މި 5 ކަންތައް ތިބާއަށް ކުރެވޭނެ ނަމަ ފާފަކުރާށެވެ! ނުކުރެވޭނެ ނަމަ ފާފަކުރުން ހުއްޓާލައި އަވަހަށް ﷲ ތަޢާލާއަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
މި 5 ކަންތައް ތިބާއަށް ކުރެވޭނެ ނަމަ ފާފަކުރާށެވެ! ނުކުރެވޭނެ ނަމަ ފާފަކުރުން ހުއްޓާލައި އަވަހަށް ﷲ ތަޢާލާއަށް ބިރުވެތިވާށެވެ!

އެއްދުވަހަކު ފާފަތަކަށް އަރައިގަތުމުގައި ހައްދުފަހަނައަޅާފައިވާ މީހަކު އިބްރާޙީމް ބުނު އަދްޙަމްގެ އަރިހަށްގޮސް ދެންނެވިއެވެ. އޭ ޝައިޚުއެވެ. އަޅުގަނޑުގެ ނަފްސު އަޅުގަނޑަށް ފާފަކުރުމަށްގޮވާ ހިތްވަރުދީ ހަދަނީއެވެ. އެކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުކުރަންވީ ކޮންކަމެއްތޯއެވެ؟

އެހިނދު އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ފަސްކަމެއް ފުރިހަމަ ކުރެވޭނެނަމަ ތިބާ ﷲގެ އެންގެވުންތަކަށް ނުކިޔަމަންތެރިވެ ތިބާގެ ނަފްސު ގޮވާލާ ކަންތައްތައްކޮށް ފާފަތަކަށް އަރައިގަންނާށެވެ!

އެ މީހާ ދެންނެވިއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. 

1  ތިބާ ﷲ އަށް އުރެދި ފާފަތަކަށް އަރައިގަންނަ ނަމަ ﷲ ބައްލަވައިވޮޑިގެންނުވާ ތަނެއްގައި ހުރެގެން ފާފަކުރާށެވެ. އެމީހާ ދެންނެވިއެވެ. ސުބްޙާނަﷲ އެވެ. ﷲއީ އުޑުގައިވިޔަސް އަދި ބިމުގައިވިޔަސް އެއިލާހަށް އެއްވެސްކަމެއް ވަންހަނާ ވެގެންނުވާ އިލާހެވެ. ތިކަންކުރާނީ ކިހިނެއްހެއްޔެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ﷲ ބައްލަވާވޮޑިގަންނަވާއިރު ފާފަކުރަން ތިބާ ލަދެއް ނުގަނޭ ހެއްޔެވެ؟ 

2 ދެން އެމީހާ ދެންނެވިއެވެ. ދެން ކޮންކަމެއް ހެއްޔެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާފާފަކުރާއިރު ﷲ ގެ ބިންމަތީގައި ނޫން އެހެންތަނެއްގައި ހުރެގެން ފާފަ ކުރާށެވެ. އެމީހާ ދެންނެވިއެވެ. ސުބްޙާނަﷲ އެވެ. ތިކަންވާނީ ކިހިނެއް ހެއްޔެވެ؟ ﷲ ގެ ބިންމަތިން އަޅުގަނޑުދާނީ ކޮންތާކަށްހެއްޔެވެ؟  ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗެއް މިލްކު ވެވޮޑިގެންވަނީ ﷲއަށެވެ. 

3 އަނެއްކާވެސް އެމީހާ ދެންނެވިއެވެ. ދެން ކޮންކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ފާފަތަކަށް އަރައިގަންނަ ނަމަ ﷲ ދެއްވާ ރިޒުޤު ކެއެން ހުއްޓާލާށެވެ! އެމީހާ ދެންނެވިއެވެ. އަޅުގަނޑުކެއުން ހުއްޓާލާއިފިނަމަ ވާނީ މަރެއްނޫންތޯއެވެ؟ 

4 ދެންކޮން ކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ފާފަތަށް ކުރުމުގައި ދެމިހުއްޓާ މަރުވެއްޖެނަމަ ތިބާ ނަރަކައަށް ވެއްދުމަށް މަލާއިކަތްބޭކަލުން ވަޑައިގަތުމުން އެބޭކަލުންނަށް ނުކިޔަމަންތެރިވެ އެބޭކަލުންގެ އަރިހުގައި ނުދާށެވެ. އެމީހާ ދެންނެވިއެވެ. ތިޔައީ ކިހިނެއްވާނެ ކަމެއްތޯއެވެ؟ 

5 ދެން ކޮންކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ދުނިޔެމަތީގައި ކުރިކަންތައްތައްތަކުގެ ފޮތް ކިޔުމަށް އެންގެވޭހިނދު އެކަމަށް އިންކާރުކޮށް އެފޮތުގައިވާ ކަންތައްތަކަކީ ތިބާ ނުކުރާ ކަންތައްތައް ކަމުގައި ބުނާށެވެ! އެމީހާ ދެންނެވިއެވެ. ތިކަމެއް ނުވާނެއެވެ. ދެކޮނޑުގައިވާ ދެމަލާއިކަތުންވަނީ އެކަންތައް ލިޔުއްވާފައެވެ. އަދި އެކަންތައްތައް ކުރި ގުނަންތައް އެކަންތައްތައް ކުރިކަމަށް ހެކިވާނެއެވެ. 

އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ކަންއޮތްގޮތަކީ މިއީއެވެ. ﷲ އަށް ލަދުވެތިވެ ތިބާ ފާފަކުރުން އަވަހަށް ހުއްޓާލާށެވެ!

- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން


 

މިއަދު އޮންލައިން