އަޅުގަނޑުގެ މަންމައަކީ ތަނަވަސް އަންހެނެކެވެ. މަންމަ ނިޔާވީ އަޅުގަނޑުގެ އުމުރުން 15 އަހަރުގައެވެ. މަންމަ ނިޔާވުމާއިއެކު މަންމަގެ ތަނަވަސްކަން ބޭނުންކޮށްގެން ބައްޕަ އުޅެންފެށި ދިރިއުޅުމަކީ އަޅުގަނޑުފަދަ އަންހެންކުއްޖަކު ދެކެންވެސް ހެޔޮވާނެ ދިރިއުޅުމެއް ނޫނެވެ.
ހަމައެކަނި ބޭރުގައި ގޮތްގޮތަށް އުޅެނީއެއް ނޫނެވެ. ގެއަށް ކޮންމެރެއަކުހެން ތަފާތު އަންހެނަކުވެސް ގެނެއެވެ. ގެއަށް ގެނެސް ކޮޓަރީގައި އުޅެނީއެއް ނޫނެވެ. ސިޓިންގ ރޫމްގައިވެސް އެމީހަކާއިއެކު އުޅެނީ ޔޫރަޕްގައި މީހުން އުޅޭ ގޮތަށެވެ.
މަންމަ އަޅުގަނޑަށް ދީފައި ހުރި ތަރުބިއްޔަތުން އެމަންޒަރުތައް ބަލަންވެސް ފަސޭހައެއް ނޫނެވެ. އެހެންވެ އަޅުގަނޑަށް އަބަދުހެން އުޅެން ޖެހެނީ އަޅުގަނޑުގެ ކޮޓަރީގައެވެ. ހައަކަމަސްވުމުން އެވާހަކަތައް ބޮޑުދައިތައަށް ކިޔައިދިނީމެވެ. އެއީ ބައްޕަގެ އެދިރިއުޅުމުން ނޭދެވޭ އަސަރުކޮށް އަޅުގަނޑުގެ ޙަޔާތް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. މަންމަ އަޅުގަނޑު ތަރުބިއްޔަތުކުރި ގޮތާއި ޚިލާފު ދިރިއުޅުމެއް އުޅެންޖެހިދާނެތީއެވެ.
ކޮންމެއަކަސް ހަމަ އެދުވަހު އަޅުގަނޑު ގޮވައިގެން ބޮޑުދައިތަ ގެއަށް ދިއައެވެ. އަދި ގެއިން ނުނުކުމެ އަޅުގަނޑާއިއެކު ގޭގައި އުޅުނެވެ. އެރޭވެސް ބައްޕަ ގެއަށް އައީ ކޮންމެެވެސް އަންހެން ކުއްޖަކު ގޮވައިގެންނެވެ. ފެންނަ ފެނުމަށް އެކުއްޖާއަށް އަދި 18 އަހަރުވެސް ނުވާނެއެވެ.
ބޮޑުދައިތަ ބައްޕައަށް އެންގީ އެކުއްޖާ ގެއަށް ނުވެއްދޭނެ ކަމަށެވެ. އޭނާ ގެނައިތަނަކަށް އޭނާ ގޮވައިގެން ދިއުމަށެވެ. ވަރުގަދަ ޒުވާބަކަށްފަހު ބައްޕަ ގެއިން ނުކުމެގެން ދިއައީ ބޮޑުދައިތަގެ ކަރުބުޑުގައި ލޭރަހަ ލައްވައިލާނެ ކަމަށް ބުނެފައެވެ.
ބައްޕަ ނުކުމެގެން ދިއުމުން ގެތަޅުލިއެވެ. އަދި ތަޅުދަނޑިން ހުޅުވި ނަމަވެސް ދޮރުނުހުޅުވޭނެ ގޮތަށް ޗޭނުލޮކްއެޅުވިއެވެ. އެކަންކުރުމަށްފަހު ބޮޑުދައިތަ ގޮސް މަންމަގެ އަލަމާރި ހުޅުވިއެވެ. އަދި ބޮޑުދައިތަ އަތުގައި އޮތް ތަޅުދަނޑިއަކުން އަލަމާރީގެ ވަތްގަނޑު ހުލުވައި ލިޔުންތަކެއް ނެގިއެވެ. އެލިޔުންތައް ބެލިއިރު އެއީ މަންމަގެ ވަޞިއްޔަތެވެ. ވަޞިއްޔަތުގައި ލިޔެފައި އޮތެވެ.
"އަހަރެން މަރުވުމަށްފަހު އަހަރެންގެ ގެދޮރާއި އެކައުންޓުގައި ހުރިފައިސާ އާއި ފިހާރައަކީ ދަރިފުޅުގެ މިލްކެކެވެ. އެއިން ދަރިފުޅުގެ ބައްޕަ ބޭނުންކުރަންވާނީ ދަރިފުޅުދިން މިންވަރަކަށެވެ. ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން މަސައްކަތްނުކުރާނަމަ އޭނާއަށް އެއްވެސް އެއްޗެއް ނުދޭށެވެ. އެހެން މީހަކާއި ކައިވެނިކޮށްގެން ރަނގަޅު ގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރާނަމަ ހަމަ މިގޭގައި އުޅުމުގެ ފުރުޞަތު ދޭށެވެ. ނޫންނަމަ އެއްބަނޑު އެއްބަފާ ފިރިހެނަކު ނެތުމުން ދަރިފުޅުގެ ބެލެނިވެރިކަން ޙަވާލުމިކުރަނީ ދޮށީ ދައްތަ ޢާއިޝާ މަނިކެއަށެވެ.
ފަހުން އަނބުރާދޭ ގޮތަށް ފިރިމީހާ ވަނީ ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފައެވެ. އެއިގެ ތަފްޞީލްތައްވެސް ވަތްގަނޑުގައި ހުންނާނެއެވެ. އޭނާ ޙަލާލުބައަށް ދައުވާކޮށްފިނަމަ އެއްވެސް އެއްޗެއް ދޭންވާނީ އެފައިސާ އުނިކުރުމަށްފަހު ދޭންޖެހޭ ނަމައެވެ.
އަހަރެންގެ ފިރިމީހާއަކީ ފައިސާ ގެންގުޅެން ދަންނަ މީހެއް ނޫނެވެ. ވީމާ އަހަރެންގެ އެއްވެސް ފައިސާއަކަށް ބާރުހިންގުމުގެ ފުރުޞަތު އޭނާއަށް ނުދޭށެވެ. އަހަރެންގެ ބަލީގެ ސަބަބަކީ ދަރިފުޅަށްޓަކައި އޭނާ އާއިއެކު ދިރިއުޅެންކުރި މަސައްކަތެވެ. އޭނާ ބުނާހާ ވަރަކަށް އޭނާއަށް ފައިސާ ނުދޭތީ ދިން ހިތްދަތިކަމެވެ. ..." މިފަދަ އެތައް ވާހަކަތަކެއް ވަޞިއްޔަތުގައި ލިޔެފައި އޮތެވެ.
ބޮޑުދައިތަ ބުނީ ވަޞިއްޔަތް އޮތްކަން އޭނާއަށް އެނގޭކަމަށެވެ. ވަތްގަނޑުގެ ޑަބަލް ތަޅުދަނޑި ދިނީ މަންމަ ކަމަށެވެ. ވަޞިއްޔަތް ބަލަން ނޫޅެ ހުރީ އަޅުގަނޑުގެ ކިބައިން ބައްޕަގެ އެއްވެސް ޝަކުވާއެއް ނުލިބޭތީ ބައްޕަ ކަންކަން ކުރަނީ ރަނގަޅަށް ކަމަށް ހީކޮށްގެން ކަމަށެވެ.
ބައްޕަ އެނބުރި އައީ އަނެއް ދުވަހު އެވެ. އައުމުން ބޮޑުދައިތަ ބުނީ ތަރިކައިގެ މައްސަލަ ހަމަ އެދުވަހު ކޯޓަށް ވައްދާނެ ކަމަށާއި މައްސަލަ ނިމެންދެން ގެއަށް ނުވައްދާނެ ކަމަށެވެ. އަދި ފިހާރަވެސް ހިންގާނީ ބޮޑުދައިތަގެ ފިރިމީހާ ކަމަށެވެ. ތަރިކައިގެ މައްސަލައިގައި ކޯޓުގައި ބައްޕަބުނީ އެއްވެސް އެއްޗެއް ބޭނުން ނޫންކަމަށާއި އަޅުގަނޑަށް ދޫކޮށްލީ ކަމަށެވެ. އެއީ މަންމަގެ އަތުން ދަރަންޏަށް ނަގާފައިވާ ފައިސާތައް ގިނަވެފައި އެފައިސާ އާއިމެދު އަމަލުކުރަން ބައްޕަ އެއްބަސްވެފައިވާގޮތުން ބައްޕައަށް ސަލާމަތް ނުވެވޭނެކަން ވިސްނިގެންނެވެ.
އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނެވެ. މަންމަ ގޭގެ ހުރިހާ ޚަރަދުތަކެއް ކުރިއިރު އެހުރިހާ ފައިސާތައް ނަގައިގެން ބައްޕަކުރީ ކޮންކަމެއްބާވައެވެ! ބައްޕައަތަކު ގެއެއް މުދަލެއް އަދި ތަނަވަސްކަމެއް ވެސް ފެންނާކަށް ނެތެވެ. ނަމަވެސް މަންމަ މަރުވުމުން ފައުޅުގައި ބައްޕަ އުޅެންފެށި ގޮތަށް މަންމަ ދުނިޔޭގައި އިން އިރު ސިއްރުން އުޅޭނަމަ ކިތަންމެ ބައިވަރު ފައިސާތަކެއްވެސް ހުސްވެދާނެތާއެވެ.
އަދިވެސް ހިތަށް އެރިއެވެ. އެހައި ވަރުގަދައަށް ވަޞިއްޔަތް ލިޔެ އަދި ބައްޕަ ލައްވައި އެއްބަސްވުންތަކުގައި ސޮއިކުރުވައި އިނގިލީގެ ނިޝާން ޖައްސުވާފައި އެހުރީ ބައްޕަގެ އާވާރާ ދިރިއުޅުމުގެ ސަބަބުން މަންމަ ބަލިވެ ދުނިޔެދޫކުރަންޖެހިދާނެކަން މަންމައަށް ކުރިންވެސް ވިސްނިފައި އޮތުމުންތާއެވެ. އެހާވަރުންވެސް ބައްޕައާއި ވަކިނުވެ ކެތްތެރިވީ އަޅުގަނޑަށް ބައްޕަ ގެއްލިދާނެތީ ކަމަށްވީނަމަވެސް އަޅުގަނޑަށް ބައްޕަގެ ބޭނުން އެންމެ ބޮޑުވީ ދުވަހު މިޖެހުނީ ބައްޕަ ޢާއި ވަކިވާންތާއެވެ!
ބައްޕަ އަޅުގަނޑު ދެކެ ވަރަށް ލޯބިވާކަމަށްބުނެ އެކުގައި ގޭގައި އުޅެން ވަރަށް ބޭނުންވިއެވެ. ނަމަވެސް އެފުރުޞަތު ބޮޑުދައިތައެއް ނުދިނެވެ. ބުނީ ބައްޕަގެ ނުބައި އަޚުލާޤުގެ ސަބަބުން ބައްޕައެއްގެ ޙައިޞިއްޔަތު ގެއްލިފައިވާ ކަމަށެވެ. އެފަދަ މީހަކު އިޞްލާޙްވެ އަމަލުން އެކަން ދެއްކުމުން ނޫނީ ޤަބޫލުކުރަން ހެޔޮނުވާނެ ކަމަށެވެ. އަދި އެފަދަ ބައްޕައަކާއިއެކު ދިރިއުޅެން މަސައްކަތްކޮށްފިނަމަ ދެދުނިޔެވެސް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
އެހިސާބުން ބޮޑުދައިތަގެ ދެމަފިރިންވީ އަޅުގަނޑުގެ މަންމަ އާއި ބައްޕައަށެވެ. އެމީހުން ބަލަމުންދާ އެއިރު ހުރީ އެންމެ ދަރިއެކެވެ. އެހެން ދަރިން ވަނީ ބޮޑެތިވެ އަމިއްލަ ދިރިއުޅުން ފަށައިފައެވެ. އެހެންވެ އަޅުގަނޑު އެދުމުން އެދަރިފުޅު ގޮވައިގެން އައިސް އަޅުގަނޑުމެންގެ ގޭގައި ދިރިއުޅެން ފެށީއެވެ.
ބައްޕަގެ ޚަބަރެއް ނުވެ 2 އަހަރުވީފަހުން އެނގުނީ ވަރަށް ބޮޑު ބައްޔެއްގައި ހޮސްޕިޓަލުގައި އެކަހެރިކޮށް ބާއްވައި ފަރުވާދެމުން ގެންދާ ކަމެވެ. އެނގުނު ހިސާބުން ދަރިއެއްގެ ވާޖިބު ވީހާ ރަނގަޅަކަށް އަދާކުރީމެވެ. ބައްޕައަށް ޖެހުނީ އެއިޑްސް ކަމަކަށް ޑޮކްޓަރުން ނުބުނެއެވެ. ބުނީ އެޒާތުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށެވެ. ނިޔާވީ އެބަލީގައި ބައްޕަގެ އެތެރެހަށީގެ މުހިންމު ގުނަވަންތައް ހަލާކުވެގެންނެވެ. ބައެއް ގުނަވަންތައް ފާރުވެ ގިރިގެންވެސް ދިއުމުންނެވެ.
މިވާހަކަތައް މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރަނީ ކޮންމެހެން މަންމަ ރަނގަޅުކޮށްފައި ބައްޕަ ގޯސްކުރާކަށް ނޫނެވެ. އަޅުގަނޑުގެ ބައްޕަ ފަދަ ބައްޕައިންނަށް ޢިބްރަތަކަށްވެ އެންމެ ބައްޕައަކުވެސް އުޅުން އިޞްލާޙްކޮށްފިނަމަ އެމީހަކަށާއި އެމީހެއްގެ ދަރިންނަށް ފައިދާކުރާނެތީއެވެ. އަޅުގަނޑަށް ޖެހުނު ޙާލު އެހެން ދަރިއަކަށް ނުޖެހުމަށް އެދޭތީއެވެ.
އެވިސްނުން އަޅުގަނޑަށް އައީ އަޅުގަނޑަށް ޖެހުނުފަދަ ޙާލު ޖެހި ނިކަމެތިވި 2 އަންހެންކުދިންނަށް އަޅުގަނޑު މިހާރުވެސް އެހީތެރިވަމުން ގެންދާތީއެވެ. ވީމާ މިއީ އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް އޮތް ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައަކަށްވާތީއެވެ.
- ދިޔާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް