ކަމެއް ކުރަން ބޭނުންވުމުން ނުވަތަ ކަމެއް ޙާޞިލުކުރަން ބޭނުންވުމުން ގިނަ ބައަކު އަބަދުވެސް އެދޭނީ އެކަމެއް ހިންމަވައި ދެއްވެވުމަށެވެ. އެކަމެއް މިންވަރުކުރެއްވެވުމަށެވެ. ނަމަވެސް ހިންމަވައި ދެއްވެވުމަށް އެދުމާއިއެކު އެކަމެއް ޙާޞިލު ކުރެވޭނެ މަގު ފަހިކޮށްދެއްވެވުން އެދިވެސް ދުޢާކުރާށެވެ.
ވަރަށް ގިނަ ކަންކަމުގައި ﷲ ތައާލާ ފަހިކޮށްދެއްވަވަނީ އެކަމެއް ޙާޞިލުކުރެވޭނެ މަގެވެ. ނުވަތަ ގޮތްތަކެވެ. އެމަގުން ސާބިތުކަމާއިއެކު ކުރިއަށް ދިއުމުން ކަންކަން ދާނީ ﷲ ތަޢާލާގެ ވާގިފުޅާއިއެކު ޙާޞިލުކުރެވެމުންނެވެ.
މިސާލަކަށް ތަނަވަސް އެދި ދުޢާކުރުމަކުން ޖީބަށް ފައިސާތަކެއް ނުވަންނާނެއެވެ! ﷲ ތަޢާލާ ފަހިކޮށްދެއްވަވާނީ ޖީބަށް ފައިސާގިނަކުރެވޭނެ މަގެވެ. ގޮތެކެވެ. އެމަގުން ކުރިއަށް ދިއުމުން ދާނީ ޖީބަށް ފައިސާ އިތުރުވަމުންނެވެ. އިން ޝާ ﷲ
ޙަޔާތުގައި ކުރާ ކޮންމެ ކަމެއްވެސް އެމީހަކަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރާށެވެ. އަދި އެކަމަކުން ހެޔޮ ގޮތްތައް މެދުވެރިވުމަށް އެދޭށެވެ. ނަމަވެސް އެކަމެއްގެ ނަތީޖާ އެންމެ ފުރިހަމައަށް ލިބޭނެ ކަމަށް ޔަޤީން ނުކުރާށެވެ! ޙާޞިލުކުރެވޭނީ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ވަރެއް ކަމުގައިވާތީއެވެ.
އެދޭ ނަތީޖާ ޙާޞިލު ނުކުރެވުމުން މާޔޯސްވެ ގޮތް ހުސްވަނީ މިބުނި ކަންކަމަށް ނުވިސްނައި އަބަދުވެސް އެންމެ ފުރިހަމަ ނަތީޖާއަށް އެދޭތީއެވެ. އަހަރެމެންނަށް އޮތީ އެންމެ ބޭނުން ނަތީޖާއަށް އުންމީދު ކުރުމެވެ. ދެއްވެވި މިންވަރަށް ޝުކުރުވެރިވުމެވެ. އެގޮތުގައި ސާބިތުވެއްޖެ މީހަކަށް ދުވަހަކުވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ!
--މުފްތީ މެންކުގެ ދަރުސަކުން