އާދައާ ޚިލާފް އުފާވެރި ޚަބަރެއް ލިބުމުން ނުވަތަ އެފަދަ ކަމެއް ފެނުމުން ހެޔޮދުޢާ ނުކުރި މީހާގެ ގާތުގަ ބުނެގެންވެސް އެކަންކުރުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 12ސ
އާދައާ ޚިލާފް އުފާވެރި ޚަބަރެއް ލިބުމުން ނުވަތަ އެފަދަ ކަމެއް ފެނުމުން ހެޔޮދުޢާ ނުކުރި މީހާގެ ގާތުގަ ބުނެގެންވެސް އެކަންކުރުވާށެވެ!

"ކިތަންމެ ވަރަކަށް ނުބުނަން އުޅުނު ނަމަވެސް ފިރިމީހާ އާއި ދަރިންގެ ކަންކަމުގެ ވާހަކަ ފަހަރިންގެ ގާތުގައި ދެއްކެއެވެ. ނަމަވެސް މަދުފަހަރަކު ނޫނީ އެމީހުން ހެޔޮ ދުޢާއެއް ނުކުރެއެވެ. އެހެންވެ ނުބުނަން ވެސް ހުންނަމެވެ. އެމީހުންގެ މައްޗަށް އަޅުގަނޑުގެ ހިތް ސާފުވީމާ ނުބުނަން ހުރެފައިވެސް ހަމަ ބުނެވެނީއެވެ. މިޙާލަތުގައި ޢަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ހިތް ކިތަންމެ ބޮޑަށް ސާފުނަމަވެސް ހުދުކަފަކޮޅެއްހައި ހުދުކަން ގަދަނަމަވެސް ފުރަތަމަކަމަކަށް އަނގަ މަޑުންލައިގެން ހުންނަން ދަސްކުރާށެވެ. ޢާއިލާތެރޭގައި ހިނގާ ހުރިހާ ކަންކަމުގެ ވާހަކަ ނުދައްކާށެވެ. ޚާއްޞަކޮށް ހިނގާ އާދައާ ޚިލާފް ކަންކަމުގެ ވާހަކަ ވީވަރަކުން ނުދައްކައި ސިއްރުކުރާށެވެ.  

ދެވަނަކަމަކީ އޮންނަ ގުޅުމެއްގެ ތެރެއިން އެފަދަ ވާހަކައެއް ބުނެވުމުން

(  مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ   )

( مَا شَاءَ اللهُ تَبَارَكَ اللهُ  )

ފަދަ ދުޢާއެއް ކުރަން ބުނާށެވެ! އަދި އަޑުއިއްވައި ކިޔަން މަޖުބޫރުވެސް ކުރުވަންވާނެއެވެ.

"އެސްފީނާއަކީ ވާއެއްޗެކެވެ. އެއީ ޙަޤީޤަތެކެވެ." އެކަން ޔަޤީންކުރެވިގެންދަނީ އައްނަސާއީގެ އައްސުނަނުލް ކުބްރާގައި ވާ ރިވާޔަތެއްގައި "ބަރަކާތް ލެއްވުން އެދި ދުޢާ ނުކުރީ ކީއްވެ ހެއްޔެވެ؟ ހަމަކަށަވަރުން، އެސްފިންނާ އަކީ ޙަގީގަތެކެވެ." މިފަދައިން ބަޔާންވެގެންވާތީއެވެ!  

އެފަދަ ޚަބަރެއް ލިބުމުން ނުވަތަ އެފަދަ ވާހަކައެއްގެ އަޑު އިވުމުން ހެޔޮދުޢާ ނުކުރިނަމަ އެމީހާގެ މައްޗަށް ޝައްކު ކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އެޝައްކު ހިތުން ފިލުވައިލެވޭނީ އޭނާ ދުޢާކުރުމުންނެވެ. ވީމާ އެއީ ކިތަންމެ ޣާތް މީހެއްކަމުގައިވީނަމަވެސް ހަމަ އަޑުހަރުކޮށް ބަޔާންކުރި ފަދައިން ދުޢާކުރަންބުނާށެވެ. ދުޢާކުރުވާށެވެ.  

ތިރީގައިވާ ޑރ. އިޔާޟްގެ ބަސްފުޅުން ފުރިހަމަ ޖަވާބެއް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.  

(وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩ فَعَسَىٰ رَبِّي أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاءِ فَتُصْبِحَ صَعِيدًا زَلَقًا ﴿٤٠)

އިންސާނާ އޭނާގެ ހިތްކިޔާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ޢަޖައިބު ކުރުވަނިވި ފަދަ ކަމެއް މެދުވެރި ވެއްޖެނަމަ، އެކަމަކީ އޭނާގެ އަމިއްލަ މުދަލުން ނުވަތަ ދަރިންގެ ކިބައިން ފެނުނު ކަމެއް ނަމަވެސް، ކިޔުން މަޝްރޫޢު ވެގެންވަނީ ( مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ   ) މިފަދައިންނެވެ.

( مَا شَاءَ اللهُ تَبَارَكَ اللهُ   ) މިފަދައިން ކިޔުމަކީ ވެސް ސުންނަތުން ޘާބިތުވާ ކަމެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާމިރު ބިން ރަބީޢާގެ ގާތުގައި ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ. "ތިބާ ހިތް އެދޭފަދަ ކަމެއް ނުވަތަ ޢަޖައިބު ކުރުވަނިވި ކަމެއް މެދުވެރި ވުމުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމައެވެ." ރަވާހުލް އިމާމް އަޙްމަދު.

އައްނަސާއީގެ އައްސުނަނުލް ކުބްރާގައި ވާ ރިވާޔަތެއްގައި ވެއެވެ. "ބަރަކާތް ލެއްވުން އެދި ދުޢާ ނުކުރީ ކީއްވެ ހެއްޔެވެ؟ ހަމަކަށަވަރުން، އެސްފިންނާ އަކީ ޙަގީގަތެކެވެ."

މިއިން ދޭހަވަނީ އިންސާނަކު އޭނާގެ މުދަލުންނާއި ދަރިންގެ ކިބައިން އޭނާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ކިޔުން މަޝްރޫޢު ވެގެންވަނީ (  مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ   ) އެވެ. 

އަދި އެހެން މީހެއްގެ މުދަލާއި ދަރިންގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ކިޔުން މަޝްރޫޢު ވެގެން ވަނީ ( مَا شَاءَ اللهُ تَبَارَكَ اللهُ  ) އެވެ.  ނޫންނަމަ، އެމީހެއްގެ ހިތުގައިވާ ކަންތައްތައް ފިލައި ދިޔުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރުމެވެ. ނުވަތަ ގިނަގިނައިން ﷲ ޛިކްރު ކުރުމެވެ.

 

މިއަދު އޮންލައިން