8 އަހަރުގެ ދަރިއަކު ކުރި އާދޭހަށް މަންމަގެ ފުރާނަ ސަލާމަތްކުރަން ގެއަށްދިއަ ޑޮކްޓަރަށް ފުރަތަމަ ބައްޕައާ ތަޅާފޮޅައި ގަދަވާންޖެހުނު ހާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
8 އަހަރުގެ ދަރިއަކު ކުރި އާދޭހަށް މަންމަގެ ފުރާނަ ސަލާމަތްކުރަން ގެއަށްދިއަ ޑޮކްޓަރަށް ފުރަތަމަ ބައްޕައާ ތަޅާފޮޅައި ގަދަވާންޖެހުނު ހާދިސާއެއްގެ ވާހަކަ-

އެއްދުވަހަކު ރޮމުންރޮމުން، ދުވަމުން ހޮސްޕިޓަލަކަށްވަން ކުޑަކުއްޖެކެވެ. ރިސިޕްޝަނަށް ގޮސް އެކުއްޖާ ބުނީ އެކުއްޖާ މަންމަ ގޭގައި ނުތެދުވެވި އޮވެގެން މަރުވަނީ ކަމަށާއި ޑޮކްޓަރެއްގެ ފަރުވާ ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. އެހެނަސް އެކުއްޖާ ލައިގެންހުރި ފޭރާމަށް ބެލުމުން އެއީ ފަޤީރު ޢާއިލާއެއްކަން އެނގޭތީ އެކުއްޖާ ކުރި އާދޭސްތަކަށް އެއްވެސް މީހަކު ސަމާލުކަމެއް ނުދިނެވެ. ބުނަމުން ދިއައީ ގެއަށްގޮސް މަންމަ ގާތު ބުނެގެން އެމްބިޔުލާންސަށް ގުޅުޅީމާ އެމްބިޔުލާން ފޮނުވާނެ ކަމަށެވެ. 

އެކުއްޖާ ތަކުރާރުކޮށް ކުރަމުން ދިއަ އާދޭހުގެ އަޑު އިވުނު ޑޮކްޓަރަކަށް އިވުމުން އެކުއްޖާއަށް ސަމާލުކަން ދިނެވެ. އަދި އެހީތެރިވާން ބޭނުންވިއެވެ. ތަނުގައި ތިބި އެހެން މީހުން ޑޮކްޓަރުގާތުގައި ބުނަމުން ދިއައީ އެކަމަށް ސަމާލުކަން ނުދިނުމަށެވެ. ނަމަވެސް ޑޮކްޓަރު އެކަން ޤަބޫލެއް ނުކުރިއެވެ. ޑޮކްޓަރު ބުނީ ޑޮކްޓަރުންނަކީ ހަމައެކަނި މުއްސަނދިންގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވާން ތިބެންޖެހޭނެ ބައެއް ނޫން ކަމަށެވެ. އަދި އެފަދަ ވިސްނުމެއް ޑޮކްޓަރަކު ގެންގުޅޭނަމަ އޭނާ އެހުރީ "އެތިކްސް" އިން ބޭރުވެފައިކަމަށެވެ.

އެކުއްޖާ ގޮވައިގެން އެމްބިޔުލާންސްގައި އެމީހުންގެ ގެއަށް ދިއައެވެ. ދިއައިރު ދޮރުހުރީ ތަޅުލައިފައެވެ. ދޮރުހުޅުވީ ކުއްޖާ އެތައް އިރަކު ދޮރުގައި ތަޅައި އާދޭސްކުރިފަހުންނެވެ.

ކުއްޖާގެ ބައްޕައަށް ޑޮކްޓަރު ފެނުމުން ބުނީ ޑޮކްޓަރާއިބެހޭ އެއްވެސް ކަމެއް އެގޭގައި ނުހިނގާ ކަމަށާއި އަވަހަށް އެގެއިން ނުކުމެގެން ދިއުމަށެވެ. ޑޮކްޓަރު ގޭތެރެ ހޯދާލުމުން ތަޅުންގަނޑުމަތީގައި ހިރިނުލެވިފައި އޮތް އަންހެނަކު ފެނުނެވެ. އެއިރުވެސް އޭނާއަށް ލިބިފައިވާ ބައެއް ޒަޚަމްތަކުން ލޭ އައުދެއެވެ. އެހެންވެ އޭނާ އާއި ދިމާއަށް ހިނގައިގަތުމުން ބައްޕަ (އޭނާގެ ފިރިމީހާ) އެކަމަށް ހުރަސް އެޅިއެވެ. 

އެހެންވެ ފުރަތަމަކަމަކަށް ޑޮކްޓަރަށް ޖެހުނީ ބައްޕަ އާއި ތަޅާފޮޅައި އޭނާ މައިތިރިކުރާށެވެ. ޑޮކްޓަރަކީ ތަޅަން ދަސްކޮށްގެން ހުރި މީހެކެވެ. އެހެންވެ އެއީ މާބޮޑުކަމަކަށް ޑޮކްޓަރަކަށް ނުވިއެވެ. ކައިރިއަށްގޮސް އޭނާގެ ހަށިގަނޑު ބަލާލުމަށްފަހު އެހީތެރިން ގެނުވައި އެމްބިޔުލާންސަށް ލައިގެން ގެންދިއައީއެވެ. 

އެއީ އެކުއްޖާގެ މަންމައެވެ. މަންމަގެ ގައިގާ ބައްޕަ ތެޅުމަކީ ޢާންމުކަމެކެވެ. އެދުވަހު ތަންކޮޅެއް ބޮޑުވަރުވީއެވެ. ސިޑިން އަރަނިކޮށް ކޮއްޕައި ވައްޓާލީއެވެ. ކޮންމެއަކަސް ގެނެވުނު ބަލިމީހާގެ ބެލެނިވެރިކަމާއިވެސް ޙަވާލުވީ ޑޮކްޓަރެވެ.

ޑޮކްޓަރު އެއަންހެން މީހާއަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްފަހު ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް އޭނާ ހައްޔަރުކޮށްގެން ހޮސްޕިޓަލަށް ގެންދިއުމުން އޭނާ އެއްޗެތިގޮވަން ފެށީ ދަރިފުޅަށެވެ. ބައްޕަ ހައްޔަރުކުރުވީ ދަރިފުޅު ކަމަށް ހީކޮށް ބުނީ ތިއައީ އަަހރެންގެ ދަރިއެއް ނަމަ ބައްޕަ ހައްޔަރެއް ނުކުރުވާނެއެވެ. އެކުއްޖާދިނީ އާދައިގެ ޖަވާބެއް ނޫނެވެ. "ތިއައީ އަހަރެންގެ ބައްޕަނަމަ ދަރިފުޅުގެ މަންމައަށް އަބަދު އަނިޔާއެއް ނުކުރާނެއެވެ."

ކޮންމެއަކަސް ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލީ މަހެއްހައި ދުވަސްފަހުންނެވެ. ދޫކޮށްލުމުން އަންހެން މީހާ އެދުނީ އެގެއަށް ނުފޮނުވައި ނޯކަރެއްގެ ގޮތުގައި ނަމަވެސް އެދެމައިން ގެންގުޅެދިނުމަށެވެ. ޑޮކްޓަރަކީ އެކަނި ދިރިއުޅޭ މީހަކަށްވުމުން އެކަންވެސް ޤަބޫލުކުރިއެވެ. 

އަނެން މީހާއަކީ ވަރަށް ރީތި އަންހެނެކެވެ. އުޅުންހުރި އަޚްލާޤް ރަނގަޅު އަންހެނެކެވެ. ހުރިހާ ކަންކަން އެކުވުމުން އެއިގެ ދުވަސްކޮޅެއްފަހުން ޑޮކްޓަރު ބޭނުންވީ އޭނާ އާއި ކައިވެނިކުރާށެވެ. އެގޮތުން ކައިވެނިކުރެވުނީއެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވަރަށް ކުރު އެހެނަސް ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިގެނެސްދިނީ މިވާހަކައިން ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ. އަހަރެންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ މީހަކަށް ދެރައެއްދީ އަނިޔާވެރިވުމުން އެކަމުގެ ބަދަލެއްގެ ގޮތުން އަނިޔާ ލިބުނު މީހާއަށް ދެއްވަވާނީ ކޮންފަދަ ބޮޑު ނިޢްމަތެއްކަން ޚިޔާލަށްވެސް ނުގެނެވޭނެ ކަމެވެ. އެދެމީހުންގެ ކައިވެންޏަށް 10 އަހަރެވެ. ދަރިފުޅަށް 8 އަހަރެވެ. އެހައި ދުވަހު އޭނާއަށް ލިބެމުން ދިއަ އަނިޔާތަކަށް ކެތްތެރިވެ ދުޢާކުރުމުގައި ދެމިހުރީތީ ލިބުނު ނިޢްމަތް ނިކަން ދެކިބަލާށެވެ! އަދި އޭނާގެ ފިރިމީހާ ހައްޔަރުވެ އެތައް އަހަރެއްވަންދެން ޖަލުގައި ހުންނަންޖެހުމުން އޭނާއަށް ލިބޭނެ ދެރަ ނިކަން ހިތަށް ގެނެސްބަލާށެވެ. ވީމާ ހަމަ އެއްވެސް މީހަކަށް، ޚާއްޞަކޮށް އަންހެނުންނަށް އަނިޔާވެރިނުވާށެވެ! 

ނިކަންވިސްނައިލަބަލާށެވެ! އެކުއްޖާގެ އާދޭހުގެ އަޑު ޑޮކްޓަރަށް އިވެން މެދުވެރިވިކަމާއިމެދުގައެވެ. އެންމެންނާ ދެކޮޅަށް އެގެއަށް ދާން ޑޮކްޓަރު ނިންމައި އެގެއަށް ދިއަ ކަމާއިމެދުގައެވެ. އަދި އޭނާގެ މައްޗަށް ޑޮކްތަރުގެ ހިތުގައި ހަމްދަރުދީ އުފެދުނު ގޮތާއިމެދުގައެވެ. މިކަންކަމަށް ވިސްނައިލުމުން މިހުރިހާ ކަމެއްވެސް ގުޅިފައިވަނީ އެއަންހެން މީހާ އެޙާލަތުން ސަލާމަތްވެ އޭނާއަށް އުފާވެރި ގޮތް މެދުވެރިވުމަށް އިރާދަކުރެއްވެވުމާއިކަން އެނގިގެންދާނެއެވެ. މިކަންކަން އެނގޭނީ ވިސްނައި ފިކުރުކުރުމުންނެވެ. ﷲ ގެ ދީލަތިވަންތަކަމާ ރަޙްމަތުގެ ބޮޑުކަން އެނގި ޤަބޫލުކުރެވޭނީ ވިސްނާ ފިކުރުކުރާ މީހަކަށެވެ. 

- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން