ﷲ ތަޢާލާއަށް ލަދުވެތިވުމަކީ ކޮބައިކަމާ ލަދުވެތިވުމުގެ ފައިދާ އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 38ސ
ﷲ ތަޢާލާއަށް ލަދުވެތިވުމަކީ ކޮބައިކަމާ ލަދުވެތިވުމުގެ ފައިދާ އެނގޭހެއްޔެވެ؟

ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ޙައްޤާއި ބާޠިލް ވަކިކޮށްދެއްވުމަށްޓަކައި ހަތް އުޑުމަތިން ބާވައިލެއްވި ދުސްތޫރުގައި ވަޙީ ކުރައްވާފައިވަނީ:  

( وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا) الإسراء 70 

މާނައީ: " ހަމަކަށަވަރުން، ތިމަންއިލާހު އާދަމްގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ޙަލާލް ތަކެތިން ރިޒްޤުދެއްވީމެވެ. އަދި ތިމަންއިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." 

މިފަދަ މަތިވެރި ދަރަޖައަކަށް މާތްކުރައްވާފައިވާ އިންސާނާ ބުއްދިއާއި ހެޔޮ ވިސްނުމުގެ ނިޢްމަތުން މަޙްރޫމު ކުރައްވާފައިވާ އަދި ލަދުވެތިކަމާއި ޣީރަތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސްނެތް ޙައިވާނުންގެތެރެއިންވާ އޫރެއްގެ ދަރަޖަޔަށް ވެއްޓިފައި މިވަނީ ކީއްވެގެންތޯއެވެ؟ ވައްކަންކުރުމާއި ރާ ބުއިމާއި މާރާމާރީއާއި ޒިނޭކުރުމާއި އެއްޖިންސުން ގުޅުންހިންގުމާއި ތިމާގެ އަމިއްލަ ލެއިން ، ޙަލާލު ގުޅުމަކުން ދުނިޔޭގެ އަލިކަމުގެ ތެރެޔަށް އުފަންވެފައިވާ ދަރިންނާއިއެކު ބަދުއަޚްލާޤީ ގުޅުން ހިންގުމާއި ކުށެއްނެތް ތުއްތު ތުއްތު ކުދިން މެރުމާއި މަސްތުވާ ތަކެތީގެ ވަބާގައި ޒުވާންޖީލު ޣަރަގުވެ، ﷲ ޙަރާމްކުރެއްވި ގިނަގުނަ ފާޙިޝްޢަމަލުތައް ރެޔާއި ދުވާލު ކުރުމުގައި ވަގުތުތަށް ހޭދަކުރެވި، މުޖުތަމަޢު ބިރުވެރިކަމާއި އަނދިރިކަމުގެ އަނދަވަޅަކަށް ވެއްޓިފައިވަނީ ކީއްވެގެންތޯކަމާއިމެދު ތިބާގެ އަމިއްލަ ނަފްސާއި ސުވާލުކުރައްވާށެވެ. 

މިސުވާލުތަކުގެ ޖަވާބަކަށް، ތަންދޮރު ނުދަންނަ މީހަކު އިންސާނާ ޚަލްޤު ކުރައްވާފައިވަނީ ނިކަމެތިކަމާއި ބަލިކަށިކަމާއި އެކު ކަމަށްވުމުން ފާޙިޝް ޢަމަލު ކުރެވޭނެއޭ ބުނެފާނެއެވެ. ތިބާގެ ނަފްސު ތިބާއަށް ފާފަތަކަށް އަރައިގަތުމަށް ހިތްވަރުދިނުމުގެކުރިން ތިބާހެއްދެވި ފަރާތުން އެފަދަ ކަންތައްތަކަށް އަރައި ނުގަތުމަށް ތިބާޔަށް އަމުރުކުރައްވާފައިވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟ 

އީމަންކަމުގެ ތެރެއިންވާ ލަދުވެތިކަން ނެތުން އެއީ މިހުރިހާ ސުވާލުތަކެއްގެ ޖަވާބެވެ. މިއުއްމަތުގެ މާތްނަބިއްޔާ محمدصلى الله عليه و سلمޙަދީޘް ކުރައްވާފައިވަނީ  

((” إِذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْتَ”)) رواه البخاري މާނައީ: "ތިބާ ލަދުވެތި ނުވަންޏާ ތިބާ ބޭނުންކަމެއް ކުރާނެއެވެ." 

އޭ ފާފަތަކުން ނަފްސު އިސްރާފުކޮށްފައިވާ އިންސާނާއެވެ! ތިބާ ﷲ އަށް ލަދުވެތިވުން ޙައްޤު ގޮތުގައި ލަދުވެތިވެ ފާފަތަކުން ދުރުހެލިވުމަށް އެކަލޭގެފާނުގެ އަގުމާތްވި މި އިރުޝާދަށާއި މި ޢިލްމުވެރިޔާގެ ނަޞޭޙަތުގެ ބަސްފުޅަށް ޢަމަލު ކުރެއްވުންކީއްތޯއެވެ.  

( عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- : “اسْتَحْيُوا مِنْ اللَّهِ حَقَّ الْحَيَاءِقَالَ: قُلْنَا يَا رَسُولَ اللَّهِ إِنَّا نَسْتَحْيِي وَالْحَمْدُ لِلَّهِ قَالَ: “لَيْسَ ذَاكَ وَلَكِنَّ الِاسْتِحْيَاءَ مِنْ اللَّهِ حَقَّ الْحَيَاءِ أَنْ تَحْفَظَ الرَّأْسَ وَمَا وَعَى وَالْبَطْنَ وَمَا حَوَى وَلْتَذْكُرْ الْمَوْتَ وَالْبِلَى وَمَنْ أَرَادَ الْآخِرَةَ تَرَكَ زِينَةَ الدُّنْيَا فَمَنْ فَعَلَ ذَلِكَ فَقَدْ اسْتَحْيَا مِنْ اللَّهِ حَقَّ الْحَيَاءِ” )

رواه الترمزي 

މާނައީ: ޢަބްދުﷲ ބުނު މަސްޢޫދު رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ” ތިޔަބައިމީހުން ލަދުވެތިވުން ޙައްޤުގޮތުގައި  ﷲއަށް  ލަދުވެތިވާށެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރެމެން ލަދުވެތިވަމެވެ. އަދި ﷲއަށް ޙަމްދުހުއްޓެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ” އެހެނަކުން ނޫނެވެ. އަދި އެހެނެއްކަމަކު ﷲ ތަޢަލާއަށް ޙައްޤުގޮތުގައި ލަދުވެތިވުމަކީ ތިބާގެ ބޮލާއި، ބޮލާއި ގުޅިފައަވާ ގުނަންތައް ރައްކާތެރި ކުރުމެވެ. އަދި ބަނޑާއި، ބަނޑާއި ގުޅިފައިވާ ގުނަންތައް ރައްކާތެރި ކުރުމެވެ. އަދި މަރާއި، ފާނަވެދިޔުން ހަނދާން ކުރުމެވެ. އަދި ޢާޚިރަތަށް އެދޭމީހާ ދުނިޔޭގެ ޒީނަތްތެރިން ދޫކޮށްލައެވެ. އަދި މިގޮތަށް ޢަމަލުކޮށްފިމީހާ ﷲ ތަޢާލާއަށް ލަދުވެތިވުން ޙައްޤުގޮތުގައި ލަދުވެތިވެއްޖެއެވެ." 

އޭ އިންސާނާއެވެ! ދުނިޔޭގެ ޙަޔާތުގެ މިސާލަކީ ސައިބޯނި ބޮއްކެއްގެ މިސާލެކެވެ. އެއީ ވަގުތީ އަގެއްނެތް ތަނެކެވެ. ދުނިޔޭގެ ޖާހާ މަންޞަބަށް އާޚިރަތުގެ ދާއިމީ ޙަޔާތް ވިއްކާ ނުލާށެވެ. ދުނިޔޭގެ އަރާމާއި އުފަލާއި ޒީނަތަކީ އަގެއްލިބިފައިވާ އެއްޗެއްނަމަ ދުނިޔޭގައި އުޅުނު ޖައްބާރު ވެރިންނާއި މުއްސަނދިންނާއި މަހުޖަނުން ކޮބައިހެއްޔެވެ؟!! ތިބާގެ ދެލޮލުން ޙަރާމް ތަންނަށް ނުބަލާށެވެ! ދެކަންފަތުން ޙަރާމް ވާހަކަތައް އަޑުއެހުމުން ދުރުހެލިވާށެވެ! ދުލުން އެންމެހާ ކުދިބޮޑު ފާޙިޝް ވާހަކަދެއްކުމުން ރައްކާތެރިވާށެވެ! ހިތާއި ސިކުނޑިން ޙަރާމް ކަންތައްތަކަށް މަގުފަހިވާފަދަ ކަންކަމާއިމެދު ވިސްނުމުން ދުރުހެލި ކުރާށެވެ! ﷲ ޙަރާމް ކުރެއްވި އެއްޗެއް ތިމާގެ ހަށިގަނޑުގެ ތެރެޔަށް ވާޞިލްވެދާނެކަމަށް ލަދުވެތިވާށެވެ! ލަދުވެތިގުނަވަން ރައްކާތެރި ކުރާށެވެ! ޙަރާމްކަންތައްތަކަށް މަގުފަހިވާފަދަ ތަންތަނަށް ދިއުމުން ތިބާގެ ފައި މަތަކުރާށެވެ! ފާފައެއް ކުރަންހުއްޓާ ތިބާގެ އަޖަލު ހަމަވެ، އެޙާލުގައި ތިބާ ޤިޔާމަތްކުރައްވައި ﷲ ގެ ދަރުބާރަށް ޙާޟިރުކުރެވޭނެ ކަމާއިމެދު ލަދުވެތިވެ ފާފަތަކުން ދުރުހެލިވާށެވެ! 

- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން