ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ޔަޙްޔާ عليهم السلام އަށް ﷲތަޢާލާ އަންނަނިވި އާޔަތުގައި ޘަނާވަޙީކުރެއްވިއެވެ.
﴿فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴾ (سورة الأنبياء ٩٠)
މާނައީ: "ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް ޚުޝޫޢަތްތެރިވާ ބަޔަކުކަމުގައި އެބޭކަލުންވިއެވެ."
މިއާޔަތާއިމެދު މިގޮތަށް ނިކަން ވިސްނައިލަބަލާށެވެ!
"ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން ރަނގަޅުކޮށްދެއްވީމެވެ."
އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބު މިއޮތީއެވެ.
"ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް ޚުޝޫޢަތްތެރިވާ ބަޔަކުކަމުގައި އެބޭކަލުންވިއެވެ."
ޒަކަރިއްޔާގެފާނު ކުރެއްވެވި ދުޢާ:
رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا
"އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ."
وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا
"އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ!"
(މަރްޔަމް، 4،5)
އަދި އެވަރަކުންވެސް ފުއްދަވައެއް ނުލައްވަވައެވެ. ދެއްވަވާ ދަރިކަލުންނަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކު ކަމުގައި ލެއްވެވުން އެދިވަޑައިގެންވެސް ދުޢާ ކުރެއްވެވީއެވެ.
يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا
"ތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ!" (މަރްޔަމް: 6)
ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ ޢިޖާބަ ކުރައްވަވައި ވަޙީ ކުރެއްވެވިއެވެ.:
يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا
"އޭ زكريّا ގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيى އެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ." (މަރްޔަމް: 7)
މިކަންކަން މިބަޔާންކުރީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކުންނެވެ. ވީމާ އިތުރަށް ކިޔަން އޮތީ ކީކޭހެއްޔެވެ؟ ދުޢާކުރަން އޮތް މަގުން ދުޢާކުރާށެވެ! ޢިއްދައިން ކެނޑުމާއި ފަނިމަރުވުމާއި ކިތަންމެ ބޮޑަށް މުސްކުޅިވުމާއި މިއިން އެއްވެސް ކަމަކީ ﷲ ތަޢާލާ އިރާދަ ކުރައްވަވައިފިނަމަ އެކަލާނގެ ޙަޟްރަތުން ޙައްލުކުރައްވަވައި ދެއްވަވަން އެއްވެސް ހުރަހެއް އޮތް ކަންކަމެއް ނޫނެވެ!
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا
"ކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهاية އަށް ފޯރާފައެވެ." (މަރްޔަމް: 8)
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئًا
"ކަލާނގެ وحى ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ." (މަރްޔަމް: 9)
ﷲ ތައާލާއަށް ކިޔަމަންތެރިވާށެވެ! އިތުބާރުކުރާށެވެ! ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރަމުން ވެސް ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! އެކަލާނގެ އިރާދަކުރައްވަވާ އަޅުންނަށް ހިންމަވައި ދެއްވަވާނެތެވެ! އން ޝާ ﷲ ނޫންނަމަ ޝުކުރުވެރިވެ ކެތްތެރިވާށެވެ! މާޔޫސްވުމެއް ނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން