ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން އެންމެ ފުރިހަމައަށް ނުކުރެވުނަސް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކޮށްދޭނަމަ ރަހްމަތް އިތުރުވާނެ!: މުފްތީމެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން އެންމެ ފުރިހަމައަށް ނުކުރެވުނަސް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކޮށްދޭނަމަ ރަހްމަތް އިތުރުވާނެ!: މުފްތީމެންކް

ދެމަފިރިން ކުރެ ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ވީހައި ރަނގަޅަކަށް ކަންކަން ކުރަން މަސައްކަތްކުރާށެވެ. އަހަރެމެންނަކީ އިންސާނުންނެވެ. ވީމާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ނުކުރެވިދާނެއެވެ. އެއީ ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. ކަންބޮޑުވާން ޖެހޭނީ ވީހައި ރަނގަޅަކަށް ކަންކަން ކުރަން މަސައްކަތް ނުކުރެވޭ ނަމަ އެކަމަށެވެ.

މިބުނި ގޮތަށް ކަންކަން ކުރެވޭނަމަ ތިބާގެ މަސައްކަތް އެދަނީ ފުރިހަމަކުރެވެމުންނެވެ. ހަމަ އެއާއިއެކު ކުށެއް ކުރެވިއްޖެ ނަމަ އެކަން ޤަބޫލުކުރާށެވެ! އެހެން މީހެއްގެ ބޮލުގައި އަޅުވަން އުޅުމުގެ ބަދަލުގައި އަމިއްލައަށް އެކަމުގެ ޒިންމާ ނަގާށެވެ! އަދި ކުރެވޭ ކޮންމެ ކުށަކުން ޢިބްރަތް ހާޞިލުކޮށް އެކަން ތަކުރާރުވިއަ ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ!

މިބުނި ބީދައިން މަސައްކަތްކުރާ ނަމަ އެމީހަކަށްވުރެ އުފަލުގައި ދިރިއުޅެވޭނެ މީހަކު ނުހުންނާނެއެވެ. އެހެނީ އުފާވެރިކަން ލިބިގަތުމަށްޓަކައި އެންމެ މުހިންމީ އެމީހަކަށް ކުރެވޭ ކަންކަން އެންމެ ފުރިހަމައަށް ކުރެވޭ ކަމުގެ ޔަޤީންކަން އެމީހަކަށް ލިބިފައި އޮތުމެވެ.

އުފާވެރި، ބާއްޖަވެރި ޙަޔާތަކަށް އެންމެ މުހިންމީ ކުރާ ކަންކަމުގައި އިޚްލާޞްތެރިވުމެވެ. ތެދުވެރިވުމެވެ. ހީވާގިވުމެވެ. މި ސިފަތައް އެމީހެއްގެ ކިބައިގައި ހަރުލައްވައިފި މީހަކު ދެރަވެ ނިކަމެތިވެގެން އުޅޭކަށް ނުޖެހޭނެއެވެ.

މިބުނި މަގުން ޢަމަލުކުރާނަމަ ﷲ ގެ ރަޙްމަތް ދާނީ އެބައަކަށް އިތުރުވަމުންނެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން