ޖުލައިބީބު ރަޟިޔަﷲ ޢަންހު
جُلَيْبِيب رضى اللّـه عنه، އަކީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އަންޞާރިއްޔަ ބޭކަލެކެވެ. ނުހަނު ދަރަޖަ މަތިވެރި ޞަޙާބީބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނުގެ ދަރަޖަމަތިވެރި ކަމާގާތަށްވެސް އެކަލޭގެފާނާ ބެހޭ މަޢުލޫމާތެއް ލިބޭކަށް ނުހުރެއެވެ. އިސްލާމީ ތާރީޚުގެ އެދުރުން އެކަލޭގެފާނުގެ ހަސަބުފުޅެއް ނަސަބުފުޅެއް ބަޔާން ކުރައްވާފައެއްނުވެއެވެ.
جُلَيْبِيب رضى اللّـه عنه، އަކީ މާރީތިފުޅު މީސްތަކުން ގަޔާވާކަހަލަ ބުރުސޫރަފުޅެއް ލިބިވަޑައިގެންފައިވާ ބޭކަލެއް ނޫނެވެ. އިސްކޮޅުފުޅުން ދިގު ބޭކަލެއްނޫނެވެ. އިސްލާމްދީން އައުމުގެ ކުރިން އެކަލޭގެފާނުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ މުޖުތަމައިން ބާކީކޮށްލައިފައެވެ. ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ މީހަކުވެސް އެކަލޭގެފާނާ މެދު ދެކެމުންގެންދަނީ އެކަލޭގެފާނަކީ އެބައިމީހުންނާ އެކުވެ އުޅުން އެކަށީގެންވާ ބޭކަލެއްނޫންކަމުގައެވެ. ތުނޑުސުފުރާޔަށްއަތްހަމަނުވާ ބޭކަލެއް ކަމުގައެވެ.
މަދީނާގެ މީސްތަކުންގެ ޖެއްސުންކުރުމާއި، ފުރައްސާރަކުރުމުގެ އަމާޒު ފަތްގަނޑަކަށް ކޮންމެ ދުވަހަކު އެކަލޭގެފާނު ވެވަޑައިގަންނަވަމުން ގެންދެއެވެ. މަލާމާތާއި ނުރުހުމުގެ ކަޅިތައް އަބަދުވެސް ހުންނަނީ އެކަލޭގެފާނަށް އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން އެކަލޭގެފާނު އެބައިމީހުންގެ ގެއަކަށް ވަތްކަމުގައިވިނަމަ އެކަލޭގެފާނަށް އެވެނި މިވެނި ގޮތެއް ހަދާނަމޭ ބުނެ އިންޒާރުވެސްދީ ހަދާފައިވެއެވެ.
جُلَيْبِيب رضى اللّـه عنه ގެ ބޭރުފުށުން އައިބު ސިފަތަކާއި ނުކުޅެދުންތެރިކަން ފެނުނު ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅަކީ އެއްވެސް އައިބެއް މިލައެއް ދިލައެއް ނެތް ސާފު ހިތްޕުޅެކެވެ. އިސްލާމްދީނުގެ ދަޢުވަތު މަދީނާގެ އުދަރެހުން އުދަވުމުން އެންމެ ފުރަތަމަ އެދަޢުވަތަށް ލައްބައިކައޭ ވިދާޅުވެ އިޖާބަދެއްވި ބޭކަލުންގެ ތެރޭގައި جُلَيْبِيب رضى اللّـه عنه ހިމެނިވަޑައިގެންނެވިއެވެ.
މާތް ރަސޫލާ ﷺ ގެ އަރިހުގައި
ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެން އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވިއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީބޭކަލުންނަށް އެންމެހައި މަކާރިމުލް އަޚްލާޤުގެ ސިފަތައް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. ޖާހިލިއްޔަ ޒަމާނުގެ އެންމެހައި ހުތުރު ފާފަތަކާއި އާދަތައް ދޫކޮށް އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށް މީސްތަކުންނަށް އަމުރުކުރައްވަމުން ގެންދެވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ޖާހިލިއްޔަ ޒަމާނުގައި އަނިޔާގެ އަމާޒު ފަތްގަނޑަކަށް ހަދަމުން ގެންދާ ބައެކެވެ. އެބައިމީހުންނާ ދޭތެރޭގައި މުއާމަލާތް ކުރަމުންގެންދަނީ ޖަނަވާރުންނާ ދޭތެރޭގައި ކަންކުރަމުން ގެންދާ އުސޫލުންނެވެ. އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم ގެންނެވި ރިސާލަތުގެ ސަބަބުން އެފަދަ މީހުންގެ ހިތްތަކަށް ދިރުން ލިބިގެންދިޔައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ސަމާލުކަން ދެއްވައެވެ. އެބައިމީހުންނަކީވެސް މުޖުތަމަޢުގައި ބޭނުންތެރި ބައެއްކަމުގައި މީސްތަކުންނަށް ވިސްނަވައިދެއްވިއެވެ. ޚުދު އެކަލޭގެފާނު އެކަމުން މިސާލު ދެއްކެވިއެވެ. އެގޮތުން ރަސޫލާ صلّى اللّـه عليه وسلّم ދަތުރުފުޅަކު ނިކުމެވަޑައިގަންނަވާ ނަމަ ލޯފަން ޞަޙާބީބޭކަލެއްކަމުގައިވާ عبد اللّـه بن أمّ مكتوم رضى اللّـه عنه މުއައްޒިނެއްކަމުގައި ހަމަޖައްސަވައެވެ. މީސްތަކުންނާއިގެން އެކަލޭގެފާނު އިމާމުވެވަޑައިގެން ނަމާދުކުރައްވައި ހައްދަވައެވެ.
މީގެ އިތުރުން ރަސޫލާ صلّى اللّـه عليه وسلّم ބަޔާންކޮށްދެއްވަމުން ގެންދެވި އެއްކަމަކީ، މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ތަޤްވާވެރިކަން ބޮޑު މީހާކަމުގައެވެ. اللّـه سبحانه وتعالى މީސްތަކުންގެ ބޭރުފުށައް ބައްލަވައިވޮޑިނުގަންނަވާ ކަމުގައެވެ. އެއިލާހު ބައްލަވައިވޮޑިގެންވަނީ އިންސާނާގެ އެތެރެފުށުގެ ރީތިކަމަށް ކަމުގައެވެ. އަމަލުތަކަށް ކަމުގައެވެ. މިދެންނެވި ކަންތައްތަކުގެ ސަބަބުން جُلَيْبِيب رضى اللّـه عنه ގެ ހިތްޕުޅަށް ފަރުވާލިބެމުންދިޔައެވެ.
އަދި ނުނިމޭ
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް