މައިންބަފައިންނޭވެ! ކިތަންމެ ރުޅިއައި ނަމަވެސް ދަރިންނަށް ބަދު ދުޢާ ނުކުރާށެވެ! ތުއްތުއިރު ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ދެއްވެވި ކުއްޖެގެ ވާހަކަ-

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 50ސ
މައިންބަފައިންނޭވެ! ކިތަންމެ ރުޅިއައި ނަމަވެސް ދަރިންނަށް ބަދު ދުޢާ ނުކުރާށެވެ! ތުއްތުއިރު ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ދެއްވެވި ކުއްޖެގެ ވާހަކަ-

(ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ: دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ) 

މާނައީ: "ޝައްކެއްނުވާ، އިޖާބަކުރަނިވި ތިން ދުޢާއެއްވެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއާއި، ބައްޕައަކު އޭނާގެ ދަރީގެ މައްޗަށްކުރާ ދުޢާއެވެ."  

(1)

ވިސްނަވާލައްވާށެވެ! އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަން އެހީމެވެ. 

"މީސްތަކުންގެ ތެރެއިން އެއްވެސް ކުއްޖަކު، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޖުރައިޖުގެ އެކުވެރިޔާ ފިޔަވައި، ޅަފަތުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ." އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ނަބިއްޔާއެވެ! ޖުރައިޖުގެ އެކުވެރިޔަކީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ޖުރައިޖުއަކީ، އޭނާގެ އުސް އަޅުކަންކުރާތަނުގައި، މީސްތަކުންނާ އެކަހެރިވެ އަޅުކަންކޮށް އުޅޭ ރާހިބެއް ކަމުގައިވިއެވެ. އަދި އޭނާ އަޅުކަންކުރާތަނުގެ ތިރީގައި ހުއިހައްޕާ މީހަކު، އެމީހާގެ ގެރިތަކާއެކު ދާކަމުގައިވެއެވެ. އަދި އެއަވަށުގެ އަންހެނަކު އެހުއިހައްޕާ މީހަ ކައިރިއަށް އަންނަކަމުގައިވެއެވެ."

ޖުރައިޖުގެ މަންމަ އެއްދުވަހަކު އައިސް ގޮވާލިއެވެ. (އޭ ޖުރައިޖުއެވެ!) ޖުރައިޖު އޭރުހުރީ ނަމާދުކުރާށެވެ. ނަމާދުކުރަމުން އޭނާ ހިތާހިތާ ބުނެލިއެވެ. (ތިމަންގެ މަންމައެވެ. އަދި ތިމަންގެ ނަމާދެވެ؟)- (އެބަހީ، މިދެކަމުން ތިމަންކުރާނީ ކޮންކަމެއް ހެއްޔެވެ؟)  އޭނާއަށް ވިސްނުނީ ނަމާދު ކުރިއަށް ގެންދިޔުމަށެވެ. ތިންވަނަ ފަހަރަށް އެކަނބުލޭގެ ގޮވާލިއެވެ. އޭނާ ހިތާހިތާ ބުނެލިއެވެ. (ތިމަންގެ މަންމައެވެ. އަދި ތިމަންގެ ނަމާދެވެ؟) އޭނާއަށް ވިސްނުނީ ނަމާދު ކުރިއަށް ގެންދިޔުމަށެވެ. އެކަނބުލޭގެއަށް އިޖާބަނުދިނުމުން، އެކަނބުލޭގެ ބުންޏެވެ. (އޭ ޖުރައިޖެވެ! ކަލެއަށް ނުބައި އަންހެނުންގެ މޫނުފެނުމުގެ ކުރީގައި، ﷲ ކަލޭގެ މަރު ނުހިއްޕަވާނދޭވެ.) އެއަށްފަހު އެކަނބުލޭގެ ހިނގައްޖެއެވެ.

ޞަޙީހް ބުޚާރީގައި ރިވާވެފައިވެއެވެ. ޖުރައިޖު، އޭނަގެ އަޅުކަންކުރާތަނުގައި ވަނިކޮށް އަންހެނަކު އައިސް ޒިނޭ ކުރުމަށް ހުށަހެޅިއެވެ. ނަމަވެސް ޖުރައިޖު އިޖާބަނުދިނުމުން، އެއަންހެންމީހާ ބަކަރިހުއިހައްޕާ މީހާއާ ޒިނޭކޮށް ބަލިވެއިނެވެ.

އަންހެންމީހާ ވިހެއުމުން، ރަސްގެފާނުގެ އަރިހަށް ގެނެވުނެވެ. ރަސްގެފާނު އެއްސެވިއެވެ. (މިއީކާކުގެ ފަރާތުން ލިބުނު ކުއްޖެއް ހެއްޔެވެ؟) އެއަންހެންމީހާ ބުންޏެވެ. (ޖުރައިޖުގެ ފަރާތުންނެވެ.) ރަސްގެފާނު ވިދާޅުވިއެވެ. (އަޅުކަންކުރާތަނުގެ ވެރިޔާ ހެއްޔެވެ؟) އެއަންހެންމީހާ ބުންޏެވެ. ((އާއެކެވެ.)) ރަސްގެފާނު ވިދާޅުވިއެވެ. ((އޭނަ އަޅުކަންކުރާ ތަން ތަޅާ ސުންނާފަތިކޮށް، އޭނަ ތިމަންގެ ކައިރިއަށް ގެންނާށެވެ.)) އެބައިމީހުން، އެއަޅުކަންކުރާ ތަން ވެއްޓެންދެން ކޯރާޑިތަކުން ތެޅިޔެވެ. އަދި ޖުރައިޖުގެއަތް ކަރާއެކު ބަނދެގެން ރަސްގެފާނުގެ އަރިހަށް ގެނެސްފިއެވެ. ޖުރައިޖު ގެންދިޔަ އިރު، ނުބައި އަންހެންވެރިންގެ ބައިގަޑެއް ކައިރިން ގެންދެވުނެވެ. އެހިނދު އޭނާއަށް އެއަންހެންވެރިންތައް ފެނުނު ހިނދު ހީލިއެވެ. އެއަންހެންވެރިންތައް އެހެން މީސްތަކުންނާއެކު އޭނާއާ ދިމާލަށް ބަލަމުން ދިޔައެވެ.

ރަސްގެފާނު އެއްސެވިއެވެ. ((މިއަންހެންމީހާ މިކުރަނީ ކޮން ދަޢުވާއެއް ހެއްޔެވެ؟)) ޖުރައިޖު ބުންޏެވެ. ((ކޮން ދަޢުވާއެއް ހެއްޔެވެ؟)) ރަސްގެފާނު ވިދާޅުވިއެވެ. ((އެއަންހެންމީހާ އެދަޢުވާކުރަނީ، އެއަންހެންމީހާ ވިހެއި ކުއްޖަކީ ކަލޭގެ ފަރާތުން ލިބުނު ކުއްޖެއްކަމަށެވެ.)) ޖުރައިޖު އެއަންހެންމީހާއާ ދިމާލަށް ބުންޏެވެ. ((ދަޢުވާކުރަނީ ކަނބުލޭގެ ހެއްޔެވެ؟)) އަންހެންމީހާ ބުންޏެވެ. ((އާއެކެވެ.)) ޖުރައިޖު ބުންޏެވެ. ((އެކުޑަކުއްޖާ ކޮބައި ހެއްޔެވެ؟)) އެބައިމީހުން ބުންޏެވެ. ((އެކުއްޖާވީ އެއަންހެންމީހާގެ ކޮޓަރީގައެވެ.)) ޖުރައިޖު އެކުއްޖާއާ ކުރިމަތިކުރައްވާ ބުންޏެވެ. ޞަޙީޙް މުސްލިމްގައިވާގޮތުން، ޖުރައިޖު އެކުއްޖާގެ ބޮލުގައި ފިރުމާލައްވާފައި މިފަދައިން ބުންޏެވެ. ((ކޮއިފުޅުގެ ބައްޕައަކީ ކާކު ހެއްޔެވެ؟)) އެތުއްތުކުއްޖާ ޖަވާބުދިނެވެ. ((ބަކަރިހުއިހައްޕާ މީހާއެވެ.))

ރަސްގެފާނު ޖުރައިޖަށް ވިދާޅުވިއެވެ. ތިބާ އަޅުކަންކުރާތަން ރަނުން ތިމަން ހަދައިދެން ހެއްޔެވެ؟ ޖުރައިޖު ބުންޏެވެ. ނޫނެކެވެ. ރަސްގެފާނު ވިދާޅުވިއެވެ. ރިހިން ހަދައިދެން ހެއްޔެވެ؟ ޖުރައިޖު ބުންޏެވެ. ނޫނެކެވެ. ރަސްގެފާނު ވިދާޅުވިއެވެ. ދެން ކޮން އެއްޗަކުން ހެއްޔެވެ؟ ޖުރައިޖު ބުންޏެވެ. އެތަން ކުރިންހުރިގޮތަކަށް އެތަން ހައްދަވާށެވެ. ރަސްގެފާނު ސުވާލުކުރެއްވިއެވެ. ތިބާ ހިނިއައި ސަބަބަކީ ކޮބައިތޯއެވެ؟ ޖުރައިޖު ބުންޏެވެ. ތިމަންނައަށް އެނގުނުކަމަކުންނެވެ. ތިމަންގެ މަންމަގެ ދުޢާ ތިމަންގެ މައްޗަށް ވެރިވެއްޖެއެވެ. ދެން އެކަމުގެ ޚަބަރު އެބައިމީހުންނަށް ޖުރައިޖު ދިނެވެ.”(2)

މައިންބަފައިން އަޅުގަނޑުމެންގެ މައްޗަށް ކުރާ ދުޢާ އަކީ އިޖާބަވެގެންވާ ދުޢާއަކަށް ވާހިނދު، އެބައިމީހުންގެ ދުޢާއަށް އަޅުގަނޑުމެން ބޭނުންޖެހިގެންވެއެވެ. ހަމައެފަދައިން، އެބައިމީހުން އަޅުގަނޑުމެންގެ މައްޗަށް ކޮށްފާނެ ބަދުދުޢާއަކަށް އަޅުގަނޑުމެން ބިރުވެތިވާންޖެހެއެވެ.

- އައްޝައިޚް މުޙައްމަދު ސިނާން

________________________________

(1) އަބޫދާވުދު: 1536، ތިރުމިޛީ: 1905، އިބްނުމާޖާ: 3862، އައްޞަޙީޙާގައި (ޙަދީޘް ނަންބަރު: 596) ޝެއިޚް އަލްއަލްބާނީ މިޙަދީޘަކީ ޙަސަން ލިޣައިރިހީ ޙަދީޘެއްކަމަކަށް ވިދާޅުވެފައިވެއެވެ.

(2) ބައްލަވާ: ޞަޙީޙުލް ބުޚާރީ: 3436، ޞަޙީޙް މުސްލިމް: 2550، އަލްއަދަބްއަލްމުފުރަދު: 33.

 

ފަހުގެ ލިޔުންތައް

 

 

 

 

މިއަދު އޮންލައިން