ދެމަފިރިއެއްގެ މެދުގަ މައްސަލައެއް ޖެހިގެން އުޅޭކަން އެނގޭއިރަށް އެކަމެއް އިތުރަށް ހޫނުކުރަން ކަންކަން ކުރުމަކީ އިންސާނެއްގެ ހައިޞިއްޔަތުންވެސް ބޭރުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ދެމަފިރިއެއްގެ މެދުގަ މައްސަލައެއް ޖެހިގެން އުޅޭކަން އެނގޭއިރަށް އެކަމެއް އިތުރަށް ހޫނުކުރަން ކަންކަން ކުރުމަކީ އިންސާނެއްގެ ހައިޞިއްޔަތުންވެސް ބޭރުވުން!

މިހާރަކަށް އައިސް މިފެންނަނީ ދެމަފިރިއެއްގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެ ނަމަ އެކަމެއް އިތުރަށް ހޫނުކުރަން މަސައްކަތްކުރެވޭތަނެވެ. ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް އެފަދަ އަމަލެއް ކޮށްފިނަމަ އެކަންވާނީ ފިތުނަ އުފެއްދުން ކަމަށެވެ. ދެމަފިރިން ދުރުކުރަން މަސައްކަތްކުރުން ކަމަށެވެ. އެއީ ހާދަހައިވާ ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ.

ދީނުގައި އޮތްގޮތް ބަލަން ބޭނުން ނުވާ މީހުން އެކަން އެއްފަރާތެއްގައި ބާއްވާފައި ދުނިޔަވީ ގޮތުން ބެލިނަމަވެސް ދެމަފިރިއެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހޫނުކުރަން ަމސައްކަތްކުރުމަކީ އިންސާނިއްޔާއިވެސް ޚިލާފްކަމެކެވެ. އެފަދަ ކަންކަން ކުރާމީހުން އެދަނީ އިންސާނިއްޔަތުކަމުންވެސް ބޭރުވަމުންނެވެ.

އެއްވެސް މުސްލިމަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބެން އުޅޭނަމަ އެމީހަކު އެކަމުން ސަލާމަތްކުރަން ކުރެވެންހުރި ކަންކަން ކުރުމަކީވެސް ހަމަ ވާޖިބެކެވެ. ފުރިހަމަ މައުލޫމާތު ނުއެނގޭތީ އެނގޭ މިންވަރު ހާމަކުރަން ފަސް ނުޖެހޭށެވެ. ކިތަންމެ ކުޑަ މައުލޫމާތެއްގެ ސަބަބުން ވެސް ކަމެއް މުޅިން ބަދަލުވެގެން ހިނގައިދާނެއެވެ. މުޞީބާތަކުން މީހަކު ސަލާމަތްކުރަން މަސައްކަތް ކޮށްފިނަމަ، އެފަދަ ކަމެއްގައި އެހީތެރިވެއްޖެ ނަމަ އެކަމުގެ ހެޔޮ ބަދަލު އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. މިދުނިޔޭގައި މީހަކު މުޞީބާތަކުން ސަލާމަތްކޮށްދީފިނަމަ ޤިޔާމަތް ދުވަހު އެމީހަކު މުޞީބާތަކުން ސަލާމަތްކޮށްދެއްވަވާނެތެވެ.

މިދުނިޔޭގައި ކުރިމަތިވާ މުޞީބާތްތަކުން މީސްތަކުން ސަލާމަތްވާން އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެއެވެ. އަދި ތަޢާލާގެ ކޯފާ ފިޔަވައި އެހެން މުޞީބާތްތަކަށް ކެތްތެރިވެސް ވެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހަކީ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަން ލިބޭނެ ދުވަހެއް ނޫނެވެ. ހޯދޭނެ ދުވަހެއްވެސް ނޫނެވެ. ވީމާ އެހެން މީހަކު މުޞީބާތަކުން ސަލާމަތްކުރަން އެހީތެރިވެދީ މަސައްކަތް ކޮށްދިނުމަކީ ކޮންފަދަ ފައިދާ ބޮޑު، މަތިވެރި އަޅުކަމެއް ހެއްޔެވެ؟

ދެމަފިރިއެއްގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގޭނަމަ އެކަމެއް ޙައްލުކުރަން އެހީތެރިވެދިނުމަކީ މުސްލިމުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެއީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. އަދި ގިނަގުނަ ސަވާބު ދެއްވަވާ އަޅުކަމެކެވެ.

ނަމަވެސް މިހާރަކަށް އައިސް ގިނައިން ފެންނަނީ އެފަދަ ކަންކަމުގައި މީހުން އެހީތެރި ނުވެ ދުރުގައި ތިބޭތަނެވެ. އެހެން ނުހަދާށެވެ. ޖެހިގެން އުޅޭ މައްސަލަ ރަނގަޅު ގޮތުގައި ޙައްލުކުރަން އެހީތެރިވެދޭށެވެ. ތިމާއަށް އެކަމާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް އެނގިފައިވާނަމަ، އެ މައުލޫމާތެއް ހާމަކުރުމުން އެއްވެސް ފައިދާއެއް ކުރާނެ ނަމަ އަވަހަށް އެކަން ހާމަކުރާށެވެ. އެކަމުން ފައިދާކުރާނެ ގޮތަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން