އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް އެމީހެއްގެ ޙަޔާތުގެ ބައިވެރިއަކަށް ވަކިމީހަކު ދެއްވެވުން އެދި ދުޢާނުކުރާށެވެ! ކިތަންމެ ބޮޑަށް ލޯބިވާ މީހަކު ހުރިނަމަވެސްމެއެވެ.
ލޯބިވެގެން އުޅޭއިރު އޭނާގެ ހުރި އުނިސިފަތަކެއް ނުފެންނާނެއެވެ. އަދި އެއްވެސް މީހަކު ފަހުން ކަންކަން ކުރާނެ ގޮތެއްވެސް ނުއެނގޭނެއެވެ. އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ލޯބިވެގެން އުޅެމުން ކުރާ ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީވެސް އެއީއެވެ. ލޯބިވެރިޔާ ދެއްވެވުން އެދި ދުޢާކުރަން ފެށުމުން ދެއްވަވަނީއެވެ. އެއީ ކިތަންމެ ނުބައި ސިފަތަކެއް ހުރި މީހަކުނަމަވެސްމެއެވެ. ކިތަންމެ ބޮޑު އަނިޔާވެރިއެއް، މަކަރުވެރިއެއް ނަމަވެސްމެއެވެ. އޭނާގެ ޙަޤީޤީ ސިފަ މިފެންނަނީ އެކުގައި ދިރިއުޅެން ފެށުމުންނެވެ. އެހިސާބުން ޖެހެނީ އޭޏާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ!
ވީމާ ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރާއިރު ކަނޑައެޅިގެން މިވެނި މީހަކު ދެއްވެވުން އެދި ދުޢާނުކުރާށެވެ! ކޮންމެހެން ވަކި މީހަކަށް އެދި ދުޢާކުރަން ބޭނުންނަމަ އޭނާ އާއި ކައިވެނިކުރުމަކީ މިއަޅާއަށް އެންމެ ފައިދާކުރާނެ ރަނގަޅު ގޮތްނަމަ އޭނާ ދެއްވެވުމަށް އެދޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން