ބައަކު އެއްވެ ތިބެ ނުބައި ކަންކަމުގެ ވާހަކަ ދައްކައި ޣީބަ ބުނެ ހަދާނަމަ އެބައެއްގެ ވަސައިގެން ތިބޭނީ ޝައިޠޯނުންނެވެ. ނަމަވެސް ކާމޭޒުތަކާއި ކޮފީ މޭޒުތައް ވަސައިގެން ރަޙްމަތުގެ މަލާއިކަތުން ތިއްބަވާނެ ގޮތަށް ޢަމަލުކުރުމުގެ ފުރުޞަތުވެސް އެބަ އޮތެވެ! އެކަމަށް އެދޭނަމަ ކުރަން އޮތްކަމަކީ އެފަދަ މަޖިލިސްތަކުގައި ﷲ ތަޢާލާގެމަތިން ހަނދުމަކުރުމެވެ. ޛިކުރުކުރުމެވެ.
ޛިކުރުކުރުމަކީ ހިތަށް ހަމަޖެހުމާއި ހިތް ޠާހިރުކޮށްދޭނެ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ (الرعد: 28)
މާނައީ: "އެބައިމީހުންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެބައިމީހުންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
ޙަދީޘްގައި އައިސްފައިވެއެވެ.
((لَا يَقْعُدُ قَوْمٌ يَذْكُرُونَ اللهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ الْمَلَائِكَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَنَزَلَتْ عَلَيْهِمِ السَّكِينَةُ، وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ))([3])
މާނައީ: "އެއްވެސް ބަޔަކު ﷲ عزّ وجلّ މަތިން ހަނދުމަކުރުމަށްޓަކައި އިށީނދެއްޖެކަމުގައިވާނަމަ، މަލާއިކަތުން އެބަޔަކު ވަށާލައްވައި، އަދި ރަޙުމަތް އެބަޔަކު ފޮރުވާލައި، އަދި އެބައެއްގެ މައްޗަށް ހިތްހަމަޖެހުން ފައިބައި، އަދި ﷲ އެކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ އަރިހުގައި އެބައެއްގެ މަތިން ހަނދުމަނުކުރައްވާ ނުދެއެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން