ކެތްތެރިކަމަކީ އިންސާނާގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައެވެ. މުސްލިމުންގެ ކިބައިގައި ކެތްތެރިކަން ހުރުމަކީ ލާޒިމު ކަމެކެވެ. ކެތްތެރިކަން ނެތި ދީނުގެ އަޅުކަންވެސް ނުކުރެވޭނެތީއެވެ. އެހެންކަމާއިއެކުގައިވެސް ހަމައެކަނި ކެތްތެރިވުމަކުން ނުފުދެދެއެވެ. ކެތްތެރިވާން އެހެން މީހުންނަށް ވަޞިއްޔަތްކުރާ މީހަކަށްވާންވެސް ޖެހެއެވެ.
ކެތްތެރިނުވާ އަޅުންނަށް ގެއްލުމާއި ހަލާކު ހުށަހެޅިގެންވާކަން މާތްﷲ ޢަޞްރު ސޫތަރުގައި ވަޙީ ކުރައްވާފައިވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ:
(وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾)
މާނައީ: "ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ."
މިސޫރަތުގައި ބަޔާންވެގެންވާ ގޮތުން، އިންސާނާ ބާއްޖަވެރި ވުމަށްޓަކައި ހަމައެކަނި އީމާންވެ ޞާލިޙު ޢަމަލު ކޮށް މުންކަރާތްއައް މަނާކޮށް ހެޔޮ ޢަމަލަށް މަގު ދެއްކުމަކުން ނުފުދެއެވެ. އެއާ އެއްކޮށް އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކުރަން ޢަމުރު ކުރައްވާފައިވުމުގެ އިތުރުން، އިންސާނާއަށް ސަލާމަތްތެރިކަން އޮތީ ކެތްތެރި ވެގެން ކަންވެސް މި ސޫރަތުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
މީގެ އިތުރުން، އުޚުރަވީ ޙަޔާތަށްޓަކައި ކެތްތެރީންނަށް މާތްﷲ ވަނީ އުފާވެރި ޚަބަރު ދެއްވާފައެވެ.
އެގޮތުން ކެތްތެރީންނަށް އެއުރެންގެ ޢަމަލުތަކުގެ ދެގުނަ ދެއްވާނެކަމަށް ވަޙީ ކުރައްވައި ކީރިތި ޤުރުއާނުގެ އަލްޤަސަސް ސޫރަތުގެ 54 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވައެވެ.
(أُولَـٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ)
މާނައީ: " އެއުރެންނީ، ކެތްތެރިވިކަމަށްޓަކައި، އެއުރެންނަށް ދެފަހަރަށް ދަރުމަ ދެއްވާނޭ މީހުންނެވެ. އަދި އެއުރެން ހެއުކަންތައް މެދުވެރިކޮށް ނުބައިކަންތައް ދިފާޢު ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ."
ކެތްތެރީނަށް ނުހަނު ގިނަ ގުނަ ފައިދާ ތަކެއް ދުނިޔެއާއި އާޚިރަތުގައިވެއެވެ. ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު އެއްއުފަލަކީ މާތްﷲ އެމީހަކާއި އެކުގައި ވޮޑިގެންވުން ކަމާމެދަކު ކުޑަވެސް ޝައްކެތް ނެތެވެ. އެހެނީ މާތް ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުއެވެ.
އަލް އަންފާލު ސޫރަތުގެ 46 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَاصْبِرُوا ۚ إِنَّ اللَّـهَ مَعَ الصَّابِرِينَ)
މާނައީ: "އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ."
ކަންއޮތީ މިހެންކަމުގައިވީއިރު މިދުނިޔޭގައިވާ ވަގުތީ އަދި މާއްދީ ބޭނުންތަކަށްޓަކި ތިމާގެ ކެތްތެރިކަން ފުނޑުފުނޑުކޮށް މާއްދިއްޔަތަށް ހެއްލުމަކީ މޮޔަ ކަމެކެވެ. އެހެނީ ބުއްދިވެރިޔަކީ ހަވާ ނަފްސަށް ތަބާ ވާނެ މީހެއްނޫނެވެ. ބުއްދިވެރިއަކީ އާޚިރަތަށްޓަކައި ކެތްތެރިވާނޭ މާހެކެވެ.
އިބްނު ޤައްޔިމް އަލް ޖައުޒިއްޔާ، އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ ” عدة الصابرين ” ގައި ލިޔުއްވާފައިވެއެވެ.
"މީހެއްގެ ގައިގައި ކެތްތެރިކަން އަށަގަތުމުގެ މާނައަކީ، އެމީހެއްގެ އަމިއްލަ ނަފްސުގެ އެދުންވެރިކަމާއި ބޭނުންތަކުގެ މައްޗަށްެ ދީނާ ބުއްދިވެރިކަން އިސްކުރުމެވެ."
އެހެނީ ދީނާ ހެޔޮ ވިސްނުމުގެ މައްޗަށް ހަވާ ނަފްސު އިސްކުރުމަކީ ކެތްތެރިކަން ކުޑަ ކަމުގެ ޢަލާމާތެކެވެ. އަމިއްލަ ނަފްސުގެ އެދުންވެރިކަމަކީ އިންސާނާގެ ހަ ފަރާތުން އަބަދައި އަބަދު އެކި ސިފަސިފައިގައި ލައިގަންނަަ ކަންކަމެވެ. ކޮންމެ ނޭދެވޭ ސިފައެއްގައިވާ އިދިކޮޅު ސިފަ ލިބިގަންނަން މަސައްކަތްކޮށް އިސްލާމީ އަޚުލާގުގައި އެމީހާގެ ފައިތިލަ ސާބިތު ކުރުމަކީ ކޮންމެ މުސްލިމަކަށްމެ ވަރަށް ބޭނުންތެރި ކަމެކެވެ. މި ދަންނަވާ އިދިކޮޅު ސިފަ ލިބި ގަނެވެން އޮންނާނީ ކެތްތެރި ވެގެންނެވެ. އެހެނީ ކެތްތެރިކަން ކުޑަވެއްޖެ މީހެއްގެ ހަވާ ނަފްސުގެ މަގު ދައްކައިދޭނީ ހަމައެކަނި އެމީހާގެ ހަލާކަށާއި މަގު ފުރެދުމަށެވެ. އެހެން ޢިބާރާތަކުން، ކުރުކޮށް ފޮނިކޮށް ދަންނަވަނީ ކަމުގައި ވާނަމަ، ކެތްތެރިކަމަކީ ހަވާ ނަފްސުގެ އެދުންތައް ތަޅައި ފުނޑު ފުނޑު ކޮށް ސުންނާފަތި ކޮށްލުމެވެ.
- އައްޝައިޚް މުޙައްމަދު ނިހާދު ޖަމާލު