ތަޤުވާގެ ތިން ހަރުފަތްވެއެވެ.
1- ޝިރުކު ކުރުމުން ރައްކާތެރިވެ ނަރަކައިގެ ނިމުމެއްނުވާ ވޭންދެނިވި ޢަޒާބުން ރައްކާތެރިކަން ހޯދުން. މި ފަދައިން ތަޤުވާވެރިވާ މީހުންނާ ބޭހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
( وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ ) އަލްފަތްޙު 26 މާނައީ: ” އަދި ތަޤުވާގެ ކަލިމަ، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. “
2- އެކަމެއް ކުރުމުން ފާފަވެރިވާ ހުރިހާ ޢަމަލަކުން ދުރުވެގަތުމާއި އެކަމެއް ދޫކޮށްލުމުން ފާފަވެރިވާ ހުރިހާ ކަމެއް ދޫކޮށްލުމުން ދުރުހެލިވެގަތުން. މީގެތެރޭގައި އެންމެ ކުޑަ ފާފަތައްވެސް ހިމެނޭ ގޮތަށެވެ. ޝަރުޢީގޮތުން ތަޤުވާވެރިވުމޭ ބުނެވެނީ މިގޮތަށް ޢަމަލުކުރުމަށެވެ. އަދި ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގެ މުރާދައަކީވެސް މިއެވެ. ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ.
( وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ ) އަލްއަޢްރާފް96. މާނައީ: ” ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. “
ޢުމަރު ބުން ޢަބްދުލް ޢަޒީޒި ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
" ތަޤުވާ އަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވި ކަންތައްތައް ނުކޮށް ދޫކޮށްލުމާއި ﷲ ތަޢާލާ ފަރުޟުކުރެއްވި ކަންތައްތައް އަދާކުރުމެވެ. އަދި އެއަށްފަހު ﷲ ތަޢާލާ ދެއްވާ ރިޒުޤަކީ ހެޔޮކަމުގެ މައްޗަށްވާ ހެކޮކަމެކެވެ."
3- ސިއްރުގައި ކުރާކަންކަމުގައި ﷲ ތަޢާލާއަށް ބިރުވެތިވެ ރައްކާތެރިވުން:
ފަހެ މިއީ ޙައްޤު ތަޤުވާއިން ތާޤުވާވެރިވުމެވެ. ﷲ ތަޢަލާގެ އަންނަނިވި ވަޙީބަސްފުޅުގައި އައިސްފައިވަނީ މިގޮތަށް ތަޤުވާވެރިވުމުގެ ވާހަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
( يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ ) އާލް ޢިމްރާން 102. މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! “
އިބްނު ޢުމަރު –ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. ” ފަހެ އެއީ އެހެން އެއްވެސް މީހަކަށްވުރެ ތިމާ ހެޔޮވެގެންވާކަމުގައި ނުދެކުމެވެ. “
އަދި ނުނިމޭ
އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު