މިހާރަކަށް އައިސް ގެއަކުން ކާއިރު ކައްކާފައިހުރި ތަކެތި މީރުވެގެން އެ ތައްޔާރުކުރި ގޮތުގެ ރިސިޕީއަށް އެދުނު ނަމަވެސް ގިނަ މީހުން ބުނެދޭން ޖެހިލުންވެއެވެ. ބުނެދޭއިއރު އުނި ތުރުކޮށްލައެވެ. މިހާވަރަށް ދަހިވެތިވީމާ އެދެވެނީ ވަރަށް ނުބައި މަގަކުންނެވެ. އެހެނީ ދަހިވެތި މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. އެކަލާނގެ ލޯބިވެވޮޑިގެންވަނީ އެކަލާނގެ ދެއްވެވިތަކެތިން ދީލަތިކަމާއިއެކު ހޭދަކުރާ މީހުން ދެކެއެވެ.
ތިމަން ﷲ ދެއްވެވިތަކެތިން ތިމަން ﷲ ގެ މަގުގައި ހޭދަކުރަން އޮތް ވަޙީބަސްފުޅުގައި އެވަނީ ހަމައެކަނި އަތުގައިހުރި ފައިސާގެ ވާހަކައެއް ނޫނެވެ. ތިމާއަށް އެނގޭ ކަންކަމާއި ލިބިފައިވާ ތަޢްލީމްވެސް ހިމެނެއެވެ.
ވީމާ ތިމާއަށް އެނގޭ ކަމެއް އެނގޭ މީންވަރަކުން އެހެން މީހުންނަށް ބުނެދޭށެވެ! އެއީވެސް ހަމަ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމެވެ. ތިބާއަށް ޢިލްމު ދެއްވެވަނީ ﷲ ތަޢާލާއަށެވެ. ޢިލްމް ލިބެނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށެވެ. އުނގެނެން އެކުގައި ަމސައްކަތްކުރިނަމަވެސް އެކި މީހުންނަށް ޢިލްމް ލިބެނީ، ކަންކަން ދަސްވަނީ އެކި މިންވަރަށްކަން އެބައެނގެއެވެ. އެއީ މިބުނި ބަހުގެ ދަލީލަކަށް ފުދެއެވެ.
ވީމާ ތިމާއަށް އެނގޭކަމެއް އެހެން މީހަކަށް އުނގަންނައިދޭން ފަސްނުޖެހޭށެވެ! އުނގަންނައިދޭށެވެ! އެކަން ހިމެނިގެންދާނީ ﷲ ތަޢާލާ ދެއްވެވި ތަކެތިން އެކަލާނގެ މަގުގައި ހޭދަކުރުން ކަމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން