ޖެހިގެންހުރި ފްލެޓްގަ އުޅޭ މީހުންގެ ޙާލު ނޭނގޭނަމަ އެއީ ހިތާމަކުރަންޖެހޭނެ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 56ސ
ޖެހިގެންހުރި ފްލެޓްގަ އުޅޭ މީހުންގެ ޙާލު ނޭނގޭނަމަ އެއީ ހިތާމަކުރަންޖެހޭނެ ކަމެއް!

ކުރީ ޒަމާނުގައި އުޅުނީ ދުރުދުރުގައި ހުންނަ ގެތަކުގައެވެ. އެހެންކަމާއިއެކުވެސް އަވަށްޓެރިންގެ ޙާލު ބެލިއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއިއެކު މިހާރު ދިރިއުޅެނީ ޖެހިޖެހިގެން ހުންނަ ފްލެޓްތަކުގައެވެ. އެހެނަސް އަވަށްޓެރިޔާގެ ޙާލު ބަލައިވެސް ނުލެވެއެވެ. އެއްވެސް ގުޅުމެއް ނޯވެއެވެ. މީގެއިތުރުން ބައެއްފަހަރު ޙާލުބަލަން އުޅުމުން އެކަން އެއީ ގޯސްކަމަކަށްވެސް އެބަހަދައެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިިހި ވަޞައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. 

مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُمتفق عليه 

މާނަ : ” އަވައްޓެރިންނަކީ ، މުދާ ވާރުތަވާ މީހުންގެ ތެރެއިންވާ ބައެއްކަމަށް ހީފުޅުވެގެންދާވަރަށް ޖިބްރީލު ޢަލައިހިއްސަލާމް ތިމަންކަލޭގެފާނަށް އަވައްޓެރިންނާއިމެދު ވަޞިއްޔަތް ކުރައްވަމުން ގެންދެވިއެވެ." 

ކަން އޮތީ މިފަދައިން ކަމަށްވާއިރު އަވަށްޓެރިންގެ ޙާލު ނުބަލައި ތިބެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

ރަސޫލުﷲ ޞައްލަﷲ ޢަލައިިހި ވަޞައްލަމަ އަކީ ހުރިހާގޮތަކުންވެސް އަޅުގަނޑުމެންނަށް ހުރި ފުރިހަަމަ ނަމޫނާއެކެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް މެއެވެ. 

ލޮބުވެތި އަޚުންނޭވެ! އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުއަކީ އަވައްޓެރިންނަށް ވަރަށްބޮޑަށް އިސްކަންދީ ޤަދަރާއި އިޙްތިރާމާއި އެހީތެރިކަންދީގެން އުޅެމުން އައި ވަަރަށް އެކުވެރި މުޖުތަމަޢުއެކެވެ. ނަމަވެސް މި ރީތި އާދަ މިހާރު ވަނީ މުޅީންހެން ނެތިގެން ދާންފަށައިފައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ދައްކަވާދެއްވާފައިވާ ރިވެތި އުސޫލުތައް އަޅުގަނޑުމެން ފުރިހަމަގޮތުގައި ބަލައިގަނެ އެކަލޭގަފާނުގެ ގޮތްތައް ދިރުވަންޖެހެއެވެ. 

އެކަލޭގަފާނު ވަނީ ، އެކަލޭގެފާނުގެ އަވައްޓެރިންނަށް  ނުހަނު މަތިވެރި ޤަދަރާއި އިޙްތިރާމް ދީފައެވެ. އަވައްޓެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވައެވެ. އަވައްޓެރިންގެ ޙާލު އަހުވާލު ބައްލަވައެވެ. އަވައްޓެރިޔަކު ބަލިވެއްޖެނަމަ ޒިޔާރަތްކުރައްވައެވެ. މީސްތަކުންގެ އިޖްތިމާޢީ އުޅުންތަކާއި ގުޅުންތައް އާލާވެގެން ދިޔުމަށްޓަކައި މާތްވެގެންވާ އިސްލާމްދީނުގައި ވަނީ އަވައްޓެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައެވެ. 

އަބޫ ޛައްރު ރަޞިޔަﷲ ޢަންހު އަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މިފަދައިން ވަޞިއްޔަތް ކުރެއްވިއެވެ. 

إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا وَتَعَاهَدْ جِيرَانَكَ ثم انظر أهل بيت من جيرانك فأصبهم منها بمعروف ” – رَواه مسلم 

 މާނަ : ” ކަލޭގެފާނު ފެނުގައި މަސް ކައްކާ ކަމުގައި ވާނަމަ ފެން ގިނަކޮށްގެން ކައްކާށެވެ. އަދި ކަލޭގެފާނުގެ އަވައްޓެރިންގެ ގޭތަކުގެ މީހުންގެ ޙާލަތަށް ބާލާށެވެ. އަދި ހެޔޮ ގޮތުގައި އެމީހުންނަށް އެއިން ފޯރުކޮށްދޭށެވެ." 

އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. 

لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ رَواه مسلم މާނަ : ” އެމީހެއްގެ ނުބައިކަމުން އެމީހެއްގެ އަވައްޓެރިޔާއަށް އަމާންކަން ނުލިބުނު މީހާ ސުވަރުގެ ނުވަންނަހުއްޓެވެ." 

އެހެން ހަދީޘެއްގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.  

"مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُحْسِنْ إِلَى جَارِهِ” – رَواه مسلم

މާނަ : "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހަކުނަމަ އެމީހާގެ އަވައްޓެރިޔާއަށް ހެޔޮކޮށް ހިތާށެވެ." 

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ.  

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يُؤْذِى جَارَهُ رَواه مسلم
މާނަ : "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހަކުނަމަ އެމީހާގެ އަވައްޓެރިޔާއަށް އުނދަގޫ ނުކުރާހުށިކަމެވެ." 

- އައްޝައިޚް ބިލާލް ޢަބްދުއްސައްތާރު

 

މިއަދު އޮންލައިން