ތަނަވަސްކަން ދެއްވެވުމުން މަރާމެދު ޣާފިލުވުން: މީހަކަށް ކުރެވޭނެ އެންމެ ގެއްލުންހުރި ކަންތައް!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 15ސ
ތަނަވަސްކަން ދެއްވެވުމުން މަރާމެދު ޣާފިލުވުން: މީހަކަށް ކުރެވޭނެ އެންމެ ގެއްލުންހުރި ކަންތައް!

(وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا ﴿٤٥) 

މާނައަކީ: "ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ." 

މި އާޔަތުގައި މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަމުރު ކުރައްވަނީ، އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ހެނދުނާއި ހަވީރު ﷲ އަށް އަޅުކަންކުރާ އިޚްލާޞްތެރި މުއިމިނުން ދޫކޮށްލުމަށް އެދި ހުށަހަޅާ މުޝްރިކުންގެ ގާތުގައި ވިދާޅުވާށެވެ. އެބައިމީހުންނަށް މިދުނިޔޭގެ ޙަޔާތުގެ ޙަގީގަތަކީ ކޮބައިކަން ދޭހަވާފަދަ މިޘާލެއް ޖައްސަވާށެވެ. އޭރުން އެބައިމީހުން ދުނިޔެ އާއި އާޚިރަތް އަޅާކިޔާ، އަދި އެދެތަނުންކުރެ ބޮޑަށް އިސްކަންދޭންވީ ކޮންތަނެއްކަން އެބައިމީހުން ނިންމާނެއެވެ. މިދުނިޔޭގެ މިޘާލަކީ އުޑުން ވެއްސަވާ ވާރޭފަދަ މިޘާލެވެ. ވާރޭވެހި ބިމުގެ ފަސްގަނޑުގައި ޖެހުމުން ގަސްތަކަށް ތާޒާކަންލިބި ހެދިގަނެއެވެ. އަދި އެގަސްތަކުގައި މާއަޅާ ބަލާމީހަކަށް ނިކަން ހިއްގައިމު ރީތި މަންޒަރުތަކެއް ފެނިގެންދެއެވެ.

ދެން އެޔަށްފަހު ވަޔާ ބުރައިގެންދާ ހިކި ކުނޑިތަކަކަށްވުމުން، އެއްކަލަ ގަސްތަކުގެ ޗާލުކަން ގެއްލިގެންދެއެވެ. އަދި ބަލައިލަން ރީތި މާތައް ހަލާކުވެގެންދެއެވެ. އަދި ބިންގަނޑު ގަހެއް ނެތް ހިރަފުސް ވެއްޔަށް ވެގެންދެއެވެ. މިދުނިޔެ އަކީވެސް އެފަދަ ތަނެކެވެ. މީހަކަށް މިދުނިޔޭގެ ޒީނަތްތެރިކަން ލިބުމުން، އެޔަށް ހެއްލި، އާޚިރަތްމަތިން ހަނދާން ނައްތާލައިފިނަމަ، މަރު އައިސް ބައްދަލުކުރާ ހިނދު، ނުވަތަ ތިމާ އަށް ލިބިފައިވާ މުދާތައް ހަލާކުވެއްޖެ ހިނދުގައި، ތިމާ އަށް ދުނިޔޭގައި ލިބިފައިވާ ހުރިހާ އުފަލަކާއި ޒީނަތްތެރިކަމެއް ގެއްލިގެންދެއެވެ. އެހިނދުގައި އޭނާގެ ދެއަތުގައި ދަތް އަޅާފައި ސަހަރޯއޭ ހިތައް އަރާނެއެވެ. އަދި ހެޔޮ ޢަމަލު ކުރެވުނު ނަމަޔޭ ހިތައް އަރާނެއެވެ. ނަމަވެސް އޭރު ވަގުތުވަނީ ފާއިތުވެގެން ގޮސްފައެވެ. ހިތާމަ ކުރުމަކުން ފައިދާ އެއް ނުކުރާ ހިސާބަށް ކަންތައް އޮންނަނީ ގޮސްފައެވެ. 

އެހެންކަމުން، ބުއްދިވެރިޔަކު ނަމަ، މިދުނިޔޭގެ ޒީނަތްތެރިކަމުން އާޚިރަތް ބާއްޖެވެރި ކުރެވޭތޯ ބަލާނެއެވެ. 

(وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا) އެމީހާގެ ބަގީޗާ އަށް ވަން ހިނދުގައި (مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا) "މި ނިޢްމަތްތައް ތިމަންނާގެ އަތުން ދުވަހަކުވެސް ގެއްލިގެން ނުދާނެއޭ" ބުނި މީހާގެ ބަގީޗާ އެއްކޮށް ހަލާކު ކުރެއްވުމަށް ކުޅަދުންވަންތަވި، އަދި އެނޫންވެސް އެމީހަކަށް ދެއްވާފައިވާ މުދަލުން އޭގެ ޙައްގުވެރިންނަށް ނުދީ އުޅޭ މީހުންގެ މުދާ ނެތި ކުރެއްވުމަށް ކުޅަދުންވަންތަ، އަދި ދުނިޔެ އާއި ދުނިޔޭގައިވާހާ އެއްޗެއް ފަނާކުރެއްވުމަށް ކުޅަދުންވަންތަ، އަދި އެނޫންވެސް އެކަލާންގެ އިރާދަކުރެއްވި ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ވޮޑިގެންވެއެވެ. އެކަލާންގެއަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއް ނުވެއެވެ.

އެހެންކަމުން، މުދަލުގެ އަހްލުވެރިން އެމުދާ ގިނަކަމަށްޓަކައި ފަޚުރުވެރި ނުވާށެވެ. އަދި އެހެން މީހުންގެ މައްޗަށް ބޮޑާވެ ނުގަންނާށެވެ. އަދި ދުނިޔެ އާއި ދުނިޔޭގައިވާ ޒީނަތްތެރި ކަމަށް ހެއްލި ނުގަންނާށެވެ. ދުނިޔޭގެ މިޘާލަކީ ވާރޭފެން ލިބުމުގެ ސަބަބުން ހެދި ބޮޑުވެ ޗާލުވެފައިވާ ގަހެއްގެ މިޘާލެވެ. އުޑުން ފެންލިބުން ހުއްޓުމާއި އެކު އެގަހުގެ ބޭނުން ކެނޑިގެންދެއެވެ. އޭގެ ޗާލުކަން ގެއްލި، ހިކި ކުނޑިއަށް ބަދަލުވެގެން ދެއެވެ. މީހަކު އެޔަށް ބަލާހިތް ނުވާފަދަ އެއްޗަކަށްވެގެންދެއެވެ. އެހެންކަމުން، ފަނާވުމެއް ނުވާ އާޚިރަތުގެ ބާއްޖެވެރިކަން ޙާޞިލް ކުރަން ގަދައަޅާ މަސައްކަތް ކުރާށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން ބަޔާން ކުރައްވާ ސޫރަތު ޔާސީންގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢ ) މާނައަކީ: "އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ."

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން