ޞަދަޤާތްދޭ މީހާގެ ތަނަވަސްކަން އިތުރުވެފަ ފަޤީރުންނަށް އެހީނުވާ މީހުންގެ ތަނަވަސްކަން ގެއްލެނީ މަލާއިކަތުން އެކަމަށް ދުޢާކުރައްވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޞަދަޤާތްދޭ މީހާގެ ތަނަވަސްކަން އިތުރުވެފަ ފަޤީރުންނަށް އެހީނުވާ މީހުންގެ ތަނަވަސްކަން ގެއްލެނީ މަލާއިކަތުން އެކަމަށް ދުޢާކުރައްވާތީ!

"ކޮންމެ ދުވަހަކުވެސް ކޮންމެ މީހެއްގެ ގާތަށްވެސް 2 މަލާއިކަތުން ފައިބައިވަޑައިގަންނަވައެވެ. އެއް މަލާއިކަތާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާމީހުންނަށް ރިޒުޤް އިތުރުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރައްވަވައެވެ. ދެވަނަ މަލާއިކަތާ ﷲ ތަޢާލާގެ މަގުގަ ހޭދަނުކުރާ މީހުން ތަނަވަސްކަން ނެތިކުރެއްވެވުން އެދި ދުޢާކުރައްވަވައެވެ."

" There is not a day upon which a person awakens but that two angels descend. One of them says: O Allah, repay one who spends in charity! The other says: O Allah, destroy the wealth of one who withholds!" (Muslim)

"ޞަދަޤާތް ދިނުމުގައި އަވަސްވެގަންނާށެވެ. އެއީ މިޞީބާތްތަކުން ސަލާމަތްވެވޭ އައްޑަނައެކެވެ." ތިރުމިޛީ

މީހަކު އެހީއަކަށް އެދޭނީ ކޮން ވަގުތަކުކަމެއް ނުއެނގޭނެއެވެ. މަގުމަތިންވެސް މާރުކޭޓަކުންވެސް މީހަކު އެހީއަކަށް އެދިފާނެއެވެ. އެދިއްޖެ ނަމަ ގިނަ ބައަކު ކޮންމެވެސް އެހީއެއްވެސް ވެއެވެ. އެއީ ހަމަ ކުރަން ޖެހޭ ވެސް ކަމެކެވެ.

ސަމާލުކަން ދޭންވީ ކަމަކީ ވަގުތު ކިތަންމެ ނެތި ނަމަވެސް މީހަކަށް އެހީތެރިވާނަމަ އެކަމުން ލިބެން ޖެހޭ ފުރިހަމަ ސަވާބު ލިބޭނެ ގޮތަށް އެކަން ކުރުމަށެވެ. ތިމާ ޞަދަޤާތް މިކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބަށް އެދިކަމާއި ﷲ ތައާލާއަށްޓަކައިކަން ހިތް މައްޗަށް ގެނައުމަށެވެ. ކިޔަންޖެހޭ ޛިކްރުތައް ކިޔުމަށެވެ.

އެހެނީ ކޮންމެ ކަމެއްގައިވެސް ﷲ ތައާލާ ބައްލަވައި ވޮޑިގެންވަނީ އެކަން ކުރި މީހާގެ ނިޔަތަށެވެ. ޤިޔާމަތް ދުވަހު ސަވާބު ދެއްވަވާނީ އެމީހާގެ ނިޔަތުގެ މައްޗަށް ކަމުގައިވާތީއެވެ. ހިތާމައަކީ މީސްތަކުން މިއަދު "ބިޒީ" ވެފައި ތިބޭވަރުން މިފަދަ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމެވެ.

މީސްތަކުންނޭވެ! ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އަބަދުވެސް ހިތުގައި ﷲ ތަޢާލާ ހަނދުމަކޮށްގެން އުޅެން މަސައްކަތްކުރާށެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! އެއިރުން އޮޓޮމެޓިކުން ކަންކަން ކުރެވޭނީ އެންމެ ރަނގަޅު ގޮތުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން