ރަނގަޅު، ކާމިޔާބު، ބާއްޖަވެރި، އުފާވެރި ދުވަހަކަށް އެދެމުހެއްޔެވެ؟ އެފަދަ ދުވަހަކަށް ނުއެދޭނެ ހަމަ އެކަކުވެސް ނުހުންނާނެ ނޫންހެއްޔެވެ؟ ވީމާ އެފަދަ ދުވަހަކަށް އެދޭނަމަ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ދުވަސް ފެށުމާއި ﷲ ތަޢާލާއަށް ޝުކުރުވެރިވަމުން ދުވަސް ނިންމައިލުމެވެ.
ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުވަސް ފެށޭނީ ފަތިސްނަމާދުން ދުވަސް ފަށައިގެންނެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވަމުން ދުވަސް ނިންމައިލެވޭނީ އެދުވަހު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްފަހު ޛިކުރުކުރުންމަތީގައި ނިދުމުންނެވެ. އެފަދައިން ނިދައި އަދި ފަތިސްނަމާދުން ދުވަސްފަށާމީހާގެ ޙަޔާތް އަބަދުވެސްދާނީ ބާއްޖަވެރިވަމުންނެވެ. އިންޝާ ﷲ
ކުރަން އޮތް ކަމަކީ ކުރާ ކޮންމެ ކަމެއްގައި ވެސް އިޚްލާޞްތެރިވުމެވެ. އެމީހަކަށް ކުރެވެން އޮތް އެންމެ ރަނގަޅަށް ކޮންމެ ކަމެއްވެސް ކުރުމެވެ. ކޮންމެ ކަމެއް ކުރުމަށްވެސް ނަފްސުގެ ޠޯހިރުކަން އިސްކުރުމެވެ.
ހަމަ އެއާއިއެކު އެމީހަކަށް ނުކުރެވޭނެ ވަރުގެ ކަންކަން ކުރަން ނުވިސްނާށެވެ. އެކަންކަން ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲ ތަޢާލާއަށް ދޫކޮށްލާށެވެ! އެކަން ދާނީ ފުރިހަމަވަމުންނެވެ.
--މުފްތީ މެންކްގެ ދަރުސަކުން