ޢިލްމުގެ މޭވާއަކީ ޢަމަލުކުރުމެވެ. އަދި ދުނިޔޭގެ ލައްޛަތު ލިބޭނީ ހެޔޮޢަމަލުތައް އިތުރުކުރުމުންނެވެ. އަދި އިޚްލާޞްތެރިކަމުގެ ޢަލާމާތަކީ ﷲއަށް ކިޔަމަންގަތުން އިތުރުކުރުމެވެ. އަދި ސުވަރުގޭގައި މަންޒިލު އިތުރުވަނީ މާތްކަން އިތުރުކުރިވަރަކަށެވެ. މީސްތަކުންގެ ތެރެއިން އެންމެ ފަޟީލަތްތެރިމީހުންނީ ކިޔަމަންގަތުމުގެ ޢަމަލުތައް އިތުރުކުރުމުގެ ނަމޫނާއެވެ.
ފަހެ އިބްރާހީމް عليه السلامގެ ކިޔަމަންގަތުމުގެ ޢަމަލު ގިނަކަމުން ﷲތަޢާލާ އެކަލޭގެފާނާ ބެހޭގޮތުން ޘަނާގެ ބަސް ވަޙީކުރެއްވިއެވެ. ފަހެ އެކަލާނގެ ވަޙީކުރެއްވިއެވެ.
﴿إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّـهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ…﴾ ( سورة النحل ١٢٠)
މާނައީ: "ހަމަކަށަވަރުން އިބްރާހީމްގެފާނީ ﷲ އަށް ކިޔަމަންތެރިވެވަޑައިގެން ޝިރުކުން އެއްކިބާވެ ތައުޙީދުގެމަތީ ހުންނެވި އުންމަތެއްކަމުގައިވިއެވެ. (އެބަހީ: އިމާމެއްކަމުގައިވިއެވެ.) އަދި މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ."
ފަހެ އެކަލޭގެފާނަށް “ޤުނޫތު”ގެ ޞިފަލިބިފައިވާކަމަށް އެކަލާނގެ ޞިފަކުރެއްވިއެވެ. އެއީ ކިޔަމަންގަތުމުގައި ދާއިމުވުމެވެ.
ދާވޫދު عليه السلام އެއްދުވަހު ރޯދަހިއްޕަވާ އަނެއްދުވަހު ރޯދަ ނުހިއްޕަވާދޫކުރައްވައެވެ. އަދި ރޭގަނޑުގެ ދެބައިކޮޅު އެއްބައިގައި ނިދިކުރައްވައެވެ. އަދި ތިންބައިކުޅަ އެއްބައިގައި ނަމާދުކުރައްވައެވެ. އަދި (ދެން) ރޭގަނޑުގެ ހަބައިކުޅަ އެއްބައިގައި ނިދިކުރައްވައެވެ.
- މަސްދަރު: ދިސަލަފިއްޔާ
އަޅުކަންކުރުމުގައި އަޅުގަނޑުމެންނަށް އެބޭކަލުންނާ އަރާހަމަނުކުރެވިދާނެއެވެ! ނަމަވެސް ކުރެވުނުހައި ގިނައިން ކުރަން މަސައްކަތްކުރަމާތޯއެވެ؟ ފަރުވާކުޑަކޮށްލާފައި ﷲ ތަޢާލާއަށް ދައްކާނީ ކޮން މޫނެއްތޯއެވެ؟