"ހަމަކަށަވަރުން، اللَّه އަށް، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު، އަދި ދޫނިސޫފާސޫފިތައް އެ ތަކެތީގެ ފިޔަތައް ދަމާލައިގެން އުދުހިއުދުހި ތިބޭހިނދު، އެކަލާނގެއަށް ތަސްބީޙް ކިޔަކިޔައި ތިބޭކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ އަޅުކަމާއި، އެ އެއްޗެއްގެ ތަސްބީޙް އެނގިފައިވެއެވެ. اللَّه އީ، އެއުރެން ކުރާ ކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
(އަންނޫރު: 41)
ﷲ ތަޢާލާ އުފެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ ފުރިހަމަ ގޮތުގައި ބުއްދި ދެއްވަވާފައިވަނީ އިންސާނުންނަށެވެ. އެހްން ހުރިހާ މަޚްލޫޤުންނަށްވުރެ އިންސާނުންގެ ދަރަޖަ މަތިވެރިވެގެންދަނީ އެ ބުއްދީގެ ސަބަބުންނެވެ. ބުއްދީގެ ބޭނުން ހިފާ ގޮތުގެ މައްޗަށެވެ.
ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފައިފިނަމަ އެކަމުގެ ޖަޒާއަކީ ރަޙްމަތުން ފުރިގެންވާ ސުވަރުގެ ދެއްވެވުމެވެ. ނުހިފައިފިނަމަ އޮތީ ނަރަކައެވެ. ވީމާ ވާންވީ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާބައަކަށެވެ. އެކަން ޙާޞިލްވާނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ގިނަގިނައިން އެކަލާނގެ ހަނދުމަކޮށް ތަސްބީޙް ކިޔުމުންނެވެ.