އިސްލާމް ދީނުގެ އެންމެ ބޮޑެތި ޢިމްވެރިންގެ ތެރެއިން އިބްން ތައިމިއްޔާ ރަޙިމަހުﷲ އަކީ ކޮން ބޭކަލެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 38ސ
އިސްލާމް ދީނުގެ އެންމެ ބޮޑެތި ޢިމްވެރިންގެ ތެރެއިން އިބްން ތައިމިއްޔާ ރަޙިމަހުﷲ އަކީ ކޮން ބޭކަލެއް؟

ابن تيميَّة رحمه اللّـه

 

ابن تيميَّة رحمه اللّـه އަކީ އިސްލާމީ އުދަރެހުން އުދަވި ވަރުގަދަ ޝަޚްޞިއްޔަތުންގެ ތެރޭގައި ހިމެނޭ އާދަޔާ ޚިލާފު މޮޅު ޢިލްމުވެރިއެކެވެ. އެކަލޭގެފާނަކީ މޮޅު ފިޤުޙުވެރިއެކެވެ. މުޙައްދިޘެކެވެ. ޤުރްއާން ތަފްސީރު ކުރެއްވި މުފައްސިރެކެވެ. މުޖުތަހިދެކެވެ. ފިލޯސޮފަރެއްމެއެވެ. އެކަލޭގެފާނަކީ 7 ވަނަ ޤަރުނާއި 8 ވަނަ ޤަރުނުގައި އުފެދުނު އެންމެ މޮޅެތި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއެކެވެ. 

އުފެންވެވަޑައިގެންނެވުމާއި ބޮޑުފުޅުވުން:

އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ تقي الدين أبو العباس أحمد بن شهاب الدين أبي المحاسن عبد الحليم އެވެ. އެކަލޭގެފާނުގެ ބަފައިކަލުން شهاب الدين އަކީ ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިއެކެވެ. ابن تيميَّة رحمه اللّـه ގެ މައިކަނބަލުންގެ ނަންފުޅަކީ سِتُّ النِّعَمِ بِنْتُ عَبْدِ الرَّحْمَن އެވެ. ابن تيميَّة رحمه اللّـه އުފަންވެވަޑައިގަތީ  حران ގައެވެ. ހިޖުރައިން 661 ވަނަ އަހަރުގެ  ربيع الأول މަހުގެ ދިހަވަނަ ދުވަހުގައެވެ. ބައެއް ރިވާޔަތްތަކުގައި 12 ވަނަ ދުވަސްކަމަށްވެސް އައިސްފައިވެއެވެ. 

ابن تيميَّة رحمه اللّـه އެކަލޭގެފާނުގެ އުމުރުފުޅުން ހަތް އަހަރުވަންދެން حران ގައި އުޅުއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ބަފައިކަލުން އެކަލޭގެފާނު ދިމިޝްޤަށް ގެންދެވިއެވެ. އެއީ އެކަލޭގެފާނަށް ރަނގަޅު ތަރްބިއްޔަތަކާއި ތަޢުލީމެއް ދެއްވުމަށްޓަކައެވެ. ދީލަތިފުޅުކަމުގެ މަބުދައުން ابن تيميَّة رحمه اللّـه އަށް ލިބިވަޑައިގެންފައިވަނީ ނުހަނު ސާފު ފިތުރަތެކެވެ. އެކަލޭގެފާނު ނުހަނު ތުއްޕުޅުއިރު އިޚްލާޞްތެރިކަމާއި ތޫނުފިލިކަން އެކަލޭގެފާނުގެ ގައިކޮޅުގައިވަނީ އަށަގެންފައެވެ. އެންމެހައި ރިވެތި ސުލޫކުތަކެއް އެކަލޭގެފާނުގެ ގައިކޮޅުގައިވަނީ އަށަގެންފައެވެ. 

ޒުވާން ދުވަސްވަރު: 

ابن تيميَّة رحمه اللّـه ގެ ޒުވާން ދުވަސްވަރުގެ ޙާދިޘާއެކެވެ. އެއްފަހަރަކު އެކަލޭގެފާނު ލައިބްރަރީއަށް ވަޑައިގަންނަވަނިކޮށް ޔަހޫދީއަކާ މަގުމަތިން ދިމާވެވަޑައިގެންނެވިއެވެ. އޭނާ އެކަލޭގެފާނު ހުއްޓުވައިފައި މައްސަލަތަކަކާ ބެހޭ ގޮތުން ސުވާލުތަކެއް ކުރިއެވެ. އޭނާގެ ސުވާލުތަކަށް ابن تيميَّة رحمه اللّـه ޖަވާބުދެއްވިލެއް ފުރިހަމަކަމުން އޭނާ ޙައިރާންވިއެވެ. އެކަލޭގެފާނާ މެދު ވަރަށް ގަޔާވިއެވެ. އެގޮތަށް އެ ޔަހޫދީމީހާއާ ދިމާވާން ފެށުމުން ابن تيميَّة رحمه اللّـه، އޭނާ ހުރި ޢަޤީދާއަކީ ރަނގަޅުނޫން ޢަޤީދާއެއްކަން ބަޔާންކޮށްދީ އޮޅުން ފިލުއްވައި ދެއްވަމުން ގެންދެވިއެވެ. އެންމެފަހުން އެ ޔަހޫދީމީހާވެސް އިސްލާމްދީނުގެ ތަރަހައިގެ ތެރެއަށް ވަދެއްޖެއެވެ. 

ابن تيميَّة رحمه اللّـه އެކަލޭގެފާނުގެ ޒުވާން ދުވަސްވަރު ހޭދަކުރެއްވީ ޤުރްއާނުގެ އަހުލުވެރިއެއްގެ ގޮތުގައެވެ. ޤުރްއާނުގެ ޢިލްމު އުނގެނިވަޑައިގެންނެވުމާއި ޤުރްއާން ހިތްޕުޅުން ދަސްކުރެއްވުމުގައެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނު ވަރަށް ޒުވާން އުމުރުފުޅެއްގައި ޤުރްއާން ހިތްޕުޅުން ދަސްފުޅު ކުރައްވައިފިއެވެ. އެއަށްފަހު އިސްލާމީ ފިޤުޙާއި ޙަދީޘް ޢިލްމު ދަސްފުޅު ކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވިއެވެ. 

އެކަލޭގެފާނުވަނީ ޙަދީޘް ޢިލްމުގެ ބޮޑެތި ފޮތްތައް ދަސްފުޅު ކުރައްވައިފައެވެ. އޭގެ ތެރޭގައި އިމާމު އަޙްމަދުގެ މުސްނަދު އާއި ޞަޙީޙު ބުޚާރީ އާއި މުސްލުމު އާއި ޖާމިއުއްތިރުމިޒީ އާއި ސުނަނު އަބީދާއޫދާއި ސުނަނު އިބްނު މާޖާ އާ މިނޫންވެސް ޙަދީޘް ޢިލްމުގެ ފަންނުގެ މުހިންމު ފޮތްތައް އެކަލޭގެފާނު ދަސްފުޅު ކުރެއްވިއެވެ. 

އިސްލާމީ ޢިލްމުގެ ފޮތްތަކުގެ ތެރެއިން ابن تيميَّة رحمه اللّـه ދަސްފުޅު ނުކުރައްވާ ފޮތެއް އޮތުމަކީ ނާދިރުކަމެކެވެ. އެއިން ކޮންމެ ފޮތެއް ފަރުވާތެރިކަމާއެކު ވިދާޅުވެ ދަސްފުޅު ކުރައްވައި ސިކުނޑިފުޅުގައި ޚަޒާނާ ކުރައްވައެވެ. އެކަލޭގެފާނުގެ ތޫނު ވިސްނުންފުޅާއި ހިތުދަސްކުރުމުގެ ބާރުފުޅުގެ ސަބަބުން ދަސްފުޅު ކުރައްވާ ހުރިހާ އެއްޗެއް ކަހަލަގޮތަކަށް ހަނދުމަފުޅުގައި ހަރުލައިފައި ހުރެއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ހިނގާ ލޭފޮދަކީވެސް ޢިލްމާއެކުވެފައިވާ ލޭފޮދެއް ކަހަލައެވެ. އެހާވެސް ޢިލްމާ އެކަލޭގެފާނު ރައްޓެހިފުޅެވެ. 

- ޢަލީ އިޙްޞާން ފިރާޤް / މިއަދުނޫހަށް

 

 

މިއަދު އޮންލައިން