މިއަދަކީ އެދުވަހަކާއިމެދު ރަސޫލް (ޞޢވ) ކީރިތި ކުރެއްވެވި ދުވަހެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މިއަދަކީ އެދުވަހަކާއިމެދު ރަސޫލް (ޞޢވ) ކީރިތި ކުރެއްވެވި ދުވަހެވެ!

ގިނަ މީހުން ބުނަނީ އަހަރެމެންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަންނަންހުރި ދުވަހެއް އަންނާނެއެވެ! އަންނަން އޮތް ދުވަހެއް އައުމަކީ މުޅިން ތަފާތު ކަމެކެވެ. ބުއްދި ސަލާމަތުން ހުރިނަމަ ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު ކުރަންޖެހޭ ކަންކަން ކުރުމެވެ. އެމީހެއްގެ ވާޖިބު އަދާކުރުމެވެ. ތިމާ އިޞްލާޙްވާން މަސައްކަތްކުރުމެވެ.

މިހާރު ހިނގަމުންދާ ނުބައި ކަންކަން ފާހަގަކުރުމުން ކުރިން އުޅުނު މީހުން ނުވަތަ މީހަކު މާނުބައި ކަންކަން ކުރިކަމަށް ބުނުމަކީ ވަރަށް ނުބައި ޖަވާބެކެވެ. ނުބައިކޮށް އުޅުނު މީހުންނަށް ﷲ ތަޢާލާވަނީ ގަދަފަދަ ކޯފާ ފޮނުއްވަވައިފައެވެ. ދުނިޔޭގައިވެސް މުޞީބާތްތައް ފޮނުއްވަވައިފައެވެ. އަދި ދުނިޔޭގައި އެކަލާނގެ ކޯފާ ނުލެއްވެވި ބައަކުވެސް ތިބޭނެއެވެ. މަރުވުމުން އެމީހުންނަށް ކަންކަން ވާނެ ގޮތް ޤުރްއާނުން އެނގެން އެބައޮތެވެ.

"ރަސޫލް (ﷺ) އެކަލޭގެފާނުގެ އުންމަތާއިމެދު ހިތާމަފުޅު ކުރައްވަވައި އެވަރަށް ކީރިތި ކުރެއްވެވި ސަބަބު ޞަހާބީންނަށް ވެސް އޮތީ އެނގިވަޑައިނުގެންފައެވެ. ނަމަވެސް މިއަދު ވިސްނައިގެން ބަލައިލަބަލާށެވެ! އަހަރެމެންނަށް ވެފައި މިތިބަ ގޮތް ފެންނާނެއެވެ. އަހަރެމެންނަށް ރޯން ޖެހުމުގެ ކުރިން އަވަހަށް އިޞްލާޙްވާށެވެ!"

ވަރަށް ކުރުކުރު ދެ ތިން ޖުމުލައިން މިބުނެލީ ވަރަށް ގިނަ ވާހަކަތަކެވެ. މުޖުތަމައުގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަމުން މިދަނީ ކަރުނައިން ލޯތައް ފުރިގެންދާ ފަދަ މަންޒަރުތަކެވެ. ހިތެއް އޮތް ނަމަ އަސަރުކޮށް ހިތްފަޅައިގެންދާ ފަދަ މަންޒަރުތަކެވެ.

ﷲ ތައާލާ ފަރުޟު ކުރެއްވެވި ކަންކަން ނުކުރެވޭއިރު ފެންނަމުން މިދަނީ ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަންނަމުން ދާތަނެވެ. އަދުލު އިންޞާފު ގެއްލިއްޖެއެވެ. އިންޞާފަކީ އެމީހަކު ބޭނުންވާ ގޮތަށް ކަންކަން ނިމުން ކަމުގައި ޤަބޫލުކުރެވި ނިމިއްޖެއެވެ. ރަނގަޅު ގޮތަކީ ހަމައެކަނި ތިމާއަށް ފައިދާ ހުރި ގޮތް ކަމުގައި ޤަބޫލުކުރުން މިވަނީ ޢާންމުވެފައެވެ.

ރަސޫލް (ﷺ) އެދުވަހު އެހައިވަރަށް ކީރިތިފުޅު ކުރެއްވެވީ މިދުވަސް އަންނާނެކަން އެނގިވަޑައިގަންނަވާތީއެވެ. އެ ދުވަސް މިއަދު މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ. މިއަދު ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ މިޙާލަތުން މުޖުތަމައު ސަލާމަތް ކުރުމަށެވެ. ޚާއްޞަކޮށް އެމީހަކު ސަލާމަތްވެ ހުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން