ދަރިން މަގުފުރެދޭތީ، ބަސް ޤަބޫލުނުކުރާތީ ކަންބޮޑުވާއިރު އެދަރިފުޅުގެ ބަނޑަށް ޝައިޠޯނާގެ ނަޖިސް ވެއްދޭ މިންވަރު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ދަރިން މަގުފުރެދޭތީ، ބަސް ޤަބޫލުނުކުރާތީ ކަންބޮޑުވާއިރު އެދަރިފުޅުގެ ބަނޑަށް ޝައިޠޯނާގެ ނަޖިސް ވެއްދޭ މިންވަރު އެނގޭތަ؟

އަދި މިއީ އެންމެ ފަހު ޒަމާނެއް ނޫނެވެ. އަދި ފެށިގެން މިއުޅެނީ ފަހު ޒަމާން ފެށުމުގެ ކޮޅުމައްޗެވެ! އެހެންކަމުން މިދުވަސްވަރު އެންމެ ޢާންމުކަމަކަށް ވާނީ މައިން ބަފައިންގެ ބިޒީކަން ބޮޑުވެ ދަރިންގެ ކަންކަން ނުބެލެހެއްޓިގެން ދިއުމެވެ.

ދެމަފިރިން އެކުގައި މަސައްކަތްކުރާ މައިން ބަފައިން މިހާރު މަދެއް ނޫނެވެ. އެ ދެމެފިރިންނާއި ބަލައްޓަން ﷲ ތަޢާލާ ޙަވާލުކުރެއްވެވި އަމާނާތް ބޭރު މީހެއްގެ ބޮލަށް ޖަހާފައި ގޮސް މަސައްކަތް ކުރަނީއެވެ. އެހެންކަމުން ގެއަށް އާދެވެންދެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމުގެ ހުރިހާ ޒިންމާތަކެއް އުފުލަނީ ބަލަހައްޓާ މީހާއެވެ.

ވީމާ ގޭގައި ނެތް ވަގުތުތަކުގައި ތިމާ އެންމެ ލޯބިވާ ދަރިފުޅަށް ނުވަތަ ދަރިންނަށް ޝައިޠާނާ އާއި އެއްތަށީން ކާންދިނުމުން ގެއަށް އާދެވޭއިރު ދަރިފުޅުގެ ބަނޑު ފުރިފައިވާނީ އިބިލީހުގެ ނަޖިހުންނެވެ. މިބަހުގެ ތެދުކަން ބަލަން ބޭނުންނަމަ ފާރަވެރިވެގެން ނިކަން ބަލައިބަލާށެވެ! ކާންދޭއިރު ބިސްމިﷲ ކިޔައިތޯއެވެ! އަދި ކާފަރަކަށް އެފަދައިން ކީދާނެތޯއެވެ؟ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރާމީހަކު ބިސްމިﷲ ކީނަމަވެސް ކުރާނީ ކން ފައިދާއެއްތޯއެވެ؟

ކުއްޖާގެ ބަނޑަށް އެތެރެވާ އިބިލީހުގެ ނަޖިސްތަކުގެ އަސަރު މިއަދު ނުފެނުނު ނަމަވެސް މާދަމާ ފެންނާނެއެވެ. ކުއްޖާ ބޮޑުވާވަރަކަށް ޝައިޠާނާގެ ނުފޫޒު ދާނީ އިތުރުވަމުންނެވެ. ހަމައެކަނި ކާން ދިނުމުގެ މައްސަލައެއް ވެސް ނޫނެވެ. ދަރިން ބަލަހައްޓަން ތިއަ ގެންގުޅޭ ބޭރު މީހުން ކުދިން ގޮވައިގެން ފާޚާނާއަށް ވަންނައިރު ދުޢާ ކިޔާ ހެއްޔެވެ؟ ނުކިޔާ ކަމަށްވާނަމަ ތިއަ ކުރާ ކަމަކީ ތިމާ އެންމެ ލޯބިވާ ދަރިފުޅު، "އަން މިއޮތީ" ކިޔާފައި ޝައިޠާނާއަށް ދެނީ ނޫންހެއްޔެވެ؟

މީސްތަކުންނޭވެ! ފައިސާ ކިތަންމެހައިވެސް މުހިންމެވެ. ނަމަވެސް އެންމެ މުހިންމު އެއްޗަކީ ފައިސާއެއް ނޫނެވެ. ތިބާގެ އަތުގައި ފައިސާ މަދުވެގެން ޤިޔާމަތް ދުވަހު އެއްވެސް ސުވާލެއް ނުކުރައްވަވާނެއެވެ. އަދި އެކަން ވާނީ ހެޔޮ ރަޙްމަތަކަށެވެ. ނަމަވެސް ދަރިން ބެލުމުގައި އިހްމާލު ވެއްޖެ ނަމަ މައްސަލަ މުޅިން ތަފާތުވާނެއެވެ. އެކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެއެވެ.

ވީމާ ބިދޭސީންނާއި ދަރިންގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްލާފައި މަސައްކަތު ދިއުމާއިމެދު ފުންކޮށް ވިސްނާށެވެ. ޚާއްޞަކޮށް ދެމަފިރިން އެކުގައި މަސައްކަތު ދިއުމާއިމެދުގައެވެ. މި ބުނެލީ ވަރަށް އާދައިގެ ދެކަމެކެވެ. މިބާވަތުގެ ކިތައް ކަންތައް ދާނީ ހިނގަމުން ހެއްޔެވެ؟ ޝަކުވާ ކުރަންވީ ދަރިން ބޮޑުވެ ބަސް ޤަބޫލުނުކުރުމަކުން ނޫނެވެ! ކަންބޮޑުވެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަންވީ މިއަދުއެވެ. މިއަދު އެ މަސައްކަތް ނުކުރެވި އޮވެއްޖެ ނަމަ އެކަމާއި މާދަމާ ކަންބޮޑުވުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން