ދުޢާޢަށް އަތް އުފުލުމުގެ ކުރިން ﷲ އަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަން އަދާކުރެވޭ މިންވަރު ބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދުޢާޢަށް އަތް އުފުލުމުގެ ކުރިން ﷲ އަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަން އަދާކުރެވޭ މިންވަރު ބަލާށެވެ!

ބައެއް މީހުން ދިރިއުޅުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކޮށް ތިބެގެން ރިޒްޤް ދެއްވެވުމަށް އެދި ދުޢާ ކުރެވެއެވެ. އެފަދަ މީހުންނަށް ބުނެވޭނެތެވެ. ރިޒްޤް ހޯދަން މަސައްކަތްކުރަން ﷲ ތަޢާލާ އަނގަވާފައި ނުވޭ ހެއްޔެވެ؟

ބައެއް މީހުން އެމީހުންގެ އަނިބިން މަތިން ފޫހިވުމުން ނުވަތަ ރުޅި އައުމުން ބަދު ދުޢާ ކުރެއެވެ. އެފަދަ މީހުންނަށް ބުނެވޭނެތެވެ. ތިބާއަށް އަނބިމީހާ އާއި އެކުގައި އުޅެވެން ނެތް ނަމަ ވަރިކުރުން އޮތީ ހުއްދަކުރައްވަވާފައި ނޫން ހެއްޔެވެ؟

ބައެއް މީހުންނަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ބޭކާރު ގޮތުގައި އިސްރާފްކުރުމަށްފަހު ތަނަވަސްކަމަށް އެދި ދުޢާކުރެއެވެ. އެފަދަ މީހުންނަށް ބުނެވޭނެތެވެ. އިސްރާފު ނުކުރުމަށާއި އިޤްޠިޞާދުކުރަން ﷲ ތައާލާ އަނގަވާފައި ނުވޭހެއްޔެވެ؟

ލިޔެ ކިޔުމާއި ނުލައި ދަރަނި ދޭ މީހުންނަށް ދަރަނި ނުލިބުމުން ދަތިވެ ދުޢާ ކުރެއެވެ. އެފަދަ މީހުންނަށް ބުނެވޭނެތެވެ. ދަރަނި ދޭއިރު ލިޔެ ކިޔުން ބަހައްޓަން ﷲ ތަޢާލާ އަންގަވާފައި ނުވޭހެއްޔެވެ؟

މިބަސްތަކުން އެނގިގެންދަނީ ކޮންމެ މީހަކު ވެސް ފުރަތަމަ އަދާކުރަން ޖެހެނީ އެމީހެއްގެ މަސްއޫލިއްޔަތުކަމެވެ. ކަންކަން ކުރަންވީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމެވެ. ހިތަށް އެރިހައި ގޮތަކަށް ކަންކަން ކުރުމަށްފަހު ދުޢާ ކުރުމާއިމެދު ވިސްނަން ޖެހޭނެ ކަމެވެ.

ދިރިއުޅުމުގެ ހުރިހާ ކަންކަމުގައިވެސް ޢަމަލުކުރަންވީ ގޮތް ﷲ ތަޢާލާ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ރަސޫލް (ﷺ) ގެ ސުންނަތާއި ޙަދީޘްފުޅުތްކުން އިތުރަށް ފުރިހަމަކަން ލިބިގެންދެއެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަން ޖެހޭ ކަމަކީ އިސްލާމް ދީނުގައިވާ ގޮތަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ އެއީއެވެ. ވީމާ ދުޢާކޮށް ﷲ ތައާލާގެ ޙަޟްރަތުން ވާގި އެދުމުގެ ކުރިން ކިޔަމަންތެރިކަން އަދާކުރާ ބައަކަށްވާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން