ތިމާ ކުރާ އެންމެ ހެޔޮ އަމަލެއް ނުކުރެވުނަސް އެއްބައަކު ހިތާމަކުރާއިރު އަނެއްބައަކަށް ފާފަނުކޮށް ނުނިދިގެން އުޅެންޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ތިމާ ކުރާ އެންމެ ހެޔޮ އަމަލެއް ނުކުރެވުނަސް އެއްބައަކު ހިތާމަކުރާއިރު އަނެއްބައަކަށް ފާފަނުކޮށް ނުނިދިގެން އުޅެންޖެހެނީ ކީއްވެ؟

އިމާމު އިބުނު ޤައްޔިމު ރަޙިމަޙުﷲ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ އައްދާއު ވައްދަވާއު (ބައްޔާއި ފަރުވާ) މި ފޮތުގައި ބަޔާން ކުރައްވައެވެ. 

ހަމަކަށަވަރުންވެސް ނުބައި ފާފަތަކަކީ މޭވާއެއްގެ އޮށްތަކެއް ފަދަ އެއްޗެހިތަކެކެވެ. އެއޮށްތަކުން އަނެއްކާވެސް އިތުރު މޭވާތަކެއް (އެބަހީ ފާފަތަކެއް) އުފައްދާނެތެވެ. ޞަލަފުންގެ ބޭކަލުން ވިދާޅުވާ ގޮތުން ފާފައެއް ކުރުމުން އެ ފާފައަކަށް ދެވޭ ޢަދަބަކީ އެފާފައިން ރައްކާތެރި ކުރުމަށްޓަކައި ދެވޭ ޢަދަބެކެވެ. އަދި ހެޔޮ ޢަމަލަށް ދެވޭ ސަވާބަކީ އިތުރު ހެޔޮއަމަލުތައް ކުރުމަށް ހިތްވަރުދިނުމަށްޓަކައި ދެވޭ ޖަޒާއެވެ. މިފަދަ ހެޔޮޢަމަލުތަކެއް ކުރުމުގެ ނަތީޖާއަކީ ގިނަ ހެޔޮ ޢަމަލުތަކެކެވެ. އަދި އެ ހެޔޮ ޢަމަލުތައް އެކިގޮތްގޮތުން ގިނަވެ އެއިން ލިބޭ ޘަވާބު ފެތުރިގެން ދެއެވެ. 

ހަމައެފަދައިން ނުބައި ޢަމަލުތައްވެސް، އެއް ޢަމަލުން އަނެއްކަންތަކަށް މަގުފަހިވަމުން ގޮސް ނުބައި އެތައްކަމެއް އޮންނާނީ ކުރެވިފައެވެ. އެންމެ ފަހުން އޭގަ ސިފަޖެހި އެކަން ކުރާ މީހެއްގެ ސިފައެއް ކަމަށް ދާއިމީގޮތުން ވެގެން ދެއެވެ.ޞާލިޙު ހެޔޮ އަމަލުކުރާ މީހަކު ހެޔޮއަމަލެއް ދޫކޮށްލައިފިނަމަ ނުވަތަ ދޫކޮށްލަން ޖެހިއްޖެނަމަ އެމީހަކަށް ދުނިޔެއިން ކޮންމެސް ކަމެއް އުނިވާކަން އިހުސާސް ކުރެވޭނެއެވެ. ނުވަތަ މިއޮތް ފުޅާ ތަނަވަސް ދުނިޔެ އޭނާގެ މައްޗަށް ހަނިވާ ކަމުގެ އިހުސާސް ކުރެއްވޭނެއެވެ. މަހެއް ފެނުން ބޭރުގައި ފެނަށް ތެޅޭ ފަދައިންނެވެ. އޭގެ ފުރާނައަށް ހިތްހަމަ ޖެހުމެއް ލިބެނީ ފެނުގެ ތެރޭގައި އޮއިވަރުތަކުގެ ތެރޭގައި އޭތި އުޅޭ އިރުއެވެ. 

ފާފަވެރިޔާއަށްވެސް ހަމަ އެފަދައިންނެވެ. އޭނާއަށް ހިތްހަމަޖެހުމެއް ލިބެނީ އޭނާ ކުރާ ފާފަތަކުންނެވެ. އެފާފަތަކަށް ގެނބިގަންނަހިނދުންނެވެ. ހެޔޮޢަމަލު ކުރާ މީހާއަށް ހެޔޮ އަމަލު ނުކުރެވުމުން ކުރެވުނު އިޙުސާސް ފާފަވެރިޔާ އޭނާގެ ފާފަ ނުކުރެވުމުން ކުރާނެއެވެ. (އެބަހީ: އޭނާގެ ހިތް ފާފަ ކުރުމަށް އެދޭނެއެވެ. ) އޭނާގެ ފާފައިން އޭނާއަށް އުފަލެއް ލިބެނީއެއް ނޫނެވެ. ނަމަވެސް އޭނާ އެފާފައަށް އަރައިގަންނަނީ އެފާފަ ނުކުރުމުން އޭނާގެ ހިތަށް ކުރާ އަސަރާއި ތަދަށް ލުޔެއް ހޯދާލުމަށެވެ.

(އިބުނު ގައްޔިމު ރަޙިމަހުﷲގެ ބަސްފުޅު ނިމުނީ) 

މިއީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ހެޔޮ ޢަމަލެއް ކުރާ މީހަކަށް ހެޔޮކަމެއް ނުކުރެވުމުން އެމީހަކަށް އެކަން ނުކުރެވުމުން ހިތާމައާއި މޮޅިކަން ލިބޭފަދައިން ފާފަކުރާ މީހާއަށް އޭނާ ކުރާ ފާފަ ނުކުރެވުމުންވެސް ހަމަ ހިތާމައާއި މޮޅިކަން އާދެއެވެ. ސަބަބަކީ އޭނާގެ ނުބައި ޢަމަލުތައް ގިނަވަމުން ގިނަވަމުން އައިސް އެކަމަކަށް އޭނާގެ ހިތުގައި ލޯބިޖެހިފައި ވުމެވެ. އެފަދަ މީހަކަށް ހައްޤުގެ މަގު ވިސްނައިދިނުމަކީ ދަތިކަމެކެވެ. 

މިޒަމާނަކަށް އައިސް އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ އެއީއެވެ. ފާފަތަކުގެ މަތީގައި ދެމިތިބުމަށްފަހު އެފާފައެއް ދޫކޮށްލާށޭ ބުނެވިއްޖެނަމަ އޭނާއަށް އެކުރެވެނީ ފާފައެއްކަންވެސް ނޭންގޭ ފަދައެވެ. އަދި އެއީ ނުބައި އަމަލެއްކަމަށް ޤަބޫލުކުރަން ދެކޮޅުވެސް ހަދައެވެ. 

މިސާލަކަށް މިޔުޒިކު އަޑުއެހުމާއި ތުނބުޅި ބޭލުމާއި އަދި ތިމާ އަންނަ ފަޓުލޫނާއި އަދިވެސް ހެދުން ތަނބިކައްޓަށްވުރެ ތިރިއަށް ބެހެއްޓުން ފަދަ އާދައިގެ ފަސޭހަކަންކަން މިއަދު މީހަކަށް ބުނެދެވިއްޖެ ނަމަ ގިނަ މީހުން ބުނަނީ ތިޔައީ ހައްދު ފަހަނައެޅި މީހުންގެ ގޮތްކަމަށެވެ. ޙަޤީޤަތަކީ ހައްދުފަހަނަ އެޅުމަކީ ދީނުގެ ހައްދުން ބޭރުވުމުވެ. ދީން ހަރާމް ކުރާ ފާފަތަކަށް އަރައިގަތުމެވެ. ނަމަވެސް ﷲ ހިދާޔަތް ދައްކަވަން އެދިވޮޑިގެންވާ ފަރާތަކަށް އެއިލާހު ހިދާޔަތް ދައްކަވައެވެ. އަދި މަގުފުރައްދަވަން އެދިވޮޑިގެންވި ފަރާތެއް މަގު ފުރައްދަވައެވެ. އަޅުގަނޑުމެން އެންމެންނަކީ މާތްﷲ ތެދުމަގު ދައްކަވާ ފަރާތްތަކެއް ކަމުގައި ލައްވާށިއެވެ. އާމީން.

- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު 

 

 

މިއަދު އޮންލައިން