ބޮޑާވެ ކިބުރުވެރިކަމާއި އެކު މީށްތަކުންނާއި މުޢާމަލާތްކުރާނަމަ ، އެހެން މީހުން ތިބާދެކެ ފޫހިވާނެއެވެ. ތިބާގެ ބާރާއި ނުފޫޒު ގެއްލިގެން ދާދުވަހު އެހެން މީހުން ތިބާއަށް އެއްވެސް އިޙްތިރާމެއް ނުކުރާނެއެވެ.
އެހެންކަމުން ، އެހެން މީހުންގެ ފަރާތުން އަޅާލުމާއި އޯގާތެރިކަމާއި ރަޙުމު ބޭނުންކަމުގައި ވާނަމަ އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންފަދަ އެހެން އަޚުންނަށް އޯގާތެރިވެ ރަޙުމުކުރުމެވެ. ތިމާގެ މައިންބަފައިންނަށެވެ. އަޚުންނާއި އުޚުތުންނަށެވެ. އަނބިމީހާ އާއި ދަރިންނަށެވެ. ދަންނަ މީހުނާއި ނުދަންނަ މީހުނަށެވެ. ނިކަމެތި މީހާ އިތުރަށް ނިކަމެތި ކޮށްލުމުގެ ނާތަހްޒީބު އުޞޫލު އަޅުގަނޑުމެން ދޫކޮށްލަން ވެއްޖެއެވެ.
އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެކަލޭގެފާނުގެ ކާފަ ދަރިކަލެއްކަމުގައިވާ الحَسَنْ بُن عَلِي ރަޞިޔަﷲ ޢަންހުމާ ގެ ގައިކޮޅުގައި ބޮސްދެއްވިއެވެ. އެވަޤުތު އަލްޢަޤްރައު ބުން ޙާބިސް އެތަނުގައި އިންނެވިއެވެ. އަދި ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންނައަށް ދިހަ ދަރީން ލިބިފައިވެއެވެ. އަދި ދުވަހަކަވެސް އެތަނުން ކުއްޖެއްގައި ގައި ތިމަން ބޮސްނުދެމެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އެކަލޭގެފާނާއި ދިމާއަށް ބައްލަވާލައްވާފައި ހަދީޘް ކުރެއްވިއެވެ.
” مَنْ لاَ يَرْحَمُ لاَ يُرْحَمُ. “ رواه البخاري
މާނަ : ” (އެހެން މީހުންނަށް)ރަޙުމު ނުކުރާ މީހަކަށް ، ރަޙުމެއް ނުލިބޭނެއެވެ. (އެބަހީ: ﷲ ތަޢާލާ އޭނާއަށް ރަޙުމެއް ނުކުރައްވާނެއެވެ.)“
އަޅުގަނޑުމެންގެ ދަރީންގެ ކިބައިން ، އަޅުގަނޑުމެން މުސްކުޅިވާ ދުވަހު އޯގާތެރިކަމާއި އަޅާލުން ލިބުމަށް އަޅުގަނޑުމެން އެބަ އުންމީދުކުރަމުއެވެ. އެހެންކަމަށް ވާނަމަ މިއަދު އެކުދިންނަށް ރަޙުމުކުރާށެވެ. ލޯތްބާއި އަޅާލުންދޭށެވެ. ޤިޔާމަތް ދުވަހުގައި ނަރަކައިގެ އަލިފާނުގެ ތެރެއަށް އެކުދިން ވަދެގެން ހިނގައިދާނެ ކޮންމެ މަގެއް އެކުދިންނަށްޓަކައި ބަންދުކުރަން އެބަޖެހެއެވެ. ރަނގަޅު ތަރުބިއްޔަތަކުން އެކުދިން ތަރުބިއްޔަތުކުރަން އެބަޖެހެއެވެ.
- އަލް އަޚް ބިލާލް ޢަބްދުއްސައްތާރު