ޢާދުބާގައިގެ މީހުންގެ މައްޗަށް ލެއްވި ކޯފާއިން هود عليه السّلام އާއި އެކަލޭގެފާނަށް އީމާންވި މުއުމިނުން ސަލާމަތް ކުރެއްވުމަށްފަހު، އެބައިމީހުން މާތްالله سبحانه وتعالى ގެ ފުރިހަމަ ޢިނާޔަތުގެ ދަށުން ދުނިޔޭގައި ދިރިއުޅެމުންގެން ދިޔައެވެ. އިބްނު ޖަރީރުއްޠަބަރީ ރަޙިމަހުއްﷲ، ތާރީޚްގައި ވިދާޅުވެފައިވާ ގޮތުގައި، هود عليه السّلام އަވަހާރަވީ އުމުރުފުޅުން 150 އަހަރު ފުޅުގައެވެ.
{ تاريخ الرسل والملوك/ ابن جرير الطبري رحمه اللّـه}
އިބްނު އިސްޙާޤު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. އަބުއް ޠުފައިލް ޢާމިރުބުނު ވާޘިލަތު ވިދާޅުވިއެވެ. އަމީރުލް މުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫއަށް، ޙަޟްރަމައުތުން އައި މީހަކާ ދިމާއަށް ވިދާޅުވިއަޑު ތިމަން އެއްސެވީމުއެވެ. "ކަލޭގެފާނު އެތަނުގައިވާ ރަތްކުލައިގެ ވެލި ފަރުބަދަތައް ދެކެވަޑައިގަތީމުތޯއެވެ؟ އެތަނުގައި ވަރަށް ގިނައިން އަރާކުގަސްތަކާއި ކުންނާރު ގަސްތައް ހެދިފައިވާނެއެވެ."
އެހިނދު ޙަޟްރަމައުތުން ވަޑައިގެންނެވި ޞަޙާބީ ވިދާޅުވިއެވެ. " އޭ أمير المؤمنين ! އަޅުގަނޑު އެތަން ދުށީމެވެ. ކަލޭގެފާނު އެތަން ތިޔަ ސިފަކޮށްދެއްވީ މީހަކު އެތަން ދެކެވަޑައިގެން ސިފަކޮށްދެއްވި ފަދައިންނެވެ."
އެހިނދު އަމީރުލް މުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އެތަން ދެކެވަޑައެއް ނުގަންނަވަމެވެ. އެހެނެއްކަމަކު ތިމަން ކަލޭގެފާނަށްވަނީ އެތަން ސިފަ ކޮށްދެވިފައެވެ." އެހިނދު އެބޭކަލަކު ވިދާޅުވިއެވެ. ''އެއީ ކިހިނެއްތޯއެވެ؟" އެހިނދު عليގެފާނު ވިދާޅުވިއެވެ." އެތަނުގައި ކައިރީގައި هود عليه السّلام ޤަބުރުފުޅުވެއެވެ"
މި ރިވާޔަތް ޖަރީރުއްޠަބަރީ ރަޙިމަހުއްﷲ، ރިވާކުރައްވައިފައިވާކަމަށް، އިބްނު ކަޘީރު ރަޙިމަހުއްﷲ، އަޢުރާފް ސޫރަތުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. އަދި ވިދާޅުވެފައި ވެއެވެ. މިރިވާޔަތުން ޢާދުބާގައިގެ މީހުން ދިރިއުޅުނީ ޔަމަނުގައިކަން ދޭހަވެއެވެ. އަދި هود عليه السّلام ފަސްދާނުވެޑުވުފައިވަނީ ވެސް އެތަނުގައިކަން ހާމަވެއެވެ.
{ تاريخ الرسل والملوك/ ابن جرير الطبري رحمه اللّـه}
އަރަހުށި މާތްﷲ، هود عليه السّلام އަށް ޞަލަވާތާއި ސަލާމް ލައްވާށި!
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް