ބައެއް މީހުންގެ ކަންބޮޑުވުމަކަށްވަނީ ކޮޅަށް ގިނައިރު ނުހުރެވޭތީ ގިނައިން ޤުރްއާން ކިޔަވަން ހުންނަން އުނދަގޫވާކަމެވެ. ނަމަވެސް އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ކިތަންމެ ކުރު ސޫރަތެއް ކިޔަވައިގެން އެންމެ 2 ރަކްޢަތް ނަމަވެސް ކުރާށެވެ!
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.
ތިބާގެ ޙާލު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. "--- މުޅި ރޭގަނޑު، ރޭއަޅުކަމުގައޤާއިމުވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން ޢަފޫކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު ﷲގެ ފަޟްލްވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު ﷲ ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ!—"
ވީމާ ގިނައިރު ކޮޅަށް ނުހުރެވޭތީ ގިނައިން ނުކިޔެވޭތީ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ކޮޅަށް ނުހުރެވޭނަމަ އިށީނދެ އިނދެގެންވެސް އޮށޯވެ އޮވެގެންވެސް ދަމުނަމާދުކުރާށެވެ! އެހެން ނަމާދުތައްވެސް ކުރާށެވެ! ﷲ ތަޢާލާއީ ޘަވާބު ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެކަން މިއާޔަތުން ކިތަންމެ ރަނގަޅަށްވެސް އެނގިގެންދެއެވެ.
ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ ﷲ އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައޤާއިމުވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން ޢަފޫކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު ﷲގެ ފަޟްލްވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު ﷲ ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން ﷲ އަށް ދަރަނިދޭށެވެ! (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ޘަވާބް، ﷲ ގެ ޙަޟްރަތުގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިޔަބައިމީހުން ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
(އަލް މުޒަންމިލް: 20)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން