މަތީ މަޤާމެއް ލިބުނީތީ ބޮޑާވެ ކިބުރުވެރިނުވާށެވެ! މަތީ ދަރަޖަ ލިބުންވަނީ ބޮޑާވެ ކިބުރުވެރި ނުވިނަމައެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 15ސ
މަތީ މަޤާމެއް ލިބުނީތީ ބޮޑާވެ ކިބުރުވެރިނުވާށެވެ! މަތީ ދަރަޖަ ލިބުންވަނީ ބޮޑާވެ ކިބުރުވެރި ނުވިނަމައެވެ!

ލިބިފައިވާ މަޤާމެއްގެ ސަބަބުން ނުވަތަ މުއްސަދި ކަމެއްގެ ސަބަބުން ބޮޑާވެ ކިބުރުވެރި ވެގަންނަ ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ. އެއްވެސް މީހަކީ ތަޤުވާވެރިކަމުން މެނުވީ އަނެއްމީހާގެ މައްޗަށް ﷲ ތަޢާލާގެ ހަޟްރަތުގައި މާތްކަން ލިބޭނޭމީހެއްނޫނެވެ. ﷲ ތަޢާލާ ދުނިޔެވީ ނިޢުމަތްތައް އެކި މީހުނަށް އެކި މިންވަރަށް ދެއްވަނީ އޭގެ ސަބަބުން މީސްތަކުން އިމްތިޙާން ކުރެއްވުމަށްޓަކައެވެ. 

ޝައްކެއްވެސް ނެއްގޮތުގައި އަޅުގަނޑުމެން ހުރިހައި ޙާލަތްތަކެއްގައިވެސް ނަމޫނާއަކަށް ބަލަންޖެހޭނީ ، މުއުމިނުންގެ ނަމޫނާއެއްގެ ގޮތުގައި ﷲ ތަޢާލާ އިޚްތިޔާރު ކުރެއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަ ކަން ކަށަވަރެވެ. އެކަލޭގެފާނަކީ ﷲ ތަޢާލާގެ ރަސޫލާ އަދި ނަބިއްޔާއެވެ. އުއްމަތުގެ އިމާމެވެ. އިސްލާމީ ދަވްލަތުގެ ވެރިޔާއެވެ. ނަމަވެސް އެކަލޭގެފާނަށް ﷲ ތަޢާލާ މި ދެއްވާފައިވާ މަތިވެރިކަމުގެ ސަބަބުން ބޮޑާވެގަތުމެއް އަދި ކިބުރުވެރުކަމެއް ނުދައްކަވައެވެ. މީސްތަކުންނާއި މުޢާމަލާތް ކުރެއްވީ އޯގާތެރި ކަމާއި ޙިކުމަތްތެރިކަމާއި އެކުއެވެ. 

ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. لَقَدْ جَاءَكُمْ رَ‌سُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِ‌يصٌ عَلَيْكُم بِالْمُؤْمِنِينَ رَ‌ءُوفٌ رَّ‌حِيمٌ ﴿١٢٨  سورة التوبة

މާނަ : ” ތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމުހުރި ބޭކަލެކެވެ. “ 

އަލް އިމާމުލް ޤުރުޠުބިއްޔު އެކަލޭގެފާނުގެ ތަފްޞީރުގައި سورة الليل ގެ 19، 20 އަދި 21 ، މިއާޔަތްތަށް ބާވައިލެއްވުނު ސަބަބު ބަޔާންކުރައްވަމުން ގެންނަވާފައި ވެއެވެ.  

އިބްނު ޢައްބާސް ގެ ކިބައި ޢަޠާއު ރިވާކުރައްވާފައިވެއެވެ. ބިލާލު ރަޟިޔަﷲ ޢަނހު އިސްލާމް ވުމުން އެކަލޭފާނުގެ ސާޙިބުމީހާ އެކަލޭގެފާނަށް އިހާނާތްތެރި އަޒާބު ދައްކަމުން ދިޔައެވެ. ނަމަވެސް އިސްލާމްދީނުގެ ކުރީކޮޅުކަމަށްވުމާއި އެކު މުސްލިމުންގެ އަދަދު މަދުކަމާއި އެކު ދިފާއުގައި އެއްވެސް ކަމެއްކުރުމުގެ އިޒްނައެއް އޭރު ދެވިފައެއްނުވެއެވެ. ކޮންމެއަކަސް އެއްދުވަހަކު ބިލާލު ރަޞިޔަﷲ އަންހު އަށް އަނިޔާދެވެނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އެކަލޭގެފާނުގެ ކައިރިން ވަޑައިގަންނަވަނިކޮށް أَحَدٌ ، أَحَدٌ (އެއްކައުވަންތަ އިލާހޭ ، އެއްކައުވަންތަ އިލާހޭ ) ކިޔައި އަޑު އިވިވަޑައި ގަތެވެ. އެވަޤުތު އެއްކައުވަންތަ އިލާހުގެ އިލާހުވަންތަކަން ދޫކޮށް ޝިރުކަށް ރުޖޫޢަނުވަނީސް ނުވަތަ މަރުވުމަށް ދާންދެން އެ އަނިޔާވެރިކަންބޮޑު ޢަޒާބު ދައްކާނޭކަމަށް މުޝްރިކުން ބުނަމުންދަނީއެވެ.  

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައި ވަޞައްލަމަ ޙަދީޘް ކުރެއްވިއެވެ. ” أَحَدٌ يُنْجِيك " (އެއްކައުވަންތަ އިލާހު ކަލޭގެފާނު ސަލާމަތް ކޮށްދެއްވާ ހުއްޓެވެ. )  

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ވަޑައިގެން އަބޫބަކުރު ރަޞިޔަﷲ ޢަންހު އަށް ހަދީޘްކުރެއްވިއެވެ. ” ހަމަކަށަވަރުން ބިލާލަށް ޢަޒާބުދެވެނީއެވެ. ”  މުސްލިމުންގެ ތެރެއިން މުޝްރިކުންގެ އަޅުންގެ ގޮތުގައި ތިބި ނިކަމެތިންނަށް ، އެބައިމީހުން އިސްލާމްވުމުގެ ސަބަބުން މުޝްރިކުން ދެމުންގެންދާ އަނިޔާތަކުން އެބައިމީހުން ސަލާމަތް ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންތިހާއަށް ބޭނުންވެވަޑައި ގަންނަވައެވެ. އަބޫބަކުރު ރަޞިޔަﷲ ޢަންހު އަކީ ތަނަވަސް ބޭކަލެއްކަށް ވީހިނދުވެސް އެކަލޭގެފާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޚާތަބުކުރެއްވީ މިފަދައިން ހަރުކަށިކަމާއި އެކުގައެއްނޫނެވެ. އެކަލޭގެފާނަކީ މުސްލިމުންގެ ލީޑަރަށް ވީހިނދުގައިވެސް މެއެވެ. ” އޭ އަބޫބަކުރެވެ. ކަލޭގެފާނަކީ ތަނަވަސް ބޭކަލެކެވެ. ކަލޭގެފާނު ގޮސް މުސްލިމުންގެ ތެރެއިން އަނިޔާލިބެމުންދާ އަޅުން މިނިވަންކުރާށެވެ. ” މިފަދަ އިބާރާތަކުން ނޫނެވެ. ނަމަވެސް އެކަލޭގެފާނާއި ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ މުޚާތަބު ކުރެއްވީ ޙިކުމަތްތެރި ކަމާއިއެކުމިފަދައިންނެވެ. ” ހަމަކަށަވަރުން ބިލާލަށް ޢަޒާބުދެވެނީއެވެ. ” ނަމަވެސް އަބޫބަކުރު ރަޞިޔަﷲ ޢަންހު އަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ބޭނުންވެވަޑައގެންނެވީ ކޮންކަމެއްކަން ވިސްނިވަޑައިގެންނެވިއެވެ. އަދި ބިލާލު ރަޟިޔަﷲ ޢަންހު  ބައްލަވައިގެން މިނިވަން ކުރެއްވިއެވެ. 

- އަލް އަޚް ބިލާލް ޢަބްދުއްސައްތާރު

މިއަދު އޮންލައިން