ޙަޤީޤީ ޙާދިސާ: ކޮއްކޮ ނިޔާވުމުން ކޮއްކޮގެ ކުޑަ ދަރިފުޅަށް އެހީވާން އައިސް ބިރުދައްކައިގެން ކޮއްކޮގެ އަނބިމީހާއާއެކު ރޭކުރަން ބޭނުންވި ޅިޔަން ހިޔަޅެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ޙަޤީޤީ ޙާދިސާ: ކޮއްކޮ ނިޔާވުމުން ކޮއްކޮގެ ކުޑަ ދަރިފުޅަށް އެހީވާން އައިސް ބިރުދައްކައިގެން ކޮއްކޮގެ އަނބިމީހާއާއެކު ރޭކުރަން ބޭނުންވި ޅިޔަން ހިޔަޅެއްގެ ވާހަކަ!

އަޅުގަނޑުމެން ދެމަފިރިންނަކީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ދުވަހަކުވެސް ދެބަސްވެ ޒުވާބެއް ނުކުރަމެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ކުޑަމިނުން ފޫހިވެ މޫނު ކުނިކުރާކަށްވެސް ނުޖެހެއެވެ.

ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނުތަނާ ފިރިމީހާއަށް ގަދަހުމެއް ޖެހިފައި އޭނާ ނިޔާވެއްޖެއެވެ. އުމުރަށް އަޅުގަނޑުމެން ދެމައިންނަށް އަލްވިދާޢުކިޔައިފިއެވެ. ނަޞީބަކުން ގެއަކީ ފިރިމީހާގެ އަމިއްލަގެއެކެވެ. އެހިސާބުން ގޭގައި ދިރިއުޅެމުން އައީ ދެމައިން އެކަންޏެވެ. އޮފީހަށްދާ ވަގުތު ދަރިފުޅު ބަލައިދެނީ އަވަށްޓެރި އަންހެނެކެވެ. އެކަމަށް އޭނާއަށް އަގުދެމެވެ. 

އެގޮތުގައި ހައަކަމަސްވީތަނާ އެއްރޭ ފިރިމީހާގެ ބޭބެ ގެއަށް އައިސް ބުނީ އޭނާއަކީ ދަރިފުޅުގެ ވާރުތަވެރިޔާ ކަމަށާއި މިއައީ ކޮއްކޮގެ ދަރިފުޅު ބަލަން ގޭގައި ދިރިއުޅެން ކަމަށެވެ. އަޅުގަނޑު އޭނާއަށް މަރުޙަބާ ކިޔައި ގޭގައި ބެހެއްޓީމެވެ. އެއިރު މިކުރެވެނީ ނުބައިކަމެއްކަމެއް ނުވިސްނެއެވެ. އެއީ އެއްވެސް ނުބައި ނިޔަތެއް އަޅުގަނޑުގެ ކިބައިގައި ނެތުމުންނެވެ.

ބޭބެގެ އަސްލު މަޤްޞަދު އެނގުނީ މަހެއްހައި ދުވަހު ގޭގައި އުޅުނު ފަހުންނެވެ. އޭނާ އާއިއެކުގައި ނިދަން ބުނުމުންނެވެ. އަޅުގަނޑު އެކަމަށް ވަގުތުން ދެކޮޅުހެދުމުން ބުނީ ދަރިފުޅު ބޮޑުވެ 18 އަހަރުފުރެންދެން ގޭގެ ވެރިއަކީ އޭނާ ކަމަށާއި އޭނާ ބުނާ ގޮތަށް ކަންކަން ނުކުރާނަމަ ގެއިން ނެރެލާނެ ކަމަށެވެ. އަޅުގަނޑު ބުނީ އެކަން ނިންމާނީ ކޯޓުންކަމަށެވެ. އަދި މާދަމާ ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ. ގަދަކަމުން ގައިގާ ބީހިލިނަމަވެސް އެކަމުގެ ރަހަ ދައްކާނެ ކަމަށެވެ. 

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. މާލޭގައި އެއްވެސް ގާތްތިމާގެ މީހަކުވެސް ނެތެވެ. ވީމާ އެހީތެރިކަން ހޯދަން ދާނީ ކާކުގެ ގާތަށްކަމާއިމެދު ވިސްނަނިކޮށް ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާގެމަތިން ހަނދާންވެއްޖެއެވެ.

އަނެއް ދުވަހު އޮފީހަށް ގޮސްފައި އޭނާއަށް ގުޅައި ކަންކަން ދިމާވެގެން އުޅޭ ގޮތް ކިޔައިދިނުމުން އޭނާ އެރޭ ގެއަށް އައެވެ. އަދި ބޭބެ ޢާއި ޒުވާބުކޮށްފައި ބުނީ މައްސަލަ ކޯޓުން ނިމެންދެން ބޭބެއަށް ޖެހޭނީ ގެއިން ނުކުންނަން ކަމަށެވެ. ސަބަބަކީ ބޭބެއަކީ ބިރުވެރި މީހަކަށްވުމުން ކަމަށެވެ. އަދި ނުނުކުތް ނަމަ އެންމެންނަށް އޭނާގެ ނުބައިކަން ފަޟީޙަތްކުރާނެ ކަމަށެވެ. ޖެހޭނީ ހަމަ އެރެއިން އެރެއަށް ނުކުންނަން ކަމަށެވެ. 

އެކުވެރިޔާ އެރެއިން ރެއަށް އޭނާގެ އުމުރުން ދޮށީ ދައްތައެއް ގެއަށް ގެނުވިއެވެ. އަދި އަޅުގަނޑުގެ ޙިމާޔަތުގައި އެގޭގައި މަޑުކޮށްދިނުމަށާއި އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އޭނާއަށް ގުޅައި އެންގުމަށް ބުނެފައި ހިނގައްޖެއެވެ.

މިވާހަކަ ދައްކާނެ ޢިބާރާތެއްވެސް އަޅުގަނޑަކަށް ނުއެނގެއެވެ. އެކުވެރިޔާ އަޅުގަނޑުމެން ދެމައިންނާއިމެދު ކަންކަން ކޮށްދިނީ ހެޔޮލަފާ އެއްބަނޑު އެއްބަފާ މީހަކުވެސް ކޮށްދޭނެހައި ރަނގަޅަށެވެ. ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ނެތްކަން އެނގުނަކަ ނުދެއެވެ. ކުއްޖާއަށް ބޭނުންވާ ހުރިހާ ކަންކަން އަމިއްލަ ދަރިއަކަށް ކޮށްދޭނެހައި ރަނގަޅަށް ކޮށްދިނެވެ.

ދަރިފުޅަށް 4 އަހަރަށް އެޅުނުފަހުން އިސްނެގީ އަޅުގަނޑެވެ. އަޅުގަނޑު އެދުނީ ދޮން ކުރިއަށްލާފައި ދަރިފުޅުގެ ބައްޕައަކަށްވެދިނުމަށެވެ. އެއީ ދަރިފުޅަށް އޭނާފަދަ ރަނގަޅު އެހެން ދޮންބައްޕައަކު ނުލިބޭނެކަމަށް ޔަޤީންކުރެވުމުންނެވެ. އެހާދުވަސްވަންދެން އެއްވެސް ބަދަލެއް ނުގެނެސް، ހަޑިބަހެއްވެސް ނުބުނެ ދެމައިންގެ ކަންކަން އޭނާގެ އެކުވެރިޔާއަށްޓަކައި ބަލަހައްޓައިދިނީތީއެވެ.    

އޭނާ އެކަން ޤަބޫލުކުރިއެވެ. އަޅުގަނޑާއި ކައިވެނިކުރިއެވެ. ކައިވެންޏަށް 12 އަހަރުވެސް ފުރިއްޖެއެވެ. މިއަދާއި ހަމައަށްވެސް އޭނާގެ ކިބައިން އެއްވެސް ބަދަލެއް ނުފެނެއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އެއްލޭ ހިނގާފައިވީނަމަވެސް އަޚާގެ މައްޗަށް އެއްވެސް ރަޙުމެއް ނެތް މީހުން މަދުނޫންކަމާއި ރަޙިމުގެ ގުޅުން ނެތް ނަމަވެސް އެކުވެރިންނަށްޓަކައި އަޚުންފަދަ މީހުންވެސް އެބަތިބިކަން އަޅުގަނޑަށް މިވަނީ ތަޖުރިބާކުރެވިފައެވެ. އަންހެނުންނަކީ ބަލިކަށިބައަކަށްވުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާނީ ކާކުކަން ދެނެގަންނަންވެސް މިވަނީ އުނދަގޫކަމަކަށްވެފައެވެ. ވީމާ ﷲ ނޫން ފަރާތަކަށް ދީލާނުލައިފިނަމަ މަގެއް ދައްކަވައިދެއްވަވާނެކަންވެސް މިވަނީ ތަޖުރިބާކުރެވިފައެވެ. ތިއަ ބޭފުޅުންވެސް ޢިބްރަތް ޙާޞިލުކުރައްވާށެވެ!

- ޢަޒީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން