ދަރިން މައިންނާ ވަކިކުރާ މީހާ، ޤިޔާމަތް ދުވަހު އޭނާ އެންމެ ލޯބިވާ މީހާ އާ ވަކިކުރައްވަވާނެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދަރިން މައިންނާ ވަކިކުރާ މީހާ، ޤިޔާމަތް ދުވަހު އޭނާ އެންމެ ލޯބިވާ މީހާ އާ ވަކިކުރައްވަވާނެ!: ޙަދީޘް

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ކައިވެނި ރޫޅާލަން ޖެހޭ ޙާލަތުގައި، ދަރިން ދެކެ ލޯބި ނުވި ނަމަވެސް. ހަމައެކަނި މައިމީހާގެ ހިތުގައި ޖެއްސުމުގެ ބޭނުމުގައި ދަރިންނާއި މައިންވަކިކުރާ ބައްޕައިން އުޅެއެވެ. ވީމާ މިކަން އޮތް ގޮތާއިމެދު ވިސްނާލަމާ ހިނގާށެވެ!

އަނބިން ވަރިކުރުމަށްފަހުގައިވެސް އަނބިމީހާ ދެކެ އަންނަ ރުޅީގައި ދަރިންނާއި ދަރިންގެ މައިމީހާ ވަކިކޮށް ދުރުކުރާ މީހުން އެބަ އުޅެއެވެ. މިއީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ވަރަށް ހިތާމަކުރަން ޖެހޭ ކަމެކެވެ. ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައެކެވެ.

ދަރިން މައިންނާއި ވަކިކުރަން ޖެހޭނީ އެހެން ގޮތެއް ނެތިގެންނެވެ. މިސާލަކަށް އަނބިމީހާއަކީ ދަރިން ބެލެހެއްޓުމުގައި އިހްމާލްވާ، އޭނާގެ ކިބައިގައި ނުބައި އަޚްލާޤީ ސިފަތައް ހުރުމުން އެކަމުގެ ނޭދެވޭ އަސަރު ދަރިފުޅަށް ކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮތުން ފަދަ މައްސަލައެއް ނެތި މައިންނާއި ދަރިން ވަކިކުރުމަކީ ދަރިންނަށް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ.

ދިރިއުޅުމުގައި ކުރިމަތިވާ ޙާލަތެއްގެ ސަބަބުން ދެމަފިރިން ވަރިވާން ޖެހުނު ނަމަވެސް، ދެމަފިރިން ވަކިވި ނަމަވެސް އެކަމުގެ އަސަރު ދަރިންނަށް ނުކުރާނެ ގޮތަކަށް ކަންކަން ކުރުމަކީ ހަމަ ދެމަފިރިންގެ ވެސް ޒިންމާއެކެވެ. ދަރިފުޅު ބެލުމާއި މައިމީހާ ޙަވާލުވި ނަމަވެސް ބައްޕަ އާއި ދަރިފުޅާއި ދެމެދަށް އެއްވެސް ހުރަހެއް އަޅައިގެން ނުވާނެއެވެ. އެހެނީ މައިމީހާގެ އަޅައިލުމާއި ލޯބި ދަރިފުޅަށް ބޭނުންވާފަދައިން ބައްޕަގެ އަޅައިލުމާއި ލޯބިވެސް ދަރިންނަށް ހަމަ އެހައިމެ މުހިންމެވެ.

Prophet Muhammad (ﷺ) said: "Whoever separates between a mother and her child, then Allah will separate between him and his beloved on the Day of Judgement." Tirmidhi 1566

މީގެ އިތުރުން މި ޙަދީޘްފުޅަށް ވިސްނައިލުމަކީ ވެސް ކުރަން ޖެހޭނެ ކަމެކެވެ. މި ޙަދީޘްފުޅުގައި ވަރަށް ސާފުކޮށް އެވަނީ މައިންނާއި ދަރިން ވަކިކުރުމުގެ ހުރި ނުބައިކަމެވެ. އަދި އެފަދަ ކަންކަން ކުރާ މީހުންނަށް ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތެވެ. ދަރިން މައިންނާއި ވަކިކުރާ މީހާ (ދުރުކުރުވާ މީހާ)، އެމީހާ އެންމެ ލޯބިވާ މީހުންނާއި ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދުރުކުރައްވަވާނެތެވެ. (ބައްދަލެއް ނުވާނެއެވެ)

މިއީ އެއްވެސް މީހަކު އެމީހަކަށް މެދުވެރިވުމަށް އެދޭނެ ގޮތެއް ނޫނެވެ. ވީމާ މިކަމަށް އެންމެން ވެސް ހޭލުންތެރިވާށެވެ. އަދި މިފަދަ ކަމެއް ކުރުމަށް ވެސް އެއްވެސް މީހަކު ހިތްވަރުދީ ބާރު ނުއަޅާށެވެ.

މިއަދު އޮންލައިން