މާމުއިގެ ފަރުވާ
އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގައި މާމުއިގެ ތައާރަފު ބަޔާންކޮށްފައިވަނީ މިދަންނަވާ އިބާރާތުންނެވެ. މާމުޔަކީ ގަދަ ރަންކުލައެއްގައި ހުންނަ، އޭގައި ފޮނިރަހަދޭ، އޮލަ ތަތްކަމެއް ހުންނަ އެއްޗެކެވެ. މާމުއި އުފެދެނީ މާމުއި ކުޅަނދުރުގެ [ހަނީ ސެކް] ގައެވެ. އެއީ މާމުއިކުޅަނދުރު މާމަލުން ފޮނިބުއިމުގެ ސަބަބުން އުފެދޭ އޮލަ ބުއިމެކެވެ. މާމުއިގެ ކުލަ އާއި ރަހަ ބިނާވެގެންވަނީ މާމުއިކުޅަނދުރު ފޮނިބޯ މާތަކުގެ މައްޗަށެވެ.
ޚާލިސް މާމުއިގައި ހިމެނޭ މާއްދާތައް
އެއްވެސް އެއްޗަކާ މަސްހުނިކޮށްފައި ނުވާ، ނުވަތަ ޚާލިޞް މާމުއިގައި ގާތްގަނޑަކަށް 200 ވަރަކަށް މާއްދާ އެކުލެވިފައިވެއެވެ. ހަކުރާއި ފެނުގެ އިތުރަށް ތަފާތު އެތައް ބާވަތްތަކުގެ އެމިނޯއެސިޑް އާއި ވިޓަމިންސް އާއި މިނެރެލްސް އާއި އެންޒައިމް ހިމެނެއެވެ. މާމުއިގައި މައިނގަޑު ގޮތެއްގައި އެންމެ ގިނައިން އެކުލެވިގެންވާ ކާބޯހައިޑްރޭޓްސް(carbohydrate)ގެ ތެރޭގައި ފުރުކްޓޯސް ( fructose) އަދި ގުލުކޯޒް (glucose) ހިމެނެއެވެ.
މިދެންނެވުނު ދެ ބާވަތްތަކުގެ އިތުރަށް ވެސް ގިނަ އަދަދެއްގެ ހަކުރުގެ ބާވަތްތައް މާމުއިގައި އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ސުކްރޯސް (sucrose) އަދި މަލްޓޯސް( maltose) ހިމެނެއެވެ. މިދެންނެވުނު ދެ ބާވަތުގެ ހަކުރު ހިމެނޭ ބަޔަށް އިނގިރޭސި ބަހުން ކިޔަނީ ޑައިސެކަރައިޑް( disaccharide) އެވެ. ދެވަނައަށް މާމުގައި ހިމެނޭ އެންމެ މުހިއްމު ބާވަތަކީ ފެނެވެ.
މާމުއިގައި ހިމެނޭ މިނެރަލްތަކުގެ ތެރޭގައި ހިމެނޭ އެންމެ މައިގަނޑު އެއްބާވަތަކީ ޕޮޓޭސިއަމް އެވެ. އޭގެ އިތުރަށް ކެލްސިއަމް އާއި މެގްނީސިއަމް އާއި ސޯޑިއަމް އާއި ސަލްފާ އަދި ފޮސްފަރަސް ފާހަގަ ކުރެވެއެވެ. މާމުގައި ހިމެނޭ ޓެރޭސް އެލިމެންޓްތަކުގެ ތެރޭގައި އަޔަން ކޮޕާ ޒިންކު މެންގަނީސް ހިމެނެއެވެ.
މިދެންނެވުނު ބައިތަކުގެ އިތުރަށް މާމުއިގައި ނައިޓްރޮޖިނަސް ކޮމްޕައުންޑް ހިމެނެއެވެ. އަދި މަދު އަދަދަކަށް ޕްރޮޓީން އެކުލެވިގެންވެއެވެ.
ޤަދީމީ ތާރީޚުގައި މާމުއި
މާމުޔަކީ އިހުގެ އެވޭލާ ޒަމާން ނުވަތަ ޤަދީމީޒަމާނުން ސުރެވެސް އިންސާނުން ބޭނުން ކުރަމުން ގެންދިޔަ އެއްޗެއްކަން ތާރީޚީ އާސާރުތަކުންވަނީ ހޯދިފައެވެ. [ސްޓޯން އޭޖް] ދައުރުގެ ކުރެހުންތަކުން ސާބިތުވާ ގޮތުގައި މީގެ 8000 އަހަރު ކުރީންވެސް އިންސާނުން މާމުއިގެ ބޭނުން ކުރަމުން ގެންދިޔައެވެ. އިހު އެވޭލާ ޒަމާނުގެ މިޞްރު މީހުންނާއި، އާޝޫރީންނާއި، ސީނުކަރައިގެ މީހުންނާއި، ޔޫނާނީންނާއި، ރޯމަނުން، ޒަޚަމްތަކަށް ފަރުވާ ކުރުމަށާއި، ބަނޑުގެ ބަލިތަކަށް ފަރުވާ ކުރުމަށްޓަކައި، މާމުއި ބޭނުންކޮށްފައިވެއެވެ.
މާމުޔަކީ، ޤަދީމީ މިޞްރު މީހުން ބޭހުގެ ގޮތުގައި ބޭނުންކުރި އެންމެ މުހިންމު އެކައްޗެވެ. އެބައިމީހުން މާމުޔާއި، ކިރާއި ރާ އެއްކޮށްގެން ބޭހުގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ކުނިނުވާގޮތަށް ހެދުމަށާއި، ހަށިގަނޑުގައި އުފެދޭ ޒަޚަމާއި ފާރުގަނޑުތައް ފަސޭހަ ކުރުމަށްވެސް މާމުއިގެ ބޭނުން މިޞްރު މީހުން ކޮށްފައިވާކަން ތާރީޚު ހެކިދެއެވެ. މީގެ އިތުރަށް [ޓްރޮޕިކަލް އޮއިންޓްމެންޓު] އެއްގެ ގޮތުގައިވެސް މާމުއި މިޞްރު މީހުން ބޭނުށް ކުރަމުންގެ ގެންގޮސްފައިވެއެވެ.
ޤަދީމީ ޔޫނާނީންގެ ތާރީޚު ނުވަތަ ގްރީސްގެ ތާރީޚުގައިވެސް މާމުއިވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެބައިމީހުން މާމުޔާއި، މޭބިސްކަދުރުގެ ދިޔަ ބޭނުންކޮށްގެން ޚާއްޞަ ބުއިމެއް ތައްޔާރުކުރެއެވެ. ގައުޓް (gout) އަދި ނާރުގެ ބަލިތަކަށް ފަރުވާކުރުމަށްޓަކައި އެބައިމީހުން މިދެންނެވި ބުއިން ބޭނުން ކުރެއެވެ. ޔޫނާނީންގެ މަޝްހޫރު ސައިންސްވެރިޔާ ހިއްޕޮކުރެޓް ވަނީ (Hippocrates) މާމުއިގެ ތަފާތު ފަރުވާތައް ބަޔާންކުރައްވައިފައިވެއެވެ. އެގޮތުން ތަދު ކެނޑުވުމަށްޓަކައި މާމުތާއި ރާހުތް އެއްކޮށްގެން ބޭނުން ކުރުމާއި، ކަރުހިއްކުން ކުޑަ ކުރުމަށްޓަކައި މާމުތާއި ފެން އެއްކޮށްގެން ބުއިން ފާހަގަކުރެއެވެ. ހަމަ އެފަދައިން އޭނާވަނީ އިސްތަށި ފޭބުމުގެ ސަބަބުން ބޯތަލަވުމުގެ ބައްޔަށާއި، ފާރު ހިއްކުމަށާއި، ކެއްސުމާއި، ކަރުގައި ރިހުމާއި، ލޮލޮގެ ބަލިތައް ފަދަ ބަލިތަކަށް މާމުއި ބޭނުން ކޮށްގެން ފަރުވާކުރައްވައިފައެވެ.
އިސްލާމީ ބޭސްވެރިކަމުގައި މާމުތަށް ދެވިފައިވާ މަގާމު އިސްވެދިޔަ ޞަފްޙާތަކުގައި ވަނީ ލިޔެވިފައެވެ. ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްތަކުގެ އަލީގައެވެ. އިސްލާމީ ބޭސްވެރިކަމުގައި މާމުއި ފާހަގަކޮށްފައިވަނީ ޞިއްޙަތައް ފައިދާ ހުރި ބުއިމެއްގެ ގޮތުގައެވެ. ޚުދު އަރަހުށި މާތްﷲ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މާމުޔަކީ އިންސާނުންނަށް ޖެހޭ ބަލިތަކަށް ހުރި ޝިފާއެއްކަމުގައެވެ. ބޭރަށް ހިންގުމުގެ ބައްޔަށް އޮތް އިތުބާރު ހުރި އެއްފަރުވާއަކީ މާމުއި ކަމަށް އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ވަނީ އިރްޝާދު ދެއްވައިފައެވެ.
ޤުރްއާނާއި ސުންނަތުގައި
ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ސާބިތުވާ ގޮތުގައި މާމުޔަކީ ބަލިތަކަށް ހުރި ޝިފާއެކެވެ. މި ޙަޤީޤަތް ކީރިތި ޤުރްއާނުގެ ނަޙްލު ސޫރަތުގެ 68 ވަނަ އާޔަތާއި 69 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾
މާނައީ: [ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް إلهام ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ! ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.]
ދެން މިދަންނަވައިލަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ސުންނަތުގައި މާމުއިގެ ފަރުވާއާމެދު އައިސްފައިވާ ރިވާޔަތްތަކެވެ. ޞަޙީހުލް ބުޚާރީގެ [ކިތާބުއް ޠިއްބުގައި] އަދި [ކިތާބު އަލްއަޝްރިބަތު] ގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ފޮނިކާތެކެއްޗަށާއި މާމުއި ފަރީކުޅުއްވުމަށް ލޯބިކުރައްވައެވެ.] { صحيح البخاري ،كتاب الأشربة، باب الْبَاذَقِ وَمَنْ نَهَى عَنْ كُلِّ، مُسْكِرٍ مِنَ الأَشْرِبَةِ، ޙަދީޘް 5599}
އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މީހަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އައިސް ދެންނެވިއެވެ. [އަޅުގަނޑުގެ އަޚާއަށް މިއުޅެނީ ބޭރަށް ހިންގުން ޖެހިގެންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އޭނާ އަށް މާމުއި ބޯންދޭށެވެ.] އޭގެ އިރުކޮޅެއްފަހުން އޭނާ މާތް ރަސޫލާގެ އަރިހަށް އައިސް ދެންނެވިއެވެ. [އަޅުގަނޑު އޭނާއަށް މާމުއި ދިނުމުން އޭނާގެ ބޭރަށް ހިންގުން ވީ އިތުރެވެ.] މިފަހަރުވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވީ އޭނާގެ އަޚާއަށް މާމުއި ބޯންދިނުމަށެވެ. ދެން އޭނާގޮސް އޭނާގެ އަޚާއަށް މާމުއި ބޯންދިނުމުން އޭނާގެ ބޭރަށް ހިނގުން އިތުރަށްވީ ގޯހެވެ. އެވާހަކަ އޭނާ އައިސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވުމުން ޙަދީޘް صلّى اللّـه عليه وسلّم ކުރެއްވިއެވެ. [މާތްﷲ ގެ ބަސްފުޅަކީ ޙައްޤު ތެދު ބަސްފުޅެވެ. ނަމަވެސް ކަލޭގެ އަޚާގެ ބަނޑު ދޮގު ހެދީއެވެ. އަލުން ގޮސް އޭނާއަށް މާމުއި ދޭށެވެ.] މިފަހަރު އޭނާގެ އޭނާގެ އަޚާއަށް މާމުއި ދިނުމުން މުޅިން ބަލިން ފަސޭހަވެއްޖެއެވެ. {جامع الترمذي، كتاب الطب عن رسول اللَّهِ صلى الله عليه وسلم، باب مَا جَاءَ فِي التَّدَاوِي بِالْعَسَلِ، ޙަދީޘް 2082}
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.
الشِّفَاءُ فِي ثَلاَثَةٍ شَرْبَةِ عَسَلٍ، وَشَرْطَةِ مِحْجَمٍ، وَكَيَّةِ نَارٍ، وَأَنْهَى أُمَّتِي عَنِ الْكَىِّ "{ صحيح البخاري كتاب الطب، باب الشِّفَاءُ فِي ثَلاَثٍ، ޙަދީޘް 5680}
މާނައީ: [ޝިފާ ލިބުންވަނީ ތިންކަމެއްގައެވެ. އެއީ މާމުއި ބުއިމާއި، ޙިޖާމާ ޖެހުމާއި، ދޮން ދަގަނޑު ޖެއްސުމުންނެވެ. ނަމަވެސް ތިމަންކަލޭގެފާނު، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ މައްޗަށް ދޮންދަގަނޑު ޖައްސައިގެން ދޭ ފަރުވާ ނަހީކުރައްވަމެވެ.]
ޒަމާނީ ބޭސްވެރިކަމާއި މާމުއި
ޒަމާނީ ބޭސްވެރިކަމުގައިވެސް އެކިއެކި ސިފަސިފައިގައި މާމުއިގެ ބޭނުން ހިފަމުން ގެންދެއެވެ. ޒަމާނީ ހޯދުންތަކުންވަނީ މާމުޔަކީ މުޖައްރިބު ފަރުވާއެއްކަމުގައި ސާބިތުކޮށްދީފައެވެ. މި ޒަމާނުގެ ހޯދުންތަކުން ކަށަވަރުވާގޮތުގައި މާމުޔަކީ، އޭގައި [އެންޓި މައިކްރޯބިއަލް] ނުވަތަ ބެކްޓީރިއާ އާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން ހުރި އެއްޗެކެވެ. މާމުއިގެ މިދެންނެވި ބެކްޓީރިއާ އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން އެންމެ ފުރަތަމަ ހޯދައިފައިވަނީ 1892 ގައި، ވެން ކެޓެލް (van Ketel) ނަމަކަށް ކިޔުނު ފަރާތެކެވެ.
މާމުޔަކީ ބެކްޓީރިއާގެ ފަސްދޮޅަސް އެތައް އާއިލާއެއްގެ ވައްތަރުތައް އާލާވުން މަނާކޮށްދިނުމުގެ ބާރު ލިބިގެންވާ އެއްޗެކެވެ. އޭގެ ތެރޭގައި އެރޯބްސް (aerobes) އާއި އެންއެރޯބް (anaerobes) އަދި ގުރާމް ޕޮޒިޓިވްސް( gram-positives) އަދި ގުރާމު ނެގެޓިވްސް( gram-negatives) ބެކްޓީރިޔާ ހިމެނެއެވެ.
މިދެންނެވުނު ދިރާސާގައިވާ އެރޮބިކް ބެކްޓީރިއާ އަކީ އެ ބެކްޓީރިއާއެއް އާލާވެ ފުރިހަމަވުމަށް އޮކްސިޖަން ބޭނުންވާ ބާވަތުގެ ބެކްޓީރިއާއެވެ. އެންއެރޯބިކް ބެކްޓީރިއާއަކީ އެ ބެކްޓީރިއާ ހެދިބޮޑުވުމަށް އޮކްސިޖަން ބޭނުންނުވާ ބާވަތުގެ ބެކްޓީރިއާއެވެ. ގުރާމު ޕޮޒިޓިވް ބެކްޓީރިއާގައި ބޯ ޕެޕްޓިޑޯގްލައިކަން ލޭޔާއެއް ހުރެއެވެ. މި ބާވަތުގެ ބެކްޓީރިއާގެ ބޭރުގައި ލިޕިޑް މެމްބްރޭންއެއް ނުހުރެއެވެ. ނަމަވެސް ގުރާމު ނެގެޓިވް ބެކްޓީރިއާގައި ހުންނަނީ ތުނި ޕެޕްޓިޑޯގްލައިކަން ފަށަލައެކެވެ. އަދި އޭގެ ބޭރުގައި ވަރުގަދަ ލިޕިޑް މެމްބްރޭންއެއް ހުރެއެވެ.
މާމުއިގެ އެންޓިމައިކްރޯބޮއަލް އެކްޓިވިޓީ، އެންޓިބަޔޮޓިކްއާ މުޅިން ތަފާތެވެ. އެންޓިބަޔޮޓިކުން، ބެކްޓީރިއާގެ ސެލްވޯލް އަށް ޙަމަލަދީ ހަލާކުކޮށްލައެވެ. ނުވަތަ ބެކްޓީރިއާގެ ތެރޭގެ މެޓަބޮލިކް އެކްޓިވިޓީ ހުއްޓުވުމަށް ގެނެސް ބެކްޓީރިއާ ނެތިކޮށްލައެވެ. މާމުއިގެ އެންޓިބަޔޮޓިކް އެކްޓިވިޓީ ހަތަރު ބަޔަކަށް ބަހާލެވިދާނެއެވެ. ފުރަތަމަ ގޮތަކީ މާމުއިގެ ސަބަބުން ބެކްޓީރިއާ އަށަގެންފައިވާ ސަރަހައްދު ހިއްކައިލައެވެ. އޭގެ ސަބަބުން ބެކްޓީރިއާ ޑީހައިޑުރޭޓުވެއެވެ. މާމުއިގެ ހަކުރުގެ ގިނަކަމުގެ ސަބަބުން މައިކުރޯބުތައް އުފެދި ބޮޑުވުމަށް ހުރަސް އަޅައެވެ.
ދެވަނަ ގޮތަކީ، މާމުގެ ޕީއެޗް ހުންނަނީ، 3.2 އާއި 4.5 އާ ދެމެދުގައެވެ. މި އެސިޑިން ޕީއެޗްއަކީ ގިނަ މައިކްރޯއޯގަނިޒަމްތައް އުފެދި ގިނަވުމަށް ހުރަސް އަޅައިދޭ ޕީއެޗެއެކެވެ. ތިންވަނަ ގޮތަކީ، ގުލުކޯސް އޮކްސިޑޭސްގެ ސަބަބުން އުފެދޭ ހައިޑްރޮޖެން ފެރޮސައިޑްއަކީ މާމުއިގައި ހުންނަ އެންމެ މުހިންމު އެންޓިބެކްޓީރިއަލް މާއްދާއެވެ. ހަތަރުވަނަ ގޮތަކީ މާމުއިން ތަފާތު ފައިޓޯކެމިކަލް ފެކްޓާތައް ވަނީ ފެނިފައެވެ.
ފާރު ހިއްކުމުގައި މާމުއިގެ ދައުރު
މިއީ މިހާތަނަށް އެންމެ ގިނަ ދިރާސާތައް ކުރެވި، އަދި އެންމެ މުހިންމު އެއް ބޭނުން ހިފަނީ ޒަޚަމްތައް ފަރުވާކުރުމަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި ރަޝިޔާ މީހުން މާމުއި ބޭނުންކުރީ ޒަޚަމްތައް އިންފެކްޓްވުން ހުއްޓުވުމަށާއި ޒަޚަމްތައް ރަނގަޅުވުން އަވަސްކުރުމަށެވެ. ޖަރުމަނު މީހުން ކޯޑް ލިވަރ އޮއިލް (cod liver oil) އާއި މާމުއި އެއްކޮށްގެން އަލްސަރ އާއި ފިހިފައިވާތަންތަންތަނަށް ފަރުވާ ކުރުމަށް ބޭނުންކުރިއެވެ.
ފާރުގަނޑުގައި އަޅާބޭސްގަނޑުގެ ގޮތުގައި މާމުއި ބޭނުންކުރުމުގެ ސަބަބުން ޝިފާ ގެ ޕްރޮސެސް އަށް ބާރުލިބި، އިންފެކްޝަން އަވަހަށް ސާފުކޮށްދެއެވެ. މާމުޔަކީ، ޒަޚަމްތައް ސާފުކޮށްދީ، ޓިޝޫ ރީޖެނެރޭޝަން އަށް ބާރުއަޅައިދީ، އިންފްލެމޭޝަން (ދުޅަ) ދަށްކޮށްދޭ އެއްޗެކެވެ.
ބަނޑުގެ ބަލިތަކަށް ފަރުވާކުރުމުގައި މާމުއި
ބެކްޓީރިއާ އާއި ރޮޓާވައިރަސް( rotavirus)ގެ ސަބަބުން އުފެދޭ ގޭސްޓްރޯއިންޓެސްޓިނަލް އިންފެކްޝަން ފަދަ އިންފެކްޝަންތަކަށް ފަރުވާކުރުމަށާއި އެއިންފެކްޝަންތަކުން ރައްކާތެރިވުމަށް މާމުއި އެހީތެރިވެދެއެވެ. މިދެންނެވި ގޭސްޓްރޯއިންޓެސްޓިނަލް އިންފެކްޝަންތަކުގެ ތެރޭގައި ގޭސްޓަރައިޓިސް، ޑުއޯޑެނައިޓިސް، ގެސްޓްރިކް އަލްސެރޭޝަން ހިމެނެއެވެ.
ޑައިރިއާ ނުވަތަ ބޭރަށް ހިންގުން އަދި ގެސްޓްރޯއެންޓެރައިޓިސް ފަދަ ޞިއްޙީ މައްސަލަތަކަށް މާމުއިގެ ސަބަބުން ވަރަށް އަވަހަށް ހައްލުވެއެވެ. މިކަމުގެ ޢިލްމީ ޙަޤީޤަތްވަނީ މީގެ ސާދަސަތޭކަ އަހަރުކުރީން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ހާމަކޮށްދެއްވައިފައެވެ. އެހެނީ އެއްފަހަރަކު މީހަކު ބަނޑުގައި ރިއްސައިގެން އެކަމުގެ ޝަކުވާ ހުށައެޅުވުން އެކަލޭގެފާނު އެންގެވީ އެމީހާއަށް މާމުއިދޭށެވެ. އެ ރިވާޔަތް ކުރިން ވަނީ ބަޔާން ކުރެވިފައެވެ.
މާމުއިގެ ސަބަބުން ފަންގަސް އުފެދި ގިނަވުމަށް ހުރަސްއަޅާ ކަމަށް ދިރާސާތަކުން ދައްކައެވެ. ޚާލިޞް މާމުއިގެ ސަބަބުން ފަންގަލް ގްރޯތް އަށް ހުރަސް އަޅާ އިރު، ފެން ނުވަތަ އެހެން އެއްޗަކާއެއްކޮށްފައިވާ މާމުޔަކީ ފަންގަސް ޓޮކްސިން އުފެއްދުމަށް ހުރަސް އަޅާ އެއްޗެކެވެ. މާމުއިގެ ސަބަބުން ރުބެއްލާ ވައިރަސްގެ ހަރަކާތަށް ހުއްޓުވާ ކަމަށް ވެސް ވަނީ ރިޕޯޓްތަކުން ދައްކައިފައެވެ. ކޮންޖަންކްޓިވިޓިސް، ކޯނިއަލް އިންޖަރީސް، ކެމިކަލް އަދި ތަރމަލް ބާރންސް ފަދަ ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާ ކުރުމަށްޓަކައި މާމުއި ތާސީރުގެ ބޭނުންކުރެއެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް
1. Reference: Traditional and Modern Uses of Natural Honey in Human Diseases: A Review by Eteraf-Oskouei T, Najafi M.