މައިންގެ ހިތުގަ ޖައްސާ ދަރިން މިވާހަކަ ކިޔާލާށެވެ! އެމަންމަ ހޭނާރާ އޭނާއަށް މާފުނުދެވި އޮވެ މަރުވިނަމަ އެދަރިފުޅު ސުވަރުގެ ވަންނާނީ ކިހިނަކުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
މައިންގެ ހިތުގަ ޖައްސާ ދަރިން މިވާހަކަ ކިޔާލާށެވެ! އެމަންމަ ހޭނާރާ އޭނާއަށް މާފުނުދެވި އޮވެ މަރުވިނަމަ އެދަރިފުޅު ސުވަރުގެ ވަންނާނީ ކިހިނަކުން ހެއްޔެވެ؟

އޭނާގެ ޝަކުވާއަކީ ސްކޫލްގައި އޭނާ އާއިއެކު އުޅޭ އެހެންކުދިންގެ މަންމައަށްވުރެ އޭނާގެ މަންމަ މުސްކުޅިކަމެވެ. އަދި ފަލަވެފައި، ބޮލުގައި ނުރަޖަހާފައި ހުންނަކަމެވެ. އެހެންވެ ކިތަންމެ ލޯބިން ކަންކަން ކޮށްދިންނަމަވެސް ދުވަހަކުވެސް މަންމައާއިމެދު ހެޔޮބަހެއް ނުވެއެވެ.

އޭނާ އޭނާގެ ބައްޕަ ދުވަހަކުވެސް ލޮލަކުން ނުދެކެއެވެ. ހުންނަ ސިފައެއްވެސް ނޭނގެއެވެ. އެނގޭކަމަކީ އޭނާއަށް ބަލިވެއިންދައި ބައްޕަ ދެމައިން ދޫކޮށްލާފައި ދިއަކަމެވެ. އެހެންކަމުން އޭނާ ގެންގުޅެ ބޮޑުކުރުމުގެ ހުރިހާ ބުރައެއް އުފުލަނީ މަންމަ ކަމެވެ. އެހެންކަމާއިއެކުގައިވެސް އޭނާ އޭނާގެ މަންމަ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. 

މައިމީހާ ލާނެ ހެދުމެއް ނުހޯދައި ދަރިފުޅަށް އަގުބޮޑު ހެދުން ހޯދައިދޭއިރުވެސް އަމިއްލައަށް މީރުއެއްޗެއް ނުކައިހުރެ ދަރިފުޅަށް މީރުހައި އެއްޗެތި ހޯދައިގެން ކައްކައި ކާންދިންނަމަވެސް ނަފްރަތުގެ ބަހެއް ނޫނީ ދުވަހަކުވެސް ނުބުނެއެވެ. 

އެކަމުގެ ހިތާމައިގާ އުޅެމުންދަނިކޮށް އޭނާގެ އުމުރުން 20 އަހަރުވީތަނާ މަންމައަށް ޙާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. މަންމަ ބެލުމަށްފަހު ޑޮކްޓަރު ބުންޏެވެ. "އަދި މިވަގުތު ބުނެވޭނެ މާބޮޑު ވާހަކައެއް ނެތެވެ. މިދަނީ މަންމަގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަމުންނެވެ. ކަލޭގެ މަންމައަކީ ނަމޫނާ މަންމައެކެވެ. ވަރަށް ހިތްވަރުގަދަ އަންހެނެކެވެ. ކަލެއަށްޓަކައި ވަރަށް ބޮޑު ޤުރްބާނީތަކެއް ވެފައިވާ އަންހެނެކެވެ. ވީމާ ކަލޭގެ މަންމަގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުމަކީ އަހަރެމެން ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމެކެވެ." 

ޑޮކްޓަރު އެހެން ބުނުމުން "މަންމަގެ އެކަންކަން ޑޮކްޓަރަށް އެނގެނީ ކީއްވެގެންތޯ؟ ސުވާލުކުރުމުން އެދުވަހު ޑޮކްޓަރު ކިޔައިދިނީ ވަރަށް އާދައާ ޚިލާފް ވާހަކަތަކެކެވެ. އޭނާއަށް އެއްގޮތަކަށް ނުވެސް އެނގޭ ކަންތައްތަކެއްގެ ވާހަކަތަކެކެވެ. 

އެދެމަފިރިންނަށް ދަރިއަކު ނުލިބި ގިނަދުވަސްތަކެއް ފާއިތުވީފަހުން ބަލިވެއިނީ އުމުރުން ދުވަސްވީފަހުންނެވެ. 40 އަހަރުވެސްވެފައިވަނިކޮށެވެ. ޓެސްޓްތަކުން ދެއްކީ ލިބޭނީ ނުކުޅެދުންތެރި ކުއްޖެކަމަށެވެ. އެހެންވެ ޑޮކްޓަރުންވެސް ނަޞޭޙަތްދިނީ ދަރިފުޅު ވައްޓާލުމަށެވެ. ފިރިމީހާވެސް ބޭނުންވީ އެގޮތެވެ. ނަމަވެސް މަންމަ ބޭނުންވީ ވިހާށެވެ. ވިހެއީ މިހޮސްޕިޓަލުގައެވެ. ވިހެއުމަށްފަހު ކަލޭގެ މަންމަ ބޭނުންވީ ދުނިޔޭގައި ދަރިފުޅު (ކަލޭ) ކިތަންމެ ކުޑަ ދުވަސްކޮޅަކު ހުރިނަމަވެސް އުފަލުގައި ގެންގުޅޭށެވެ. 

ޑޮކްޓަރުން ބުނިފަދައިން ކަލޭ އުފަންވީ ނުކުޅެދުންތެރިކަން ހުރި ކުއްޖެއްގެ ގޮތުގައެވެ. ކަލެއަށް ހިނގައިގަނެވުނީވެސް މަންމަ ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ. އަދި ކަލެއަކީ ޞިއްހަތު ރަނގަޅު ކުއްޖަކަށްވެފައިތިއަހުރީ މަންމަ ހާދަބޮޑު ހޭދައެއްވެސް ކޮށްގެންނެވެ. އެކަމަށް ޚަރަދުކުރަމުން ގޮސް މަންމަގެ އަތްމަތި ހުސްވުމުން މައިންބަފައިންގެ ކިބައިން ވާރުތަވެފައިހުރި އަގުބޮޑު ގަހަނާތައްވެސް ވިއްކިއެވެ. ކަލެއަކީ ޞިއްޙަތު ރަނގަޅުކުއްޖަކަށް ބަދަލުވުމުން ޙައިރާން ނުވާ ޑޮކްޓަރެއް މި ހޮސްޕިޓަލަކު ނުހުންނާނެއެވެ. ވީމާ ކަލޭގެ މަންމަ ގަަދަވުމަކީ މިހޮސްޕިޓަލަށްވެސް ލިބޭނެ ފަޚުރެކެވެ. 

މިވާހަކަތައް އަޑުއިވުމުން ކުއްޖާގެ ހިތަށް އަސަރުތަކެއް ކުރިއެވެ. މިހައިތަނަށް އޭނާގެ މަންމަ އާއިމެދު ކަންކަން ކުރެވުނު ގޮތާއިމެދު ދެރަވެ ހިތާމަކުރިއެވެ. 3 ދުވަސްފަހުން މަންމަ ހޭއެރިއިރު މަންމަ ގާތު އިށީނދެލައިގެން އޭނާ އިނެވެ. މަންމައަސް ހެޔޮ ދުޢާކުރާށެވެ. ހޭއެރުމުން ބުންޏެވެ. "މަންމާއެވެ. އަަހރެންނަށް މާފުކުރާށެވެ! ހުރިހާ ކަމެއް މިހޮސްޕިޓަލުން އެނގިއްޖެއެވެ. ދެން ދުވަހަކުވެސް މަންމަ ދެރަވާނެ އެއްވެސް ކަމެއް ނުކުރާނަމެވެ. އެފަދަ ބަހެއްވެސް ނުބުނާނަމެވެ. މަންމަ އާއިމެދު އަހަރެން ފަޚުރުވެރިވަމެވެ."  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާ މިވާހަކަ ޙިއްޞާކޮށްލީ ދަރިންނަށްޓަކައި ކިތަންމެ ބޮޑެތި ޤުރްބާނީތަކެއްވީނަމަވެސް އެކަން ޤަބޫލުނުކޮށް މައިންނަށް މިވާހަކައިގައި ބުނާ ފަދައިން އިހާނެތިކޮށް ހިތާ ދަރިންގެ ހިތަށް އަސަރެއް ކުރާނެ ކަމުގެ އުންމީދުގައެވެ.  

ދަރިންނޭވެ! ފިރިއެއްގެ އެހީތެރިކަމެއް ނެތި ދަރިން ބަލައިބޮޑުކުރާ އެކަނިވެރި މައިން ވަމުން އެގެންދަނީ ހާދަބޮޑު ޤުރްބާނީއެކެވެ. މައިންނަށް ހެޔޮކޮށް ހިތަން ދީނުގައި އެހާބޮޑަށް ބާރުއަޅުއްވަވާފައިއެވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފުންކޮށް ވިސްނައިލާށެވެ! މައިންނަށް ހެޔޮކޮށްހިތާށެވެ! އެމީހުންގެ ހިތުގައި ނުޖައްސާށެވެ.  

ހިތަށް ގެންނާށެވެ! އެދަރިއަށް ކަންކަން އެ އެނގުނީ މަންމަ ހޭނާރާ އޮއްވައެވެ. ހޭނާރާ އޮވެ މަންމަ ނިޔާވިނަމަ އެކުއްޖާގެ މުޅި އުމުރުގައި ކުރަންޖެހޭނެ ހިތަސް ގެންނާށެވެ! މީގެ އިތުރުން ޤިޔާމަތް ދުވަހުން އެފަދަ ދަރިންގެ ޙާލަކީ ކޮބައިހެއްޔެވެ؟  

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން