ޙަޤީޤީ ޙާދިސާ: އަނބިމީހާ އާކޮށްލަން ބޭނުންވީމާ ދަރިންނަށްވެސް ނުބަލާ ވަރިކޮށް ދަރިން އުކާ މީހުން ދުޢާކުރަން އަތް އުފުލަންވީ އެއްފަޅި ވާގިދިއުމަކުން ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ޙަޤީޤީ ޙާދިސާ: އަނބިމީހާ އާކޮށްލަން ބޭނުންވީމާ ދަރިންނަށްވެސް ނުބަލާ ވަރިކޮށް ދަރިން އުކާ މީހުން ދުޢާކުރަން އަތް އުފުލަންވީ އެއްފަޅި ވާގިދިއުމަކުން ނޫނެވެ!

އަޅުގަނޑުމެން ހައި ސްކޫލްގައި ކިޔަވަން އުޅުނު އިރުންސުރެ އޭނާ އުޅުނީ އަޅުގަނޑުގެ ފަހަތުންނެވެ. ކިޔަވައި ނިމި ކޮލެޖުވެސް ނިމިގެން މަސައްކަތްކުރަން ދިމާވީ އެއް އޮފީހެއްގައެވެ. އެއޮފީހުން ދެމީހުން ބައްދަލުވިއިރު އޭނާ ވަނީ ކައިވެނިކޮށް ދަރިއަކުވެސް ލިބިފައެވެ. އެހެންކަމާއިއެކުވެސް އޭނާ އަނެއްކާވެސް އަޅުގަނޑުގެ ފަހަތުން އަޅައިގަނެގެން އުޅެން ފަށައިފިއެވެ. އެހެންވެ އގޮތަށް ނޫޅެ އަނބިމީހާ ޢާއިއެކު ރަނގަޅު ދިރިއުޅުމެއް އުޅެން ވަރަށް ގިނަ ނަޞޭޙަތް ދިނީމެވެ.  

އަޅުގަނޑުގެ ކިބައިން އޭނާ ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ޙާޞިލުނުވާނެކަން އެނގުމުން ދެން އޭނާ އުޅެންފެށީ އޮފީހުގެ އެހެން މުވައްޒިފެއްގެ ފަހަތުންނެވެ. އެކަމާއި އަޅުގަނޑު ނުބެހެމެވެ. ނަމަވެސް ފުރުޞަތެއް ލިބިއްޖެނަމަ ހުރީ އެކުއްޖާއަށް ނަޞޭޙަތްދޭން ބޭނުންވެގެންނެވެ. އެހެން ހުއްޓާ އަޑުއިވުނީ އޭނާ އެކުއްޖާ އާއި ކައިވެނިކުރަން ބޭނުންވެގެން އަނބިމީހާ ވަރިކުރި ވާހަކައެވެ.  

އެއިގެ ދުވަސްކޮޅެއްފަހުން އަޅުގަނޑު އޭޑީކޭ ހޮސްޕިޓަލަށް ދިއަ ދުވަހެކެވެ. ވަރަށް ލޯބި ދަރިއަކު ގޮވައިގެން އެކަނި އަންހެނަކު އުޅޭތަން ފެނުމުން އެއަންހެން މީހާ އާއި ވާހަކަދައްކާލަން ބޭނުންވިއެވެ. އަދި އަމިއްލައަށް ތަޢާރަފްވެލާފައި ލޯބިން ދަރިފުޅު އުރައިލީމެވެ. އަދި ދަރިފުޅުގެ ބައްޕަ ކޮބައިތޯ ސުވާލުކޮށްލުމުން ބުނީ ދުވަސްކޮޅެއްކުރިން ވަރިކޮށްފައިވާ ކަމަށެވެ. އިތުރަށް ދެކެވުނު ވާހަކަތަކުން އެނގުނީ އޭނާގެ ކުރީގެ ފިރިމީހާ އަކީ އަޅުގަނޑާއި އަޅައިގަނެގެން އުޅުނު މީހާ ކަމެވެ.  

އޭނާ ބުނީ ވަރިކޮށްފައި ފޮނުވާލުމުން ދާނެ ތަނެއް ނެތިގެން އުޅެނިކޮށް އެކުވެރިއަކު އޭނާއަށް އެހީތެރިވެދިން ކަމަށެވެ. އަދި ދަރިފުޅު ގޮވައިގެން ނިދަނީ އެކުވެރިޔާގެ ދަރިން ނިދާ ކޮޓަރީގައި ވަރަށް ދަތިޙާލުގައި ކަމަށެވެ. އެވާހަކަތައް ކިޔައިދިނުމުން އަޅުގަނޑުމެންގެ ގެއަށް އޭނާ ދަރިފުޅު ގޮވައިގެން ގޮސްލުމަށް ދައުވަތުދިނީމެވެ.

އަނެއް ދުވަހު ހަވީރު އޭނާ ދިއުމުން ގޭގައިހުރި ކޮޓަރިއެއް ދައްކާފައި އެކޮޓަރީގައި އޭނާއަށް ހުރެވިދާނެ ކަމަށް ބުނީމެވެ. އަދި އޭނާ އާއި ދަރިފުޅަށް އެހީތެިވެދޭނެ ކަމަށާއި އެއްވެސް އަގެއްވެސް ބޭނުން ނޫން ކަމަށްވެސް ބުނީމެވެ. އޭނާ އެކަމަށް އުފާކޮށް އެކަން ޤަބޫލުކުރުމުން އަޅުގަނޑު ބުނީމެވެ. "ތިއައީ މިގޭގެ ނޯކަރެއް ނޫނެވެ. ހަމަ އުޚުތެކެވެ. އުޚުތާގެ ކިބައިން އެދެނީ އެންމެ ކަމެކެވެ. އެއީ އަޅުގަނޑަށް ބޭރުގައި އުޅެންޖެހޭ ވަގުތުތަކުގައި މުސްކުޅި މަންމަގެ ކަންކަން ބަލައިލަދިނުމެވެ. ދޭތެރެއަކުން މަންމަ ގާތަށް ގޮސް ވާހަކަދައްކައިލާ ބޭނުންވާ ކަމެއް އޮތްނަމަ ކޮށްލައި ދިނުމެވެ." އޭނާގެ ފިރިމީހާ އާއިބެހޭ އެއްވެސް ވާހަކައެއް ނުދައްކަމެވެ.

ކޮންމެއަކަސް އޭނާވީ ވަރަށް ރަނގަޅު އަންހެނަކަށެވެ. މަންމަގެ ދަރިއަކު ފަދައިން މަންމަގެ ކަންކަން ބަލަހައްޓައެވެ. އަދި ގޭތެރޭގެ ކަންކަންވެސް ވީވަރަކުން ކުރެއެވެ. އެގޮތަށް އޭނާ އުޅޭތާ އަހަރެއްހައި ދުވަސްފަހުން އަޅުގަނޑުގެ ދޮށީ ބޭބެއާއި ގުޅުން އުފެދި ދެމީހުން ކައިވެނިކޮށްފިއެވެ.

ދެން އޮތީ އޭނާ ވަރިކޮށް ނިކަމެތިކޮށްލި މީހާގެ ވާހަކައެވެ. އޭނާ ބޭނުންވިގޮތަށް އެކައިވެނިކުރިއެވެ. ނަމަވެސް ކައިވެނި ދެމިއޮތީ ވަރަށް ކުރު މުއްދަތަކަށެވެ. އޭނާގެ ޙަޤީޤަތް އެނގުމުން ވަރިވެއްޖެއެވެ.

އަޅުގަނޑުގެ ބޭބެމެންގެ ކައިވެންޏަށް މިހާރު 11 ފުރިއްޖެއެވެ. ދިރިއުޅެމުންދަނީ ވަރަށް އުފަލުގައެވެ. ނަމަވެސް އޭނާގެ ކުރީގެ ފިރިމީހާ އެއިގެފަހުން މިހާރު 5 ކައިވެނިކޮށް އަދި ވަރިވެސް ކޮށްފިއެވެ. އެއިގެ ތެރެއިން 3 އަނބިންނަށް ވަނީ ދަރިންވެސް ލިބިފައެވެ. މިހާރުވެސް ހުރީ ކައިވެނިކުރާނެ އަންހެނަކު ނުލިބިފައެވެ. ކައިވެނިކުރަން މަސައްކަތް ކުރެއެވެ. ނަމަވެސް  އޭނާގެ ޙަޤީޤަތް އެނގުމުން ކައިވެނިކުރަން ބޭނުން ނުވަނީއެވެ. އަމްދުން މިހާރު އޭނާއަށް އަންތބަކު ލިބުން ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ ސްޓްރޯކެއްޖެހި މަސައްކަތް ނުކުރެވޭތީއެވެ. އަތުގައި ތަނަވަސްކަމެއްވެސް ނެތުމުންނެވެ. ޢާއިލާގެ އެހީގައި ދިރިއުޅޭތީއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ފިރިހެނުންނަށް ބުނެލަން އޮތީ ގައިބާރުހުރި ދުވަހު ކައިވެނިކޮށް ވަރިކުރަމުން ދުވިދާނެއެވެ. އަނބިންނަކީވެސް ﷲ  ހެއްދެވި އިންސާނުންނެވެ. ވީމާ ދެރަކޮށް ނިކަމެތިކުރަމުން ގެންދާނަމަ އެކަން އެމީހަކާއި މިދުނިޔޭގައިވެސް ބައްދަލުކުރާނެއެވެ. އަޅައިނުލާ އުކާލާ ދަރިން ކުޑަވީމާ ބަދަލުހިފަން ބައްޕަ ފަހަތުން ނުދުވެވުނު ނަމަވެސް އެދަރިންވެސް ދުނިޔެއަށް ފޮނުއްވެވީ ﷲ އެވެ. އެކުދިންގެ ޙާލުވެސް އެކަލާނގެ ބައްލަވައި ވޮޑިގެންވާނެއެވެ. އެކުގައި އުމުރަށް ދިރިއުޅޭނެކަމަށްބުނެ ކައިވެނިކުރުމަށްފަހު އައު އަންތބަކަށް ބޭނުންވީމާ ލިބިފައިވާ ދަރިންނަށްވެސް ނުބަލައި އަނބިމީހާ ވަރިކޮށް ދަރިން އެއްލައިލާ މީހުން ދުޢާކުރަން އަތް އުފުލަންވީ އެއްފަޅި ވާގިދިއުމަކުން ނޫނެވެ.

 

 

މިއަދު އޮންލައިން