ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ: ބޭނުންފުޅުވާ ކަމެއް ޙާޞިލްކުރެއްވެންދެން ޛިކުރު ކުރެއްވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ: ބޭނުންފުޅުވާ ކަމެއް ޙާޞިލްކުރެއްވެންދެން ޛިކުރު ކުރެއްވި!

އަދި ޝައިޚަލް އިސްލާމްގެ އަމިއްލަ ނަފްސާ ބެހޭގޮތުން ވިދާޅުވިއެވެ: "ތިމަންގެ ވިސްނުން މަސްއަލައަކާ ބެހޭގޮތުން އަދި އެއްޗަކާ ބެހޭގޮތުން ހުއްޓެއެވެ. ނުވަތަ ބައެއް ޙާލަތްތަކާ ބެހޭގޮތުން އޮޅުން އަރައެވެ. ފަހެ ﷲ ތަޢާލާގެ ޙަޟްރަތުން އެއްހާސްފަހަރަށް ނުވަތަ އެއަށްވުރެއްވެސް ގިނަފަހަރު ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ. އެއީ ތިމަންގެ މޭ ތަނަވަސްވެއްޖެއުމަށް ދާންދެވެ. އަދި އެރި އޮޅުން ފިލަންދެނެވެ."   

[العقود الدرية لإبن عبدالهادي / ص٧]

އަދި ވިދާޅުވިއެވެ. 

"އަދި އޭރު ތިމަން ބާޒާރުގައި ނުވަތަ މިސްކިތުގައި ނުވަތަ ތަމްރީނުގައި ނުވަތަ މަދްރަސާގައިވަމެވެ. ނަމަވެސް ޛިކުރުކުރުމުންނާއި އިސްތިޣްފާރުކުރުމުން އެކަން ތިމަންނައަކަށް މަނައެއްނުކުރެއެވެ. އެއީ ތިމަން ބޭނުންވާ ކަމެއް ޙާޞިލްވަންދެނެވެ." 

އަދި އިބްނުލް ޤައްޔިމް رحمه الله އާ ބެހޭގޮތުން އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ:  

"އަޅުގަނޑުމެންގެ ޒަމާނުގެ ޢިލްމުގެ އަހުލުވެރިންތެރޭގައި އެކަލޭގެފާނަށްވުރެ ގިނައިން އަޅުކަންކުރާ ބޭކަލެއް އަޅުގަނޑުނުދަންނަމެވެ. އަދި ނަމާދުކުރާއިރު ދިގު ކުރެއްވުމުގެ ގޮތެއް ގެންގުޅުއްވިއެވެ. އަދި ރުކޫޢާއި ސުޖޫދުވެސް ދިގުކުރައްވައެވެ. އަދި އެކަލޭގެފާނާއި އެކީ އުޅުއްވާ ބައެއްބޭކަލުން އެކަމާ ބަސްބުނެހަދައެވެ. ފަހެ އެކަލޭގެފާނު އެކަމުން ރުޖޫޢަވެވަޑައިނުގަންނަވައެވެ. އަދި އެކަންކުރުމުން ދުރުހެލިވެވަޑައިވެސް ނުގަންނަވައެވެ."

[البداية والنهاية / ١٨، ٥٢٣] 

(ﷲއަށް)ކިޔަމަންތެރިކަން އަދާކުރުމަކީ ހިތަށް ދެއްވާ ނޫރެކެވެ. ފަހެ ﷲއަށް ގިނައިން އަޅުކަންކުރުމާއި މަޑުމޮޅިވުން އިތުރުކުރާށެވެ. އެއީ ޙާޞިލުކުރަން އެދޭކަން ޙާޞިލުކުރުމުގައި ވަރަށްވެސް ބޮޑުވާގިއެކެވެ. ﷲ ހަނދުމަކުރުމާއި އެއިލާހުގެ ފޮތް ކިޔެވުން އިތުރުކުރާށެވެ. އަދި ރޭގަނޑުގެ އަނދިރީގައި ރޭއަޅުކަންކުރާށެވެ. ފަހެ ހިތް ސާފުވެއްޖެނަމަ އަޘަރުކުރާނެއެވެ. އަދި ކިލަނބުވެއްޖެނަމަ ގެއްލުންދޭނެއެވެ. 

(މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.) 

- މަސްދަރު: ދި ސަލަފިއްޔާ

 

 

 

މިއަދު އޮންލައިން