރީމެވެ. އަޅުގަނޑު ނިންމީ އެހިސާބުން ޢަމަލުތައް އިޞްލާޙްކުރާށެވެ! އަމިއްލަ ނަފްސް ސޭލް އަޅުވައިގެން ދުވަހަކުވެސް ނުއުޅުމަށެވެ. އަދި ރޭގަނޑު ބޭރަށް ދިއުމުގެ ބަދަލުގައި އަވަހަށް ނިދައި ރޭ އަޅުކަންކުރާ އެކުވެރިންގެ ތެރޭގައި ހިމެނުމަށެވެ. އެއެކުވެރިން ދެމުން އައި ނަޞޭޙަތް ޤަބޫލުނުކުރެވުުގެ ނަތީޖާ ފެނުނީކަމަށްވެސް ޤަބޫލުކުރީމެވެ.
ހަމަ އެރެއިން ފެށިގެން އެކުވެރިން ބަދަލުކުރީމެވެ. ރަނގަޅު އެކުވެރިން ބުނި ގޮތަށް ޢަމަލުތައް އިޞްލާޙްކުރީމެވެ. ތައުބާވީމެވެ. ފާފަފުއްސަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަންފެށީމެވެ. ނަތީޖާ އެނގިލައްވާތޯއެވެ؟ ދެވަނަ މަހު ޑޮކްޓަރަށް ދެއްކުމުން ބަލާފައި ބުނީ އަލުން ޓެސްޓް ހެދުމަށެވެ. ޓެސްޓް ހެދިއިރު ބަލިވެ އިންކަމަށް ނުވިއެވެ. 3 ވަނަ މަހުވެސް ދެއްކީ ހަމަ އެގޮތަށެވެ. އަދި ޑޮކްޓަރުގެ ކިބައިން އެނގުނީ ފުރަތަމަ ދެވުނު ނަތީޖާއަކީ އޮޅުމަކުން ދެވުނު އެހެން މީހެއްގެ ނަތީޖާކަމެވެ. އޭނާއަށް ނެގަޓިވް ނަތީޖާއެއް ދެވިފައިވީކަން އެއިރު އެނގިފައިވާ ކަމެވެ. ދެނަތީޖާ އޮޅުނީއެވެ.
ކޮންމެއަކަސް އެ ނަތީޖާ އޮޅުން ވެގެންދިއައީ އަޅުގަނޑުގެ ނަފްސް ނަރަކައިން ސަލާމަތްކުރަން ލިބުނު ފުރުޞަތަކަށެވެ. އުޅެވެމުން އައި އާވާރާ ދިރިއުޅުން ދޫކޮށްލައި އިޞްލާޙްވާން ލިބުނު ފުރުޞަތަކަށެވެ. ލޯބިވާކަމަށްބުނެ ދެރަދެމުންދާ ފިރިހެނުންނާއިމެދު ހޭލުންތެރިވާންވެސް ލިބުނު ފުރުޞަތަކަށެވެ.
ތަޤްވާވެރިކަމާއިއެކު ދިރިއުޅެވޭނެ މަގު ދައްކަވައިދެއްވެވުން އެދި ކުރަމުން އައި ދުޢާއިން މިއަދު އަޅުގަނޑަކީ 2 ދަރިންގެ މަންމައެވެ. ފިރިމީހާއަކީ ވަރަށް ހެޔޮލަފާ ތަޤްވާވެރިއެކެވެ. ދިރިއުޅެމުން މިދަނީ ވަރަށް އުފާވެރިކަމާއިއެކުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ވަކި ވާހަކައެއް ބުނާކަށް ނެތީމެވެ. އުންމީދުކުރަނީ އަޅުގަނޑުގެ މިވާހަކަކޮޅުގައި ވަރަށް ގިނަ ވާހަކަ ބުނެވިއްޖެކަމަށެވެ. ޚާއްޞަކޮށް އަޅުގަނޑަށް އެއިރު އުޅެވުނު ގޮތަށް އުޅެވޭ އަންހެނުންނަށް ޢިބްރަތަކަށް ވާނެ ކަމަށެވެ.
- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް