އިބްން ތައިމިއްޔާ ރަޙިމަހުﷲ އަޅުކަންކުރައްވައި ދުޢާކުރެއްވި މަގު- އެއިން ކުޑަމިންވަރެއްގައިވެސް ހިފަހައްޓާލެވޭތޯ ބަލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 16ސ
އިބްން ތައިމިއްޔާ ރަޙިމަހުﷲ އަޅުކަންކުރައްވައި ދުޢާކުރެއްވި މަގު- އެއިން ކުޑަމިންވަރެއްގައިވެސް ހިފަހައްޓާލެވޭތޯ ބަލަމާ!

އަޅުކަން ކުރެއްވުން: 

ދުވާލާއި ރޭގަނޑު އަރަހުށި މާތް އަށް އަޅުކަން ކުރެއްވުމަކީ ابن تيميَّة رحمه اللّـه ގެ ޚާއްޞަ އުފާފުޅެކެވެ. ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވިކަމެވެ. ޢިލްމީ މަސައްކަތުން އަވަދިވެވަޑައިގެން ހުންނަވާނަމަ އެކަލޭގެފާނުގެ ހުރިވާ ވަޤުތެއް ހުސްކުރައްވައިފައިވަނީ އަޅުކަން ކުރެއްވުމަށެވެ. މުދަލާ ފައިސާ އާއި ޢާއިލާއަކީ އެކަލޭގެފާނު މާތް އަށް އަޅުކަން ކުރެއްވުމުން ދުރުހެލިކުރުވާ ކަމެއް ކަމުގައެއްނުވެއެވެ. 

ރޭގަނޑުގެ ވަޤުތުގައި މީސްތަކުންނާއި އެކަހެރިވެވަޑައިގެން މާތް އަށް އަޅުކަން ކުރެއްވުމަށް ހުސްކުރައްވައެވެ. ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވެ ރޭއަޅުކަން ކުރައްވައެވެ. ފަތިސްވުމުން މީސްތަކުންނާއެކު ފަތިސްނަމާދު ކުރައްވައެވެ. ނަމާދު ކުރައްވާއިރު ހުޝޫޢާތްތެރިކަމުގެ ބޮޑުކަމާއި މާތް އަށް ބިރުވެތިވެވަޑައިގަންނަވާލެއް ބޮޑުކަމުން އެކަލޭގެފާނުގެ އަތްފައިންޕުޅު ތުރުތުރު އަޅައިގެންދެއެވެ. ޤުރްއާން ކިޔަވާ ވިދާޅުވަމުން ގެންދަވާނީ ރަސޫލާ ޤުރްއާން ކިޔަވާ ވިދާޅުވާ ކަމަށް ރިވާވެގެންވާ އެންމެ ޞައްޙަ ގޮތަށެވެ. ރުކޫޢު އާއި ސަޖިދަވެސް ކުރައްވަނީ ނަމާދުގައި އެކަން ކުރަން އައިސްފައިވާ އެންމެ ފުރިހަމައަކަށެވެ. 

ابن تيميَّة رحمه اللّـه ނަމާދުން އަވަދިވެވަޑައިގެން އެކަލޭގެފާނާއެކުގައިވާ މީސްތަކުންނާއެކު މާތްﷲ އަށް ޙަމްދުކޮށް ތަސްބީޙަ ދެންނެވުމުގައި މަޝްޣޫލުވެވަޑައިގަންނަވައެވެ. އެކަލޭގެފާނު ފަތިސްނަމާދުން އަވަދިވެވަޑައިގެން މި ޒިކުރު ކުރައްވައެވެ.

 اللهُمَّ أنت السَّلام ومِنك السَّلام، تَبَارَكْتَ يا ذا الجَلال والإكْرَام. { رواه مسلم} އެއަށްފަހު الحمد لله މި ކަލިމަ 33 ފަހަރު سبحان الله 33 ފަހަރު،  الله اكبر 33 ފަހަރު ވިދާޅުވެ، لا إله إلا الله އެއްފަހަރު ވިދާޅުވެ ސަތޭކަ ހަމަކުރައްވައެވެ. 

އެއަށްފަހު މި ދުޢާ ކުރައްވައެވެ.  

[رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ وَاهْدِنِي وَيَسِّرِ الْهُدَى لِي وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مُطِيعًا إِلَيْكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَاهْدِ قَلْبِي وَسَدِّدْ لِسَانِي وَثَبِّتْ حُجَّتِي وَاسْلُلْ سَخِيمَةَ قَلْبِي ] 

ابن تيميَّة رحمه اللّـه ދުޢާ ފައްޓަވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޞަލަވާތް ވިދާޅުވެފައެވެ. ދުޢާ ނިންމަވަނީވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޞަލަވާތް ވިދާޅުވެފައެވެ. އެއަށްފަހު އަލުން ޒިކުރުކުރެއްވުމާގެން މަސްޣޫލުވެވަޑައިގަންނަވައެވެ. އެއަށްފަހު ޟުޙާ ނަމާދު ކުރައްވައެވެ. 

އެކަލޭގެފާނު ބޭރަށް ނުކުމެވަޑައިގެން މަގުމަތީން ގޯސްކަމެއް ކުރާ ބަޔަކު ފެނިވަޑައިގެންފިނަމަ އެބަޔަކަށް ނެސޭހަތްދެއްވައި ހަމަމަގަށް އަޅުވައެވެ. އެކަމެއް އިސްލާހު ކުރައްވައެވެ. ޖަނާޒާއެއްގެ ކަންތައް ހިނގާނަމަ އަވަސްއަވަހަށް އެތަނަކަށް ވަޑައިގެން އެކަމުގައި ބައިވެރިވެވަޑައިގަންނަވައެވެ. އެއަށްފަހު މިސްކިތަށް ވަޑައިގެން  ފަތުވާދެއްވުމުގައި ނުވަތަ މީސްތަކުންގެ ބޭނުން ފުއްދެވުމުގައި މެންދުރު ނަމާދުވެއްޖެއުމަށް ދާންދެން އިންނަވައެވެ. އެއަށްފަހު ޖަމާއަތުގައި މެންދުރު ނަމާދު ކުރައްވައެވެ. 

އެކަލޭގެފާނުގެ ޙަލަޤާތަކަކީ ވަކި ފަންތިއެއްގެ ވަކި ގިންތިއެއްގެ ބަޔަކަށް ޚާއްޞަ ޙަލަޤާތަކެއް ނޫންނެވެ. އަޑުއަހާ ބައިވެރިވުމަށް ހަމަ ކޮންމެ މީހަކަށްވެސް ފުރުސަތު އޮންނަ ޙަލަޤާތަކެވެ. އެކަލޭގެފާނުގެ މުޅިދުވަސް ހޭދަކުރައްވަނީ މިފަދަ ގޮތަކަށެވެ. އަޅުކަންކުރެއްވުމާއި، މީސްތަކުންނަށް ފަތުވާދެއްވުމާއި، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައެވެ.  އެއަށްފަހު މަޣުރިބު ނަމާދު ކުރައްވައިގެން އެކަލޭގެފާނުގެ ދަރިވަރުންކުރެ ދަރިވަރަކު ލައްވައި އެކަލޭގެފާނު ލިޔުއްވައިފައިވާ ފޮތްތަކުންގެ ތެރެއިން ފޮތެއް ކިޔުއްވައެވެ. އެއަށްފަހު އެ ފޮތުގެ ބައިތައް އިތުރަށް ދަރިވަރުންނަށް އޮޅުއްފިލުއްވައިދެއްވައެވެ. 

ޢިޝާނަމާދާ ހަމައަށް މިކަންތައް މިގޮތަށް ކުރިއަށް ގެންދެވުމަށްފަހު، ޢިޝާނަމާދަށްފަހުވެސް އެކަންތައް އެގޮތަށް ކުރިއަށް ގެންދަވައެވެ. އެކަލޭގެފާނު ދުވާލާއި ރޭގަނޑު ގަޑީގައި  އަރަހުށި މާތް ހަނދުމަކޮށް ޒިކުރުކުރައްވައި އަސްތަޣުފާރު ކުރެއްވުންމަތީ ދެހުންނަވައެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން