އަނހެނުންގެ ތެރެއިން ޙިޖާބް ނާޅައި އުޅޭ މީހުން ބުނާނީ މިނިވަންކަމުގެ ބޭނުންހިފަނީކަމަށެވެ. އެކަން އެގޮތަށް ޤަބޫލުކުރެވުމުން ގައަށް ބާރު ހެދުންލާނެއެވެ. ގައިފެންނަ ތުނި ފޭރާންލާނެއެވެ! ޙިޖާބް އަޅައި ނިވާ ނުކުރާނެއެވެ. އެކަން އެހެންއެވަނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޝައިޠޯނާ ވިސްނައިދޭތީއެވެ.
ގޮނޑުދޮށަށް ގޮސް މޫދަށް އެރެންވުމުން ނުވަތަ ސްވިމިންގ ޕޫލަކަށް އެރެންވުމުން ގައަށް ބާރު ފޭރާންލައި ހަށިގަނޑު ނިވާނުވާ ފޭރާންލަނީވެސް ހަމަ މިބުނި ފަދައިން ޝައިޠޯނާ އެމީހުންނަށް ވިސްނައިދީފައިވާތީއެވެ.
ﷲ ތަޢާލާ އަޢުރަ ނިވާކުރަން އަންގަވާފައިވަނީ ވަކިތަނެއްގައެއް ނޫނެވެ. ހިލޭ ފިރިހެނުންނާއި އަނހެނުންގެ ކުރިމަތީގައެވެ. އަދި އަޢުރަ ނިވާކުރަން އަންގަވާފައިވަނީވެސް ވަކިޖިންސަކަށް ނޫނެވެ. ދެޖިންސުގެ މީހުންނަށެވެ. އަނހެނުންނާއި ފިރިހެނުންނަށެވެ.
މީސްތަކުންނޭވެ! ވަރަށް ކުރީގެ ޒަމާނެއްގައި ހަމަ ﷲ ތަޢާލާއަށް އަޅުކަންކުރަން ޙަރަމްފުޅުގައި ޠަވާފްކުރަމުން ދަނިކޮށް ޝައިޠޯނާ އެމީހުންނަށް ވިސްނައިދިނީ ޠަވާފްކުރަން އެންމެ ރަނގަޅު ގޮތަކީ ފޭރާން ނުލައިކަމަށެވެ. މީސްތަކުން އެކަންވެސް ޤަބޫލުކުރިއެވެ. ވީމާ މިއަދުވެސް ޙިޖާބް ނާޅައި ބައަކު އެއުޅެނީ ހަަމ އެދުވަހުފަދައިން ޝައިޠޯނާ ބުނާ ބަސް ޤަބޫލުކުރެވި އެއީ ރަނގަޅު ގޮތް ކަމަށްވެސް ޤަބޫލުކުރެވިގެންނެވެ. މިއަދުވެސް ބައެއްގެ ކިބައިން ފެންނަމުން މިދަނީ ހަމަ އެހައި ޖާހިލިއްޔަ ޒަމާނުގައި ފެނިފައިވާ ކަންކަމެވެ. ލިބިފައިވާ ޢިލްމުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ބިރުވެތިވާށެވެ! ޝައިޠޯނާގެ މަޅިތަކުން ސަލާމަތްވާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ނޫން ނަމަ ތިމާ އާއިމެދު ކަންކަންވެގެންދާނެ ގޮތާއިމެދު ވިސްނައި ބިރުވެތިވާށެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
https://www.facebook.com/watch?v=519167452861963