ޤިޔާމަތްވުމުގެ ޒަމާން މިހާރުވެސް މިވަނީ ފެށިފައެވެ. ފެށިގެން ކުރިއަށް މިދަނީއެވެ. އެކަމުގެ އެންމެ ޢާންމު އެއް ހެއްކަކީ މީސްތަކުންގެ ކުރިމަތީގައި ތިބެގެންވެސް ބޮޑެތި ފާފަތައް ކުރަން ޒުވާނުން ލަދުނުގަންނަ ކަމެވެ. ޒުވާނުންގެ ލަދުޙަޔާތް ކެނޑިގެންދިއުމެވެ. ޖެހިލުން ނުވުމެވެ.
ނިކަން ވިސްނައިބަލާށެވެ! އެމީހުން ކުރާ ފާފަތައް ކުރާތަން މީސްތަކުންނަށް ދެއްކޭ މިންވަރު ކުޑަކަމުން ނުވަތަ މަދުވުމުން އެކަންކަން ވީޑިއޯކުރުމަށްފަހު ސޯޝަލް މީޑިއާގައި އެގެންދަނީ ޢާންމުކުރަމުންނެވެ. ފާފަކުރުމަށްފަހު އެކަން އަމިއްލައަށް ޢާންމުކުރާ މީހުންނަށް ﷲ ތައާލާ ކޯފާވެ ވޮޑިގެންވެއެވެ. އެކަމުގެ މިންވަރު އެނގޭ ހެއްޔެވެ؟ އަދި ސަބަބުވެސް އެނގޭ ހެއްޔެވެ؟
އެގޮތަށް އެކަން ކުރަނީ މުޖާހިރުންނެވެ. އެމީހުން ކުރި ފާފައިގެ ފޮޓޯ ތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޢާންމުކުރުމުން އެ ބުނެވެނީ ކީކޭކަން އެއްވެސް ވަރަކަށް އެނގޭ ހެއްޔެވެ؟ "އެ ބުނެވެނީ އޭ ﷲ އެވެ! އަހަރެން މިއޮތީ އިނބަ ﷲ ޢާއި ޖަދަލުކޮށްފައެވެ. ވީޑިއޯ އާ ފޮޓޯތައް މި ޢާންމުކުރަނީ އަހަރެން އެކަން ކުރި ކަމުގެ ހެކި މީސްތަކުންނަށް ދެއްކުމަށެވެ. އިނބަ ﷲ ޙަރާމް ކުރެއްވެވި ކަންކަން މިއޮތީ ކޮށްފައެވެ. ނިކަން ތިމަންނާއަށް އެއްވެސް ކަމެއް ކުރައްވައި ބައްލަވާށެވެ!"
މިއީ ފިރުއަޢުނާ ނަމްރޫދާއި ޤާރޫނު ފަދަ ﷲ ތަޢާލާއަށް ގޮންޖަހައި ބިޔަ ބަސްތައް ބުނެ އުޅުނު މީހުން ވެސް ހަމަ ބުނެއުޅުނު ފަދަ ބަސްތަކެވެ. މިދުވަސް މިފަދައިން އަންނާނެ ކަމާއި މިކަންކަން ކުރާނެކަން ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ އަހަރެމެން ޙައިރާނެއް ނުވަމުއެވެ. މިކުރާ ކަމަކީ މީސްތަކުން މަގުފުރެދިގެންދާތަން ފެންނާތީ ހައްޤުބަސް ބުނެ އަޑު އިއްވުމެވެ. ޢިލްމުވެރިންގެ ވާޖިބަކީ އެއީ އެވެ.
މީސްތަކުންނޭވެ! ތިމާއަށް ކުރެވޭ ކަންކަން ނުއެނގި ތިބެ މިފަދަ ބޮޑެތި ފާފަތަކަށް އަރައި ނުގަންނާށެވެ! ﷲ ތަޢާލާ އާއި ޗެލެންޖު ކުރާ މީހަކު ﷲ ތައާލާގެ ރަޙްމަތަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ދެން ކަންވެގްންދާނެ ގޮތަށް ވިސްނައި ބިރުވެތިވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން