ދެބަސްވުން އުފެދޭއިރަށް ކައިވެނި ރޫޅާލަން އަމިއްލައަށް ނިންމައިގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ދެބަސްވުން އުފެދޭއިރަށް ކައިވެނި ރޫޅާލަން އަމިއްލައަށް ނިންމައިގެން ނުވާނެ!

ވަރި މިހާބޮޑަށް އިތުރުވަމުން މިދާ އެންމެ ބޮޑު ސަބަބަކީ ދެމަފިރިންގެ މެދުގައި ދެބަސްވުމެއް އުފެދޭއިރަށް ކައިވެނި ރޫޅާލަން އަމިއްލައަށް ނިންމާތީއެވެ. ކައިވެނި ރޫޅާލުމުގެ ބާރު ފިރިމީހާއަށް ދެއްވަވާފައި އޮތުމަކީ އޭނާ ބޭނުންވާއިރަށް އެބާރުގެ ބޭނުންކުރަން އޮތް ސަބަބެއް ނޫނެވެ. 

ދެމަފިރިންނަށްވެސް އޮތީ ޞުލްޙަވާން މަސައްކަތްކުރުމެވެ. ވަރިއާއި ހަމައަސް ދާންޖެހޭނީ އެންމެފަހުންނެވެ. ދެން އެހެން ގޮތެއް ނެތުމުންނެވެ. މިކަމަށް ޤުރައާނުގައި ވަޙީބަސްފުޅު އެބައޮތެވެ. ހިތާމައަކީ ރުޅި އާދެވެ ހިނދު މިއާޔަތްމަތިން ހަނދާންވެސް ނެތޭކަމެވެ. 

﴿وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّـهُ بَيْنَهُمَا ۗ إِنَّ اللَّـهَ كَانَ عَلِيمًا خَبِيرًا﴾ [سورة النساء 35] 

މާނައީ: "އެ ދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެދެމީހުން ޤަޞްދުކުރާނަމަ ﷲ، އެ ދެމީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހު ކަމުގައިވެއެވެ." 

އަދިވެސް ވަޙީކުރައްވާފައިވެއެވެ. 

﴿وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ﴾ [سورة النساء 128] 

މާނައީ: "ފިރިމީހާ ދުރުހެލިވެ ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ." 

ޞުލްޙަވުމަށް އޮތް ވަޙީބަސްފުޅަސްވެސް ވިސްނައިލާށެވެ! 

﴿وَأَصْلِحُوا ذَاتَ بَيْنِكُمْ﴾ [سورة الأنفال 1]

މާނައީ: "އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިޞްލާޙު ކުރާށެވެ!" 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން