އަޅުގަނޑުގެ ފިރިމީހާ ވަރަށް ޒުވާން އަންހެންކުއްޖަކާއިއެކު ފިހާރަތަކުންނާއި ރެސްޓޯރަންޓްތަކުން ފެންނަކަމަށް އެކުވެރިން ބުނަން ފެށުމުން ވަރަށް ދެރަވިއެވެ. އަދި އެކަމަށް ފާރަވެސް ލީމެވެ. އަދި އެމަންޒަރުވެސް ލޮލަށް ފެނުނެވެ.
ފިރިމީހާ ގާތު ސުވާލުކުރުމުން ބުނީ ލޯބިވެރިއަކު ނުހުންނާނެ ކަމަށާއި އަބަދުވެސް ދިރިއުޅޭނީ އަހަރެންނާއިއެކުގައި ކަމަށެވެ. އަދި ދުވަހަކުވެސް އަހަރެން ދޫކޮށް ނުލާނެ ކަމަށެވެ. އެހެން ބުނުމުން ލޮލަށް ފެނުނު ކަންތަކުގެ ވާހަކައެއް ނުބުނަމެވެ. އެއީ ކާކުތޯ ސުވާލެއްވެސް ނުކުރަމެވެ.
ނަމަވެސް ފިރިމީހާ ދެއްކި ވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. ހިތަށް އެރިއެވެ. "އެތައް އަހަރެއްވަންދެން މިފަދަ ފިރިއަކާއިއެކު ދިރިއުޅުނުކަމުން މިލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟ 5 ދަރިންވެސް ލިބި ބޮޑުވެފައި ތިއްބާ އެއުޅެނީ އަހަރެން ދޫކޮށްލަންވެގެންނެވެ. އަހަރެންވެސް ވާނީ ގުޅޭނެ ކޮންމެވެސް ފިރިހެނަކު ހޯދާށެވެ!"
އެހެންވެ އަޅުގަނޑުވެސް ފިރިހެނަކާ ވާހަކަދައްކަން ފެށީމެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ފިރިމީހާއަށް އެނގެންވެސް އެނގިއްޖެއެވެ. ފިރިމީހާ ވަރަށް ދެރަވެފައި ސުވާލުކުރުމުން ލޮލަށް ފެނުނު ކަންތަކުގެ ވާހަކަ ބުނީމެވެ. އަދި މިތައްޔާރުވަނީ ވަރުކުރާނެ ދުވަހަށް ކަމަށްވެސް ބުނީމެވެ.
ފިރިމީހާ ބުނީ އެހެންކަމަށްވާނަމަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ވަރިނުކުރާނެތީ ކަމަށެވެ. "މިކަމުގައި ކުށްވެރިއަކީ އަހަރެންނެވެ. މިހެންމިވީ ކޮންމެހެން ބުނަންޖެހޭ ވާހަކައެއް ނުބުނެވި އޮތީމައެވެ. އެއީ އަހަރެން އެންމެ ފުރަތަމަ ލޯބިވި އަންހެނާގެ ވާހަކައެވެ. އޭނާ އަހަރެންނަށް ދަރިއަކު ވިހެއެވެ. ނަމަވެސް ބަލިވެއިންކަންވެސް އެނގުނީ އޭނާގެ މައިންބަފައިން އޭނާ ރަށަށް ގެންދިއަ ފަހުންނެވެ. އެހެންވެ ދުވަހަކުވެސް ނުދެކެމެވެ. މިފެނުނީ އޭނާގެ މަންމަވެސް ނިޔާވިފަހުންނެވެ. ކޮލެޖުން ކިޔަވަން މާލެއައުމުންނެވެ. ތިއަ ފެނުނީ އަހަރެންގެ އެދަރިފުޅާއި އެކުގައެވެ. ދަރިފުޅު ލޮލަށް ނުފެނުނު ނަމަވެސް މިހާތަނަށްވެސް ޚަރަދުކުރީވެސް އަހަރެންނެވެ."
ގަތް ލަދުން ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. ވަގުތުން މާފަށް އެދުނީމެވެ. އަދި އެދަރިފުޅު އަވަހަށް މިގެއަށް ބަދަލުކޮށްދޭންވެސް އެދުނީމެވެ. އަދި އަމިއްލަ ދަރިއެއް ފަދައިން ބަލާނެކަމަށްވެސް ބުނުމުން ފިރިމީހާ ދަރިފުޅު މިގެއަށް ގެނައެވެ. ބޮޑުވެ މީހަކާ އިނދެގެންވެސް އެއުޅެނީ މިގޭގައެވެ. އަމިއްލަ ދަރިންނާއި އެއްވެސް ތަފާތެއް ނުކުރަމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކައިވެނިކުރުމަށްފަހު އެބާވަތުގެ ކަންކަން ސިއްރުނުކުރާށެވެ. ސިއްރުކުރީމާ މާބޮޑެތި މައްސަލަތައްވެސް ކުރިމަތިވެދާނެއެވެ. އަޅުގަނޑުމެންގެ ދޮށްޓަށް ހުރީ ފިރިހެން ކުއްޖެކެވެ. އަޅެ ނުއެނގިތިބެ ދެކުދިން ބައްދަލުވެ ލޯބިވެވުނުނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟
ހަމަ އެޢާއިއެކު އެކުވެރިންނަށް ވެސް ބަހެއް ބުނެލާނަމެވެ. އެމީހުންނަކީ ފިރިމީހާގެވެސް ރައްޓެހިންނެވެ. ޝައްކުވާ ކަމެއް ފެނުމުން އަޅުގަނޑު ގާތު އެވާހަކަ ދެއްކުމުގެކުރިން ފިރިމީހާ ގާތު އަހައިލިނަމައެވެ. އެއިރުން މިބޮޑު ފިތުނަ އުފެދޭކަށް ނުޖެހުނީހެވެ.
އަޅުގަނޑުމެންގެ ދިރިއުޅުން އެހާ ފަސޭހައިން ސަލާމަތްކުރެވުނީ އައި ފޯރީގައި ވާހަކަ ދެއްކި މީހާ އާއި ބައްދަލުވެ ކަމެއް ހިނގުމުގެކުރިން ކަންކަން އޮޅުންފިލީތީއެވެ. އެހެން ނޫންނަމަ ކައިވެނި ރޫޅުން އޮންނާނީ ދާދި ގާތުގައެވެ.
- ސިތާރާ / މިއަދުނޫހުގެ ކިޔުންތެރިއެއް