ދޮގު ތުހުމަތު ކުރުމަކީ ތިބާ އެތައް އަހަރަކު ކުރި އަޅުކަމުގެ ސަވާބު ގެއްލިގެން ހިނގައިދާނެ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދޮގު ތުހުމަތު ކުރުމަކީ ތިބާ އެތައް އަހަރަކު ކުރި އަޅުކަމުގެ ސަވާބު ގެއްލިގެން ހިނގައިދާނެ ޢަމަލެއް!

ރުޅި އައުމުން އަނބިން، ފިރިން އެކަކު އަނެކަކާއިމެދު އެބަ ދޮގު ވާހަކަތައް ޢާންމުކުރެއެވެ. މީހުންނަށް ގެއްލުންދިނުމުގެ ބޭނުމުގައި އެމީހަކާއިމެދު ބޮޑެތި ދޮގު ތުހުމަތުތައް ކުރެއެވެ. މީހަކަށް ލިބިދާނެ ކުރިއެރުން ހުއްޓުވުމަށްޓަކައިވެސް އެފަދަ ކަންކަން އެބަކުރެއެވެ.

ރަނގަޅަށް ވިސްނާށެވެ! ތައުބާވެ ދުޢާކުރުމުން ﷲ ތަޢާލާ ފާފަތައް ފުއްސަވައި ދެއްވަވައެވެ. ނަމަވެސް މީހުންގެ ޙައްޤު ހިމެނޭ ކަންކަމުގައި ހިމެނޭ ކަންކަމުން ސަލާމަތް ވެވޭނީ އަނިޔާ ލިބުނު މިހާ، އޭނާގެ ޙައްޤު ދޫކޮށްލުމުންނެވެ. މަޢާފް ކުރުމުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައި ސަމާލުކަން ދޭން ޖެހިފައިވާ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ.

ދޮގު ތުހުމަތުކުރުމަކީ ފާފައެކެވެ. ބަދަލު ދޭން ޖެހޭ ކަމެކެވެ. ވީމާ ދޮގު ތުހުމަތުތައް ކުރަން ބިރުވެތިވާށެވެ! ޚާއްޞަކޮށް މިޒަމާނުގައެވެ.

މިޒަމާނުގައި އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ބުނުމުން ބައެއް މީހުން ސުވާލު އުފައްދައިފާނެއެވެ؟ މިޒަމާނުގައި ވަކިން ބޮޑަށް ސަމާލުކަން ދޭންޖެހެންވީ ކީއްވެގެން ކަމާއިމެދުގައެވެ. ވީމާ ވިސްނައިލާށެވެ!

މާޒީއަށް ބަލައިފިނަމަ ކުރެވޭ ދޮގު ތުހުމަތެއް އެނގޭނީ އެކަމެއްގެ އަޑު އިވުނު ބައަކަށެވެ. ނަމަވެސް މިއަދު އެފަދަ ކަންކަން އެދަނީ ވަރަށް ފަސޭހަކަމާއިއެކު ސޯޝަލް މީޑިއާގައި ޢާންމުވަމުންނެވެ. އެވާހަކަ އަޑު އިވޭނީ ކިތައް ލައްކަ ނުވަތަ ކިތައް މިލިއަން މީހުންނަށްކަން ނުވެސް އެނގޭނެއެވެ. ވީމާ އެ ފިތުނައިގެ އަސަރު ފުޅައުވެގެންދާނީ ކިހައިވަރަކަށްކަން ޚިޔާލަށް ގެންނަން ވެސް ނުއެނގޭނެއެވެ.

ތިމާ ކުރަނީ އެންމެ ޓްވީޓެކެވެ. ނުވަތަ ޕޯސްޓް ކުރަނީ އެންމެ މެސެޖެކެވެ. އެއީ ފިތުނައިގެ އޮށެވެ. އެ އޮށުން ގަސް ފަޅައި ހެދި ބޮޑުވެ ގަހުގައި ޖަހާ ކޮންމެ ފަތަކަށް ވެސް އޮށް އިންދި މީހާ ޒިންމާވާން ޖެހޭނެއެވެ.

ވީމާ މިފަދަ އަމަލެއްގެ ބަދަލުގައި ތިމާ އެތައް އަހަރެއް ވަންދެން ކުރި އަޅުކަމުގެ ސަވާބު ދޫކޮށްލަންޖެހިދާނެ ދުވަސް އޮތީ ކުރިއަށް ކަމާއިމެދު ވިސްނައި ބިރުވެތިވާށެވެ! ތިމާއަށް އެކަމުގެ ޔަޤީންކަން ނެތް ކަންކަމުގެ ވާހަކަ ނުފަތުރާށެވެ! މީހަކު ބުނެފައިވީ ބަހެއް ނަމަވެސް މެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން