އަޅުގަނޑު ކައިވެނިކުރީ އުމުރުން 21 އަހަރުގައެވެ. އެކުގައި ވަރަށް ލޯބިން ދިރިއުޅެމުން ގޮސް އުމުރުން ދުވަސްވެ 50 އަހަރުން މަތިވިއިރު ދެމީހުންގެ ސިފައަށްވަނީ ބަދަލުތައް އައިސްފައެވެ. 7 ދަރިން ވިހާފައިވުމުން ބޮޑަށް ބަދަލު އަންނަންޖެހޭނީ އަޅުގަނޑުގެ ހަށިގަނޑަށް ނަމަވެސް ބޮޑަށް ބަދަލު އައީ އަޅުގަނޑުގެ ހަށިކަމަށް ބުނަން އުނދަގުލެވެ.
ކޮންމެއަކަސް ވަރަށް އާދައިގެ ގޮތަކަށް ޒަވާޖިހަޔާތް ފަށައިގަތްފަހުން ފިރިމީހާއަށް ތަނަވަސްކަން ލިބުނެވެ. އެކަމުން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ލިބުނީ ކޮން ކުރިއެރުމެއް ކަމެއް ބުނާކަށް ނުއެނގެއެވެ. އެންމެ ކުޑަމިނުން ދިރިއުޅޭ އަޅުގަނޑުގެ ގެވެސް ހެދިފައެއް ނެތެވެ. ނަމަވެސް ފިރިމީހާ އާއި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އެއީ އޭނާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެތަނަވަސްކަން ވާރުތަކުރާނީ ދަރިންނަށް ކަމުގައިވާތީއެވެ.
ޢުމުރުން 50 އަހަރުވީފަހުން ފިރިމީހާ ޒުވާން ލޯބިވެރިއަކު ހޯދިއެވެ. ކައިވެނިކޮށް އަޅުގަނޑާއި ވަކިވިއެވެ. އެދުވަހު ވަރަށް ދެރަވެސްވިއެވެ. ނަމަވެސް އެހުންނަނީ ޙަޔާތުގައި ދިމާވާނެ ކަންކަމަށް ވިސްނައިލުމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަމައަކަށް އެޅިއްޖެއެވެ.
ފިރިމީހާ ދެވަނަ ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވެ ކުދިން ކިޔާއަޑު އިވެއެވެ. "ދޮންމަންމައަށް ބައްޕަ ގޯއްޗެއް ގަނެދީފިއެވެ. ދުއްވާނެ ކާރެއްވެސް ގަނެދީފިއެވެ. ދޮންމަންމަ ގޮވައިގެން ބެންކޮކަށް ހިގައްޖެއެވެ." އެކުދިން އެވާހަކަ އެދައްކަނީ އަޅުގަނޑަށް ލިބިފައިވާ ބިންކޮޅު ކުޑަވެފައި ގެވެސް ނޭޅި ހުރުމުން ކުދިން ވަރަށް ދަތިޙާލުގައި އުޅޭތީ އާއި އެކުދިންނަށް ކާރެއްވެސް ގަނެދީފައި ނެތުމާއި އަދި އަޅުގަނޑު ގޮވައިގެން ޙައްޖަށްވެސް އެހެންތަނަކަށްވެސް ނުދާތީކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް އަޅުގަނޑު ދޫކޮށްފައި ދިއަތާ 3 އަހަރުފަހުން އެއްދުވަހަކު ގެއަށް އައިސްފައި ބުނީ ކުރެވުނީ ކުށެއް ކަމަށާއި މަޢާފްކުރަން އެދޭވާހަކައެވެ. އަދި އަލުން ކައިވެނިކުރަން ބޭނުންވާ ވާހަކައެވެ. އެއިރު އަޅުގަނޑުވަނީ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން އެދުނު މީހަކާއި ކައިވެނިކުރަން ރަންކިޔާ ހިސާބުގައެވެ. އެހެންވެ އަޅުގަނޑު ބުނީމެވެ. "ކަލޭދެކެ އަހަރެންވީ ލޯބީގެ އަގު ކަލޭ ވަޒަނެއް ނުކުރީމުއެވެ. ކަލޭ އަހަރެން ދޫކޮށްލީ މުސްކުޅި ސިފަ ޖަހާތީކަމަށް ބުނީމެއް ނޫންހެއްޔެވެ؟ މިހާރު އަހަރެން ޒުވާންވީ ހެއްޔެވެ؟ ކަލޭ ގާތުގައި މިގެ ގަނޑު ހަދާލަދޭށޭ ވެސް ނުބުނެ ފުދިގެން އިންކަންވެސް ކަލޭ ވަޒަނެއް ނުކުރީމުއެވެ. ނިކަން ބުނެބަލާށެވެ. 30 އަހަރުވީއިރު ދަރިންނާއި އަހަރެންގެ ނަފްސަށް ހިތްހަމަޖެހުން ހޯދައިދޭން ކަލޭކުރީ ކޮންކަމެއް ހެއްޔެވެ؟ ވީމާ ޖަވާބު ދެވޭނީ ކުދިން ގާތު އަހާލައިފައެވެ."
އެރޭ ކުދިން ކާން ތިއްބައި ބައްޕަ ދެއްކި ވާހަކަތައް ކިޔައިދިނީމެވެ. އަދި ކުދިން ބޭނުން ގޮތަކަށް ކަންތައް ކުރާނެ ކަމަށްވެސް ބުނީމެވެ. ދޮށީ ދަރިފުޅު ބުނީ "ބައްޕަ އުޅޭ ގޮތަކަށް އުޅެން ބަހައްޓާށެވެ. ބައްޕަގެ ލޯނުތައް ނުދައްކާތީ ބައްޕައަށް ފޮނުވަން ބެންކުން ލިޔުނު ސިޓީގައި މީގެ 3 ދުވަސްކުރިން ސޮއިކުރި ވާހަކަ އާންތު ބުންޏެވެ. ހީވަނީ އެއުޅެނީ ސިޓީލިބިގެންހެންނެވެ. ދޮންމަންމަވެސް ވަރިވެގެން އިއްޔެ ހިނގައްޖެއަޑުވެސް މިއަދު އޮތީ އިވިފައެވެ."
ކޮންމެއަކަސް ދަރިންގެ ރުހުމާއިއެކު 2 ވަނަ ކައިވެނިކުރީ އުމުރުން 55 އަހަރުގައެވެ. މުސްކުޅިވެފައި ހުއްޓައެވެ. ކައިވެނިކުރީ ފިރިއެއްގެ އެހީތެރިކަން ބޭނުންވާތީއެވެ. މިހާރުގެ އުމުރަކީ 67 އަހަރެވެ. 30 އަހަރުވަންދެން ކައިވެނިކޮށްގެން އުޅުނު ފިރިމީހާ ކޮށްނުދޭ އެތައް ކަމެއް އޭނާކޮށްދީފިއެވެ. ކުދިންނާއި ބައިވެރިވެގެން ގެވެސް ހަދައިފިއެވެ. ޙައްޖަށް ގެންގޮސްފިއެވެ. ކޮވިޑް ފެށެންދެން ކޮންމެ އަހަރަކު ޢުމުރާއަށްވެސް ގެންދިއައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ދިމާވިފަދަ ގޮތެއް މެދުވެރިވެއްޖެނަމަ މުސްކުޅިކަމަށް ބަލައި އެކަނިވެރިވެގެން އިންނަން މަސައްކަތްނުކުރާށެވެ! ކައިވެނިކުރާނެ ތަޤްވާވެރިއަކު ލިބިއްޖެނަމަ ކައިވެނިކުރާށެވެ! އެމީހާގެ ކުށެއްނެތި ކައިވެނި ރޫޅޭނީ ކުރިއަށްވުރެ ރަނގަޅު ގޮތެއް މެދުވެރިވާން ކަމަށް އެބުނާ ބަސްތަކަށް އިތުބާރުކުރާށެވެ!
--ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް