ޤިޔާމަތްވުން ދާދި ގާތްވެއްޖެ! ﷲ ތަޢާލާ ދުނިޔެއަށް ބައްލަވާނުލައްވަވާނެ ދުވަސް ހަމަ ދާދިގާތްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޤިޔާމަތްވުން ދާދި ގާތްވެއްޖެ! ﷲ ތަޢާލާ ދުނިޔެއަށް ބައްލަވާނުލައްވަވާނެ ދުވަސް ހަމަ ދާދިގާތްވެއްޖެ!

މާރުކޭޓުގެ ސްޓޯލްތަކަށްބަލާށެވެ. ހެނދުނު ވިޔަފާރި ފަށަނީ ވަރަށް ތާޒާ ތަކެއްޗާއިއެކުގައެވެ. މެންދުރުފަސްވާއިރު އެންމެ ތާޒާ ތަކެތި ހުންނަނީ ހުސްވެފައެވެ. ޢަޞްރު ފަސްވާއިރު ހުންނަނީ ގުރުޑާއި އައިބު ނުވަތަ ގެއްލުން ލިބިފައިވާ ތަކެއްޗެވެ. ހަވީރު ފަހެއް ޖަހާލައިގެން އަންނައިރު ހުންނަތަކެއްޗަކީ އެއްވެސް އަގެއް ދީފައި މީހަކު ގަންނާނެ ތަކެއްޗެއް ނޫނެވެ.

ޤިޔާމަތް ކައިރިވަމުން އަންނަ ވަރަކަށް ދީނީ ޢިލްމުވެރިން ދާނީ ނެތެމުންނެވެ. ދީނީ ޢިލްމުވެރިން ދާނީ އަވަހާރަވެ ދުނިޔެއިން ހުސްވަމުންނެވެ. އަވަހާރަވަމުންދާ ޢިލްމުވެރިންނާއި އެއްފެންވަރުގެ ޢިލްމުވެރިން އުފެދެމަކުން ނުދާނެއެވެ. އެގޮތަށް ގޮސް ދުނިޔެއިން ދީނީ ހުރިހާ ޢިލްމުވެރިން ހުސްވެގެންދާނެއެވެ.

އެހިސާބުން ﷲ ތަޢާލާ ދުނިޔެއަށް ބެއްލެވުން ވެސް ހުއްޓަވައިލައްވަވާނެތެވެ. އެހެނީ ޤިޔާމަތް ކައިރިވެގެން އަންނައިރު ދުނިޔޭގައި ތިބޭނީ އެއްވެސް އަގެއް، ބުރަދަނެއް ނެތް ބައެކެވެ. ޖާހިލުކަން އިންތިހާއަށް ގޮސްފައިވާ އެބައިމީހުންނަށް ﷲ ތައާލާ ބައްލަވައިވެސް ނުލައްވަވާނެތެވެ.

މީސްތަކުންގެ ޖާހިލުކަން ބޮޑުވެ ހުރިހާ ނުބައި ކަމެއް ކުރުމުގައި ހައްދުފަހަނައަޅައި ދިއުމުން ޤިޔާމަތުގެ ތާޅަފިލި ފުންމަވައިލައްވަން އިސްރާފީލްގެފާނަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާނެތެވެ. ކުރިން ބުނިފަދައިން އެއިރު ދުނިޔޭގައި ތިބޭނީ ﷲ ތައާލާގެ ޙަޟްރަތުގައި އެއްވެސް އަގެއް ނެތް އެއްވެސްބުރަދަނެއް ނެތް އިންސާނުންތަކެކެވެ.

މިކަމުން މިއެނގެނީ އަހަރެމްނެގް މައްޗަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާނީވެސް އަހަރެމެން ކުރާ ހެޔޮ އަމަލުތަކުގެ މައްޗަށް ކަމެވެ. ﷲ ތަޢާލާގެ ބައްލަވައިވޮޑިގަތުން ބޭނުން ނަމަ އޮތީ ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިތިބުން ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން