"ދަތްއުނގުޅުމަކީ އަނގައަށް ލިބޭ ތާހިރުކަމެކެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭކަމެކެވެ." ‍- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 6ސ
"ދަތްއުނގުޅުމަކީ އަނގައަށް ލިބޭ ތާހިރުކަމެކެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭކަމެކެވެ." ‍- ޙަދީޘް

ދަތް އުނގުޅައި، ދަތްތަކާއި އަނގަ ސާފުކޮށްބެހެއްޓުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށްބާރު އަޅުއްވާފައިވާކަމެކެވެ. އަދި އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ.  

لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي ، لأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ. ” أخرجه البخاري 

މާނަ: ” ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންނަށް ދަތިކަމަކަށް ނުވާކަމުގައި ވާނަމަ ، ކޮންމެނަމާދަކަށް ދަތް އުނގުޅުމަށް  ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ. “ 

މަތީގައި ބަޔާންކުރެވުނު ޙަދީޘުން ، ދަތްއުނގުޅުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާމިންވަރު ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. ކޮންމެ ނަމާދަކަށް ދަތްއުނގުޅުމަށް އެކަލޭގަފާނު އަމުރުކުރައްވާފައި ނުވަނީ އުއްމަތަށް އެކަން ކުރުމަށް ކުޅަދާނަ ނުވާނެކަމަށްޓަކައެވެ. އެހެންކަމުން އެކަމަށް ކުޅަދާނަވާމީހާ ކޮށްމެ ނަމާދަކަށް ދަތް އުނގުޅުމަކީ ގަދަވެގެންވާ ސުންނަތެކެވެ. 

ތިބާ ބަރާބަރަށް ދަތް އުނގުޅާކަމުގައިވާނަމަ އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދޭނެއެވެ. އަދި ޠާހިރުކޮށްދޭނެއެވެ. އަދި އޭގެ އިތުރުން މީސްތަކުންގެ ތެރޭގައި އުޅޭއުޅުމުގައި އަދި ނަމާދަށް ހުންނަ ހުރުމުގައި އަނގައިން ނުބައިވަސް ދުވާކަމުގައިވާނަމަ ތިބާގެ ކައިރީގައި ނަމާދަށް ހުންނަ އެހެން އަޚުންނަށް އޭގެސަބަބުން އުނދަގޫލިބޭނެއެވެ. ތިބާ ލައިގެން ހުންނަ ހެދުމާއި ހަށިގަނޑުގެ އެހެން ތަންތަން ސާފުކޮށް ބަހައްޓާފަދައިން އަނގަވެސް ސާފުކޮށް ބަހައްޓަން ޖެހެއެވެ. އެއީ އޭގެ ސަބަބުން ތިބާއަށާއި އެހެންމީހުނަށް އުނދަގޫނުލިބުމަށްޓަކައެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  

السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّأخرجه النسائي 

މާނަ : ” ދަތްއުނގުޅުމަކީ އަނގައަށް ލިބޭ ތާހިރުކަމެކެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭކަމެކެވެ. “ 

ވުޟޫކުރުމުގައިވެސް ނޭފަތުގެ އެތެރެއަށް ފެންލައިގެން ސާފުކުރުމަށާއި އަނގައިގެ އެތެރެ ދޮވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެއަށް ވަޑައިގެންފައި އެންމެ އިސްކަމެއްދެއްވަނީ ކޮންކަމަކަށްތޯ ސުވާލުދެއްނެވުމުން އައިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “بِالسِّوَاكِމާނަ: "ދަތްއުނގުޅުމަށެވެ." 

އެހެންކަމުން އަނގައިގެ އެތެރެ ތަޣައްޔަރުވެ ނުބައިވަސް ދުވާކަމުގައިވާނަމަ ދަތްއުނގުޅައި އަނގަ ސާފުކުރުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. ޚާއްސަކޮށް ނިދުމުގެކުރިންނާއި ނިދިންހޭލެވުމުން ދަތްއުނގުޅުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އަދި އަޅުގަނޑުމެންގެ ދަރީން ކުޑައިރުއްސުރެ އެގޮތުގައި ތަރުބިއްޔަތުކުރަންޖެހެއެވެ. ޙުޒައިފަތު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ.  

أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- كَانَ إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ. ” رواه مسلم 

މާނަ : ” ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައަލަމަ ރޭގަނޑު (ނިދިން) ތެދުވެއްޖެކަމުގައިވާނަމަ އެކަލޭގެފާނުގެ ދަތްތައް އުނގުޅައި ސާފުކުރައްވައެވެ. “

ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. 

إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِ‌ينَ  سورةالبقرة    

މާނަ : ” ހަމަކަށަވަރުން ، ގިނަގިނައިން ތައުބާވާމީހުންނާއި ގިނަގިނައިން ޠާހިރުވާމީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. 

- އަލް އަޚް ބިލާލް ޢަބްދުއްސައްތާރު

މިއަދު އޮންލައިން